ރިޕޯޓް މިއުޒިކީ ތަޢުލީމް: ވަށާޖެހޭ ތަޢުލީމީ ނިޒާމްގައި ދަރިވަރުން ވަކި ތައްގަނޑަކަށް ބައްޓަން ނުކުރުމަށް ވަރަށް މުޙިންމު ރޯލެއް އަދާކުރޭ! (2 ވަނަ ބައި)

މިއުޒިކީ ތަޢުލީމް: ވަށާޖެހޭ ތަޢުލީމީ ނިޒާމްގައި ދަރިވަރުން ވަކި ތައްގަނޑަކަށް ބައްޓަން ނުކުރުމަށް ވަރަށް މުޙިންމު ރޯލެއް އަދާކުރޭ! (2 ވަނަ ބައި)

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހަސަން ޝިޔާޒު

ލަވަޔާއި މިއުޒިކަކީ ރަލާއި މަސްތުވާތަކެއްޗާއި، ޒިނޭ އާއި ފާޙިޝް ކަންތައްތަކަށް މަގުފަހިކުރުވާ އެއްޗެކެވެ. ޝައިޠާނާ ވަނީ ލަވަޔާއި މިއުޒިކާއި، މަސްތުވާތަކެއްޗާއި ދެމެދު ލޯބީގެ އަޤުދުކޮށްފައެވެ. އެހެންވީމާ، މިއުޒިކެއް މަސްތުވާތަކެއްޗަކަށް ބޭވަފާއެއް ނުވާނެއެވެ. މަސްތުވާތަކެއްޗެއް މިއުޒިކަކަށް ބޭވަފާއެއް ނުވާނެއެވެ. ލަވަޔާއި މިއުޒިކް ވަނީ ރަލާއި މަސްތުވާތަކެއްޗާއި ގުޅިލާމެހިފައެވެ. ލަވަޔާއި މިއުޒިކަކީ އީމާންކަމުން  ވައްކަންކުރާ، މުރުއްވަތް ބަނަކުރާ، ބުއްދިއާއި ވިސްނުން ހަލާކުކުރާ، ހުރިހާ ފާހިޝް ކަނތައްތަކާއި ޝަހުވަތުގެ އެދުންތައް ކައްކުވާ އެއްޗެކެވެ. އަދި ފާޖިރު، ފާސިޤު ކަންތައްތަކާއި، ދޮގުވެރިކަމާއި، އަދާވާތްތެރިކަމާއި، މިފަދަ ނުބައިކަންތައްތައް މީހުންގެ ހިތްތަކަށް ވާރުތަކުރުވާ އެއްޗެކެވެ. އެއީ މސްތުވާތަކެތީގެ ލޯބިވެރިޔާ އެވެ. ޒިނޭގެ ފަންޑިތަވެރިޔާ އެވެ.

ކީރިތި ޤުރުޢާނަށް ލޯބިކުރާ، ޤުރުއާން ކިޔަވާ އެއަޑުއަހާ، އެއާއިމެދު ވިސްނާ ފިކުރުކުރާ މީހަކުވެސް،  ލަވަޔާއި މިއުޒިކް އަޑު އަހަން ފަށާ، މިއުޒިކްގެ ތެރޭގައި އުޅެން ފަށައިފިނަމަ، ކީރިތި ޤުރުއާން އޭނަގެ ހިތުން ނުކުމެގެންދާނެއެވެ. ޤުރުއާން ﷲ ގެ ޙަޟުރަތުގައި ޝަކުވާކުރަން ފަށާނެއެވެ.

ލަވަޔާއި މިއުޒިކްގެ އެންމެ ނުރައްކާތެރިކަމަކީ މިތަކެތީގެ ތެރެއަށް މަޑުމަޑުން މީހާ ވަދެ، މީހާ ރޮކުވަމުން ރޮކުވަމުން މިދާއިރާގައި ތަރައްޤީވަމުން މައްޗަށް ގޮސް، ޝައިޠާނާ އަށް ތަބާވެ، އިސްލާމްދީނުން ބޭރުވާ ހިސާބަށް ގެންދާކަމެވެ. އާދެ، ލަވަޔާއި މިއުޒިކަކީ މީހާ ކުފުރާއި ހަމައަށް ގެންދާ އެއްޗެއްކަން އަޅުގަނޑުމެންގެ ލޯމަތިން ދަނީ ފެންނަމުންނެވެ. މިއުޒިކްގެ ސަބަބުން ކަލަކުވޮޑިގެންނުވާކަމުގެ ފިކުރާއި، ދީނެއް ޤަބޫލުނުކުރުމުގެ ފިކުރާއި، މިފަދަ ނުރައްކާތެރި ގޯސް ފިކުރުތަކަށް މަގުފަހިކުރަމުންދާ ކަމަކީ ސާބިތުވަމުންދާ ކަންކަމެވެ. މިއުޒިކްގެ ތެރޭގައި އުޅޭ އެންމެން މިދަރަޖަ އަށް ނުދިޔަ ކަމުގައި ވިޔަސް، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ކަމަކީ ކިތަންމެ ކުޑަކޮށްވިޔަސް މިއުޒިކް އަޑުއަހާ ނުވަތަ މިއުޒިކް ކުޅެ އެކަމުގެ ތެރޭގައި އުޅޭ މީހާއަށް ﷲ ގެ އަޛާބުގެ ތެރެއިން މިންވަރެއް ޙައްޤުވާނެ ކަމަށް ކީރިތި ޤުރުއާނުން ދަލީލު ލިބޭ ކަމެވެ.

މިއުޒިކްގެ ތެރެއަށް ވަންނަ ބައެއް ކުދިން ފުރަތަމަ އަޑުއަހަން ފަށަނީ އާދައިގެ މިއުޒިކަކުންނެވެ. ފަހުން އާދައިގެ މިއުޒިކެއް ކަމުކުނުދެއެވެ. މީހާ ދަނީ ރޮކުވަމުން ރޮކުވަމުންނެވެ. މިއުޒިކްގެ އާދަޔާއި ޚިލާފް ވައްތަރުތައް ތަޖުރިބާކުރެއެވެ. "ބްލޫޒް"، "ހިޕްހޮޕް"، ރޮކްއެންރޯލް"، "ހެވީމެޓަލް"، "ޑެތް މެޓަލް" ފަދަ ފާޑު ފާޑުގެ މިއުޒިކްތަކުގެ އަވާގައި ޖެހެއެވެ. އޭގެ ސަބަބުން މީހާ ބޭނުންވަނީ އަބަދު "ޑެތް" ވެގެން އުޅޭށެވެ. އާދައިގެ އިންސާނުން އުޅޭ ގޮތަކަށް އުޅޭކަށް ބޭނުމެއް ނުވެއެވެ. މިއުޒިކްގެ މަޝްހޫރު ވިޔާނުދާ ފަންނާނުން ކޮޕީކޮށް ތިމާގެ ބުރުސޫރައިގައި ޝައިޠާނީ ވައްތަރު ޖައްސުވައެވެ. ގައިގެ އެކި ތަންތަން ތޮރުފާ ނަޓް އަޅުވާ ބޯލްޓް އަޅުވާ، ކަރާއި އަތްފައިގައި ފާޑުފާޑުގެ ފަށްތައް އަޅައެވެ. ފާޙިޝް، ވިޔާނުދާ މަންޒަރު ހުންނަ ހެދުން އެޅުމަށް ލޯބިކުރަން ފަށައެވެ. ބެލްޓެއް އެޅިޔަސް އޭގައިވެސް ޝައިޠާނީ ލޯގޯއެއްނެތި ކަމަކުނުދެއެވެ. ތިމާގެ ގައިގެ އެކި ތަންތަނުގައި ދީނުގައި ޙަރާމްކުރެވިފައިވާ ޓެޓޫޖަހައެވެ. ދިރިއުޅޭ ތަނުގައި ހުންނަނީ ސަޕޯޓްކުރާ ފަންނާނުންނާއި، ޝައިޠާނާގެ ފޮޓޯތަކާއި، ކުރެހުންތަކެވެ. މިފަދަ މީހުންގެ ކިބައިން އެހެން މީހުންނަށް އިޚްތިރާމްކުރުމާއި، މުރުއްވަތްތެރިކަމާއި، ލަދުޙަޔާތް ގެއްލިގެން ދެއެވެ. ބޮޑެތި ފާފަތަކަށް އަރައިގަތުމަކީ ކުޑަ ކަމަކަށްވެދެއެވެ. ކީރިތި ޤުރުއާން އަޑުއަހާކަށް ބޭނުމެއް ނުވެއެވެ. ޤުރުއާން އަޑުއިވުނަސް އެވަނީ އުނދަގުލަކަށެވެ. ދީނީ ނަޞޭހަތެއް، ދީނީ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނުވެއެވެ. މިހެންވުމުން، ޝައިޠާނާ އޭނާގެ ހިތުގައި އިސްލާމްދީނާއިމެދު ޝައްކުތަކާއި ވަސްވާސްތައް އުފައްދާ އޭނާ މުޅިން މަގުފުރައްދައެވެ. އަދި އެންމެ ފަހުގެ ނަތީޖާއަކަށް ވަނީ އިސްލާމް ދީނުގެ ޝަރުޢީ ކަންކަމަށް ގޮތްކިޔާ ފާޑުކިޔާ، ފުރައްސާރަކުރާ މީހަކަށްވެ މީހާ އިސްލާމްދީނުގެ ތަރަހައިން ބޭރުވެ، މީހާ ކުފުރާއި ހަމައަށް ދިއުމެވެ.

މައްސަލައަކީ މިހާ ސީރިއަސްކަން ބޮޑު، ނުރައްކާތެރި މައްސަލަ އަކަށްވެފައިވާއިރު އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމްގައި މިއުޒިކްގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރެވެމުން ދަނީ ކީއްވެބާވައެވެ؟ މިއުޒިކަކީ މިހާރު މިކިޔާ ވަށާޖެހޭ ތަޢުލީމީ ނިޒާމުގެ އެންމެ މުޙިންމު އެއް އަޞާޞަކަށް ހަދަން އުޅެނީ ކީއްވެބާވައެވެ؟ ކިޔެވުމުގެ ހުރިހާ މަރުހަލާއެއްގައި ދަރިވަރުންނަށް މަޖުބޫރު އެއްޗެއްގެ ގޮތުގައި މިއުޒިކް ހެދުމަށް މަސައްކަތްކުރެވެމުންދަނީ ކީއްވެބާވައެވެ؟ ދަރިވަރުންގެ އުފެއްދުންތެރިކަމަކީ ހަމައެކަނި މިއުޒިކް ކުޅުމާއި ލަވަކިޔުން ކަން "ބޮޑުމަންޒަރު" ފެންނަ ގޮތަށް ތަޢުލީމީ މަންހަޖު ފަރުމާކުރެވެމުން ދަނީ ކީއްވެބާވައެވެ؟

މިލިޔުން ފަށަމުން އަޅުގަނޑު ބަޔާންކުރި "ދަންނަވާލުމުގެ" ވާހަކަ އަކީ އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ މިއުޒިކްގެ މައްސަލައާއި ބެހޭ ވަރަށް ކުޑަ މިސާލެކެވެ. މުޖުތަމަޢުން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު އަޅުގަނޑުމެންގެ އެންމެ ތުއްތު ތުއްތު ކުދިން ނާސަރީގައި ކިޔަވަން ފަށާއިރު އެކުދިންގެ ތަރުބިޔަތުގެ ބިންގާ އަޅާމިދެވެނީ މިއުޒިކްގެ ތެރޭގައެވެ. ދެޖިންސްގެ ކުދިން އެއްވެ މިއުޒިކަށް ޑާންސްކުރުމާއި، މިފަދަ އިސްލާމްދީނާއި ޚިލާފް ޙަރަކާތްތަކުންނެވެ. ސްކޫލްތަކުގެ ސެޝަން ފެށުމުގެ ކުރިން ބޭއްވޭ އެސެމްބްލީގައި މިއުޒިކާއެކު ލަވަ ކިޔަން އެބަޖައްސުވައެވެ. ދަރިން ތަރުބިޔަތުކުރެވެމުން ދަނީ މިއުޒިކަށް ލޯބިއުފެދޭ ގޮތަށެވެ. ނަމަވެސް، އަޅުގަނޑުމެންނަށް އިސްލާމްދީން އަންގަވާފައިވަނީ އެންމެ ތުއްތު އިރުން ފެށިގެން ދަރިން މިއުޒިކާއި، މިބާވަތުގެ ދީނާއި ޚިލާފް ކަންތައްތަކަށް ނަފުރަތުއުފެދޭ ގޮތަށް ތަރުބިޔަތުކުރުމަށެވެ. އިސްލާމްދީން އަންގަވާފައިވާ ގޮތަށް ޢަމަލުނުކޮށް އެއަށް ފުރަގަސްދިނުމުގެ ނަތީޖާ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން ދަނީ ވަރަށް ހިތިކޮށް ފެންނަމުންނެވެ.

(ނުނިމޭ)

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.