އިޒުރޭލުން ގައްޒާއަށް ހަމަލާދީ ކުރެވުނު 8 ދުވަހުގެ ހަނގުރާމައިގައި އިޒުރޭލުން ކާމިޔާބުހޯދިކަމަށް ޤަބޫލުކުރަނީ އިޒުރޭލުގެ 20 އިންސައްތަކަމަށް ސާރވޭއަކުން ދައްކައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނަތީޖާ ހާމަކުރެވުނު ޕޯލްގެ ނަތީޖާ ދައްކާގޮތުން ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން 29 އިންސައްތަ މީހުން ޤަބޫލުކުރާ ގޮތުގައި ކާމިޔާބީ ހޯދާފައިވަނީ ފަލަސްތީނުގެ ހަމާސް ޖަމާޢަތެވެ. އިޒުރޭލުން ކާމިޔާބީ ހޯދިކަމަށް ޤަބޫލުކުރަނީ ބައިވެރިންގެ ތެރެއިން އެންމެ 20 އިންސައްތައެވެ. އަދި ބައިވެރިންގެ 46 އިންސައްތަ ޤަބޫލުކުރާ ގޮތުގައި އެއްވެސް ފަރާތަކަށް ކާމިޔާބީ ލިބިފައެއް ނުވެއެވެ. އަދި މީގެ އިތުރުން ބައިވެރީންގެ 5 އިންސައްތަ މީހުންގެ އެއްވެސް ޖަވާބެއް ނެތެވެ.
ނޮވެމްބަރު މަހުގެ 14 އިން ފެށިގެން 21 ވަނަ ދުވަހާ ހަމައަށް އިޒުރޭލުން ގައްޒާއަށް ހަމަލާދީ ފަލަސްތީނުގެ 160 އަށްވުރެ ގިނަ މީހުން މަރާލައިފައިވެއެވެ. އަދި މި ހަމަލާ ތަކުގައި 1200 އެއްހާ މީހުން ޒަހަމްވެފައިވެއެވެ. މަރުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަ ކުދިން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...