މުދާވިއްކުމާއި، ވިއްކާ މުދާ އިޝްތިހާރު ކުރުން އެއީ ކޮންމެމީހަކަށްމެ ލިބިގެންވާ ޙައްޤެކެވެ. ނަމަވެސް އެއްބަޔަކު ކުރާ އިޝްތިހާރަކީ އަނެއްބައެއްގެ ޙައްޤަށް އަރައިގަންނަން ބޭނުންކުރާ ހަތިޔާރަކަށް ވެގެންނުވާނެއެވެ. މުދަލެއް ނުވަތަ ޚިދުމަތެއް އިޝްތިހާރު ކުރުމުގައި އެމުދަލެއް ނުވަތަ ޚިދުމަތެއްގެ މޮޅުކަމާއި ފުރިހަމަކަމުގެ ވާހަކަ ދެއްކިދާނެއެވެ. އެ އެއްޗެއްގައި ހުރި މޮޅުކަމެއްގެ ވާހަކަދެއްކި ނަމަވެސް އަނެއްބަޔަކު ވިއްކާ މުދަލެއް ނުވަތަ ދޭ ޚިދުމަތެއް ކަމުނުދާ ވާހަކަ ނުވަތަ އެއިގެ ދެރަވާހަކަ ދެއްކުމުން އެ އަރައިގަނެވެނީ އެހެންފަރާތެއްގެ ޙައްޤަކަށެވެ. އެ އެއްޗަކީ ދެރައެއްޗެއްތޯ ނުވަތަ މޮޅު އެއްޗެއްތޯ ކަނޑައަޅާނީ ގަންނަފަރާތުންނެވެ. އިންތިޚާބު ތަކުގައި ތާއީދު ހޯދަން ކުރާ މަސައްކަތުގައި އެހެން ކެންޑިޑޭޓުންނާއި ދެކޮޅަށް މަސައްކަތް ކުރުން މަނާ ފަދައިން މުދާ އިޝްތިހާރުކުރުމުގައި ވެސް އެހެންމީހުން ވިއްކާ މުދަލާއި ދެކޮޅަށް މަސައްކަތް ކުރުމަކީ އެންމެ ރަގަޅުގޮތްތޯ ކަމާއިބެހޭ ފަރާތްތަކުން ވިސްނާލުން ރަނގަޅެވެ.
ރާއްޖޭގެ ޓީ.ވީ ޗެނަލަކުން ދައްކާ އިޝްތިހާރެއްގައި ފެންވައިރު ކުރާ މާމޮޅު ހޮޅިއެއްގެ ވާހަކަ ދައްކައެވެ. އެހޮޅި ރާއްޖެއަށް ތަޢާރަފު ކުރުމުގެ ކުރިން، ރާއްޖޭގައި އާއްމުކޮށް ބޭނުންކުރަމުންއައި ހޮޅި އެއީ އެއްވެސް އެއްޗެއްނޫން ކަމަށް އެ އިޝްތިހާރުގައި ދައްކައެވެ. ނަމަވެސް ވަރަށް ބޮޑަށް ޙަޤީޤަތް އޮޅުވާލާފައެވެ. ރާއްޖޭގެ ގިނަ އިމާރާތްތަކުގައި ފެންވައިރު ކުރުމަށް މިހާރުވެސް ބޭނުންކުރަނީ އެ އިޝްތިހާރުގައި ކަމުނުދާކަމަށް އެބުނާ ހޮޅިއެވެ. އެކަމަކު ފެންވައެރިންގެ މައްސަލަޖެހިގެން އުޅޭތީއެއް ނުފެނެއެވެ. ޒަމާނުއްސުރެން ދިވެހިން ބޭނުންކުރަމުން އަންނަ ހޮޅީގެ ދެ ފެންވަރެއްގެ ހޮޅި ހުރެއެވެ. އެއީ އާދައިގެ ހޮޅިއާއި ހައިޕްރެޝަރ ހޮޅިއެވެ. ނަމަވެސް މިދެންނެވި އިޝްތިހާރުގައި ދައްކަނީ ވަކިކުލައެއްގައި ހުންނަ ހުރިހާ ހޮޅިއަކީވެސް ފެންވައެރިންނަށް ކަމުދާ އެއްޗެއްނޫން ކަމުގައެވެ. ނަމަވެސް އެވައްތަރުގެ ހޮޅިއަކީ ކަމުނުދާއެއްޗެއް ކަމަށް ބުނެ މުޅިވެސް ދައްކަނީ އެކުލާގައި ހުންނަ އާދައިގެ ހޮޅީގެ ވާހަކައެވެ. ހަޤީޤަތް ވަރަށް ބޮޑަށް އޮޅުވާލައި އެތައްބައެއްގެ ވިޔަފާރީގެ ހައްގަށް ފުޅާދާއިރާއެއްގައި އަރާގެންފައިވާ އިޝްތިހާރެއް އާއްމުކޮށް ދައްކަމުން ގެންދާއިރު އެކަމާއި އަޅާލާނެ މުއްސަސާއެއް ނެތީބާވައެވެ.
ރާއްޖޭގެ އެހެން ޓީވީއަކުން ދައްކާ އިޝްތިހާރެކެވެ. ތަންތަން ސާފުކުރަން މާ މޮޅު މެޝިނެއްގެ ވާހަކައެވެ. މޮޅު މެޝިނެއް ހުރެއްޖެއްޔާ މައިންބަފައިންގެ ބަސްއަހަން ވެސް ނުޖެހޭނެ ކަމަށް އެ މެޝިން ވިއްކާ ފަރާތުން ޤަބޫލުކުރާކަމަށް އެ އިޝްތިހާރުން ދޭހަވެއެވެ. މަންމަ ބޭރަށް ދަމުން، ދަރިން ކައިރީގައި ނުކުރާށޭ ބުނެފައި ދާ ކަންތައްތައް ވެސް މޮޅު މެޝިނެއް ހުރިއްޔާ ކުރަންވީ ކަމަށް ވެސް އެ އިޝްތިހާރުން ދައްކުވައިދެއެވެ. ކިތަންމެ މޮޅު މެޝިނެއް ހުއްޓަސް އެއީ ދަރިން ކައިރީގައި މައިންބަފައިން ނުކުރާށޭ ބުނާ ކަންތައްތައް، ކުރުމަށް އޮންނަ ހުއްޖަތަކަށް ވެގެންނުވާނެއެވެ. ޒަމާނީ ޓެކްނޮލޮޖީގެ މިކަހަލަ އާލާތްތައް ލިބެން ހުރެއްޖެއްޔާ މައިންބަފައިންގެ ބަސް އަހަން ނުޖެހޭނެކަމަށް ދައްކުވައިދޭ މިކަހަލަ އިޝްތިހާރުތައް ދައްކަމުންދާއިރު، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާކަމަށް ބުނާ މުއްސަސާތަކާއި ޖަމާޢަތްތައް އަދި ފަރުދުންނަށް މި މަންޒަރު ނުފެންނަނީ ބާވައެވެ. ނުވަތަ ހަމަ ހަގީގަތުގައިވެސް މޮޅު މެޝިނެއް ހުރެއްޖެއްޔާ މައިންބަފައިންގެ ބަސް ގަބޫލުކުރަން ނުޖެހެނީ ބާވައެވެ. ވަޒީފާއެއް އަދާކުރަން ޖެހޭނީ ވައްކަން ނުކުރެވެންޏާ ކަމަށްބުނެ ވައްކަންކުރަން ތަންތަނަށް އަރަން ބޭނުންކުރާނެ މާ ފަސޭހަ ބާވަތެއް އިޝްތިހާރު ނުކުރާނެބާވައޭ ހިތަށްއަރައެވެ.
ޓީވީއަކުން ދައްކާ އެހެން އިޝްތިހާރެކެވެ. މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ އިޝްތިހާރެކެވެ. މާ ބާރު ދުވެއްޔެއްގައި ކުޑައަގަކަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދެނީ ޔޯލައެވެ. އެ އިޝްތިހާރުގައި ދައްކުވައިދެނީ މުޅި އާއިލާ އެންމެން އަވަދިނެތި އިންޓަރނެޓް ބޭނުންކުރަމުންދާ މަންޒަރެވެ. އަޅުގަނޑު އެންމެ އަޅައިގަތީ ކާފަ އަވަދިނެތި ޔޫޓިއުބުން ލަވައެއް ޑައުންލޯޑުކުރާ ވާހަކައާއި، ކާފަ ހެޑްސެޓެއް އަޅައިގެން ނަށާމަންޒަރު އެ އިޝްތިހާރުގައި ދައްކުވައިދޭތީއެވެ. އުމުރުން ދުވަސްވީ ކާފަ އިންޓަރނެޓުން ކުރާނެ އެހެންބޭނުމެއް ނެތީބާވައެވެ. އާއްމު ދިވެހިންގެ އާދަކާދައަށް ބަލާއިރު އުމުރުން ދުވަސްވީ މުސްކުޅިން ވަގުތުތައް ހޭދަކުރަނީ ކުޅިވަރާއި މަޖަލުގައި ނަށާކަށް ނޫނެވެ. އަޅުކަން ކުރުމުގައެވެ. ކާފަ އިންޓަރނެޓުން، ކީރިތި ޤުރުއާން އަޑުއަހަން އިންނަ ވާހަކަ ބުފައި އެފަދަ މަންޒަރެއް ދައްކުވައި ދޭނަމަ އިންޓަރނެޓަކީ މުސްލިމުންނަށް ވެސް ހެޔޮގޮތުގައި ބޭނުންކުރެވޭ ރަގަޅު ވަސީލަތެއްކަން ދައްކުވައި ދެވުނީހެވެ.
ވަކި މަރުކާއެއްގެ މުދާ ރާއްޖެއަށް އެތެރެކުރާ ބޮޑުކުންފުންޏެއްގެ އިޝްތިހާރެކެވެ. އެ އިޝްތިހާރުގައި ދައްކުވައިދެނީ ހަމަ ހަގީގަތުގައިވެސް އެބުނާ މަރުކާގެ މުދާ ބާވައޭ ނުވަތަ ޒުވާން އަންހެނެއް ބާވައޭ ހިތަށްއަރައެވެ. ތަންތަން ސާފުރަން ބޭނުންކުރާ ކުޑަވަރެއްގެ މެޝިނެއް ނަގާ އޭތީގައި ބައްދާލާ މަންޒަރު ދައްކާއިރު ބަލާމީހުންގެ ނަޒަރު ހުއްޓޭނީ މެޝިނަށްވުރެން ބޮޑަށް އެ ޒުވާން އަންހެނާއަށެވެ. ވީއިރު މި އިޝްތިހާރު ކުރެވެނީ ސާފުކުރާ މެޝިނެއްތޯ ނުވަތަ ޒުވާން އަންހެނެއްތޯ، އެ އިޝްތިހާރަށް ޚަރަދުކުރާ ފަރާތުން ވިސްނާލުން ރަނގަޅެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...