"އިސްލާމީ ބިންތަކުގައި ހަމަނުޖެހުމާއި ފިތުނަ ފަސާދަ އުފެދޭގޮތަށް" ބޭރުގެ މީޑިޔާތަކާ ވާހަކަ ދައްކައި ދޮގު ޚަބަރު ފެތުރުމުގައި އެހީތެރިވެދިނުމަކީ ޙަރާމްކަމެއްކަމުގައި ސަޢޫދީ ޢަރަބިޔާގެ އިސް މުފްތީ އައްޝައިޚް ޢަބްދުލް ޢަޒީޒު އާލުއްޝައިޚް ވިދާޅުވެއްޖެއެވެ. އެގޮތަށް ވާހަކަ ފެތުރުމުގެ ބަދަލުގައި، ޝަކުވާތައް ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކަށް ހުށަހެޅުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
މީޑިޔާގެ ރިޕޯޓުތައް ބުނާގޮތުން ސަޢުދީ ޢަރަބިޔާގެ ވެރިރަށް ރިޔާޟުގެ މިސްކިތުގައި އިމާމުވެ ހުކުރު ކުރައްވަމުން ދެއްވާފައިވާ ޚުޠުބާގައި ޝެއިޚް ވިދާޅުވެފައިވާނީ، ޤައުމުގެ ދާޚިލީ މަޞްލަޙަތު ގެއްލޭގޮތަށް، ޢާއްމުންގެ ތެރޭގައި ހާމަކުރުން އެދެވިގެން ނުވާފަދަ މަޢުލޫމާތާއި ޚަބަރުތައް ބޭރުގެ މީޑިޔާތަކުގައި ހާމަކުރުމަކީ، "މީސްތަކުންގެ މެދުގައި ބައިބައިވުން އުފައްދައި، ޤައުމުގެ އެއްބައިވަންތަކަން ނެތިކޮށްލާ ކަމެއް" ކަމުގައެވެ. އެފަދައިން އެޚަބަރުތައް ނުފެތުރުމަށް ޝެއިޚް އެދިވަޑައިގަތެވެ.
ޝެއިޚް އިތުރަށް ވިދާޅުވެފައިވަނީ "އެފަދަ (ފިތުނަފަސާދަތައް އުފެއްދުމަށް) ޚަބަރުތައް ފެތުރުމަކީ ބޮޑު ފާފަތަކުގެ ތެރެއިން ހިމެނޭކަމެއް" ކަމުގައެވެ.
ހަމައެފަދައިން ބޮޑެތި މުޖުރިމުންނަށް ޙިމާޔަތްދީ، އެމީހުން ފޮރުވައިދިނުމާއި އެމީހުންނަށް އެހީތެރިވެދިނުމަކީ "ޚިޔާނާތުގެ ތެރެއިން ހިމެނޭ، މުސްލިމުންގެ ޢަދުއްވުންނަށް އެހީތެރިވުމުގެ ތެރެއިން ހިމެނޭކަމެއް" ކަމަށާއި "މުއުމިނަކު އޭނާގެ ޤައުމުގެ ރައްކާތެރިކަމާއި، އެނާގެ ދީން ޙިމާޔަތް ކުރުމުގައި ދެމިހުންނަންޖެހޭ" ކަމަށްވެސް އައްޝައިޚް ޢަބްދުލް ޢަޒީޒު އާލުއްޝައިޚް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...