މާލޭގެ ޕްރައިމަރީ ސްކޫލެއްގެ ނޯޓިސް ބޯޑަކުން ފެނުނު "ދަންނަވާލުމަކަށް" ނަޒަރު ހިންގާލެވުނެވެ. އެ ދަންނަވާލުމަކީތޯއެވެ؟ އާދެ، އެއީ ރާއްޖޭގައި ޤާއިމްކުރެވިފައިވާ މިއުޒިކް ކިޔަވާދޭ ސްކޫލަކުން ހިންގާ މިއުޒިކް ދަސްކޮށްދޭ ކޯސްތަކެއް ނުވަތަ ކްލާސްތަކަކާއި ބެހޭ ދަންނަވާލުމެކެވެ. މިއުޒިކް ދަސްކުރަން ބޭނުންވާ ކުދިންނަށް އެކަމުގެ ފުރުޞަތު ހުޅުވާލެވި، އޭގައި ބައިވެރިވުމަށް އެދި "އާދޭހާއި" އެކު ދަންނަވާ ވާހަކައެވެ. ހިތުގައި ސުވާލުތަކެއް އުފެދިގެން ދިޔައެވެ.
މިއުޒިކަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެއް ކަން ސްކޫލްތަކުގެ މަސްޢޫލުވެރިންނަށް ހަމަ ނޭނގެނީބާވައެވެ؟ ނުވަތަ އެނގުނަސް އެކަމަށް ޢަމަލުކުރަން ބޭނުން ނުވަނީ ބާވައެވެ؟ ނުވަތަ އިސްލާމްދީނުގައި މިކަމުގެ ޙުކުމް އޮތް ގޮތެއް ބަލަން ބޭނުން ނުވަނީ ބާވައެވެ؟ ނުވަތަ އެނގިތިބެ ދަރިވަރުން އިސްލާމްދީނުގެ އުޞޫލްތަކާއި ދުރަށް ގެންދިއުމަށް ވާގިވެރިވެ، އެހީތެރިވަނީބާވައެވެ؟
ލޮބުވެތި މުސްލިމުންނޭވެ. ކަމެއްގެ ޙުކުމެއް އިސްލާމްދީނުގައި ބަޔާންވެއްޖެނަމަ އެޙުކުމަށް ޢަމަލުކުރުމަކީ މުސްލިމުންނަށް ވާޖިބުވެގެންވާ ކަމެކެވެ. ޝައްކެއްނެތްގޮތުގައި، އިސްލާމް ދީނުގައި ޙަރާމްވެގެންވާ ކަމެއް ހަލާލުކޮށް، އަދި ހަލާލުވެގެންވާ ކަމެއް ޙަރާމް ކުރުމަކީ އެއްވެސް މީހަކަށް ކުރުން ހުއްދަ ކަމެއް ނޫނެވެ. އަދި އެކަމަކާއި ދެކޮޅަށް ގޮތް ކިޔައި ފާޑު ކިޔުމަކީ އެއްވެސް މުސްލިމަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.
ލޮބުވެތި މުސްލިމުންނޭވެ. މިއުޒިކަކީ ކަނޑައެޅިގެން ޙަރާމްވެގެންވާ ކަމެއްކަން ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ސަރީހަ ޙަދީޘްފުޅުތަކާއި، އިތުރު އަސްހާބުންގެ އިޖުމާއިން ވަރަށް ސާފުކޮށް ވަނީ ސާބިތުވެފަވެ. މިއުޒިކުގެ ހުރިހާ ބާވަތަކީ ހަރާމް އެއްޗެއް ކަމުގައި ސަލަފުންގެ ހުރިހާ ޢިލްމުވެރިންނާއި ހަތަރު މަޛުހަބުގެ އިމާމުން އިއްތިފާޤުވެވަޑައިގަންނަވައެވެ.
ލޮބުވެތި މުސްލިމުންނޭވެ. ﷲ ޞުބްހާނަހޫ ވަތައާލާ އެއިލާހުގެ އަޅުތަކުންނަށް އެއްވެސް ކަމެއް ބާވައިލައްވާ އަމުރެއް ކުރައްވާ ނަހީއެއް ކުރައްވާ ޝަރުއެއް ކުރައްވާނީ އޭގައި ވަރަށް ބޮޑު ހިކުމަތްތަކެއް ހިމެނިގެންވާތީކަން ހުރިހާ މުސްލިމުންވެސް ޔަޤީން ކުރަންޖެހެއެވެ. މުސްލިމުންގެ ގޮތަކީ ﷲ ޞުބްހާނަހޫ ވަތައާލާ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހިވަސައްލަމް ކަމަކަށް އަމުރުކުރައްވާ ނުވަތަ ކަމަކުން ނަހީ ކުރައްވައިފި ނަމަ، އެކަމެއްގެ ޙިކުމަތް އެނުގަނަސް، ނޭނުގަނަސް، ވިސްނުނަސް، ނުވިސްނުނަސް ވަގުތުން "އަޑުއަހައި ކިޔަމަންގަތުން" މިޝިޢާރު އުފުލާ އެކަމަކަށް ބޯލެނބުމެވެ.
މިއުޒިކާއި ލަވަ ޙަރާމްވެގެންވާ ޙިކުމަތްތަކަށް ބަލާއިރު، މިއުޒިކާއި ލަވަ އަކީ ﷲ ޞުބްހާނަހޫ ވަތައާލާ ހަނދުމަކުރުމާއި، އެއިލާހަށް ކިޔަމަންގަތުމާއި، އެއިލާހުގެ ދީނީ ވާޖިބުތަކަށް ޢަމަލުކުރުމުން މީހާ ދުރުކުރުވާ އެއްޗެކެވެ. ﷲ ގެ ޛިކުރުން އަޅާ ޣާފިލްކުރާ އެއްޗެކެވެ. ﷲ ޞުބްހާނަހޫ ވަތައާލާގެ ދީނުގެ ވާޖިބުތަކަށް ރައްކާތެރިވުމަށް ހުރަސް އަޅާ އެއްޗެކެވެ. މީސްތަކުންގެ ހިތުގައި ނިފާޤްކަމުގެ ބަލިމަޑުކަން އުފައްދާ ޝައިޠާނާގެ ވިހަގަދަ ހަތިޔާރެކެވެ. އެހެން ބައިވަރު ފާފަތަކާއި ޚިލާފަށް ހިތުގައި ނިފާޤް އުފެއްދުމުގެ ޚާއްޞަ ތާސީރެއް އެކުލެވިފައިވާ އެއްޗެކެވެ. އެހެނީ މިއުޒިކާއި ލަވައިގެ ސަބަބުން ކީރިތި ޤުރުއާން ކިޔެވުމާއި، އެއަޑުއެހުމާއި، އޭގެ މާނަ އާއިމެދު ތަދައްބުރުކޮށް، އެއަށް ޢަމަލުކުރުމުން އިންސާނާ މަޙްރޫމްކުރުވައެވެ. ސަބަބަކީ ﷲ ޞުބްހާނަހޫ ވަތައާލާ ކަލާމްފުޅު ކީރިތި ޤުރުއާން އަމުރުކުރަނީ އިންސާނާ އަށް ހުރިހާ ހެޔޮކަންތައްތަކަށެވެ. މުރުއްވަތްތެރިވުމަށާއި، އަދަބުވެރިވުމަށާއި، އަޙްލާޤް އިޚްތިޔާރުކުރުމަށާއި، އިއްފަތްތެރިވުމަށާއި، އިއްޒަތްތެރިވުމަށާއި މިފަދަ ހެޔޮކަންތައްތަކަށެވެ. ކީރިތި ޤުރުއާން އިންސާނާގެ ހިތް އަލިކޮށްދެއެވެ. އިންސާނުންގެ ބަލިތަކަށް ޝިފާ ހޯދައިދީ، ހިތްތަކަށް ހަމަޖެހުން ގެނެސްދެއެވެ.
މިއާއި ޚިލާފަށް ލަވަޔާއި މިއުޒިކަކީ ޝައިޠާނާގެ ކަލާމެވެ. ޝައިޠާނާގެ ޤުރުއާނެވެ. ޝައިޠާނާގެ ޤުރުއާން އަމުރުކުރަނީ ނުބައި ކަންތައްތަކަށެވެ. އިއްފަތްތެރިކަން ދޫކޮށްލުމަށާއި، ޒިނޭ އާއި ފާޙިޝް ޢަމަލްތައް ކުރުމަށާއި، ދުންފަތުގެ އިސްތިޢުމާލުކުރުމަށާއި، ރަލާއި މަސްތުވާތަކެތި ބޭނުންކުރުމަށާއި، މިފަދަ ނުބައި ކަންތައްތަކަށް އަރައިގަތުމަށެވެ. ﷲ ގެ ކަލާމްފުޅު ކީރިތި ޤުރުއާނާއި، ޝައިޠާނާގެ މިނުބައި ކަލާމަކީ އެއްވެސް ހާލެއްގައި މުއުމިނެއްގެ ހިތުގައި ޖަމާނުވާނެ ދޭއްޗެވެ. ކީރިތި ޤުރުއާން ހިތެއްގައި، ހަމަ އެހިތުގައި ލަވަޔާއި މިއުޒިކް، އެއްވަރަށް މިދޭތި ޖަމާނުވާނެއެވެ. (ނުނިމޭ)

ކޮމެންޓް (0)
ލޯޑް ކުރަމުން...