ލަކުޑި ގުދަން ސަރަހައްދުގައި މީހުންތަކެއް އެއްވެގެން އުޅޭތީ އެސަރަހައްދަށް ކައިރިކޮށްލީ ވާނުވާއެއް ބަލާލާށެވެ. ކައިރިކޮށްލިއިރު މުސްކުޅިވަރެއްގެ މީހަކު ހަމަރޮނީއެވެ. ވީގޮތަކީ،
"އެހެން މީހަކާއި އެކު އެމުސްކުޅި މީހާ ދަނިކޮން ފުލުހުންގެ ޔުނީފޯމުގައި ތިބި ދެމީހަކު އައިސް ބޭބެ އަތުގައި ޑްރަގް ހުރިކަމަށް ޝައްކު ކުރެވޭތީކަމަށް ބުނެ ހަށިގަނޑު ޗެކް ކުރީއެވެ. އޭމީހާގެ ޖީބުގައި އޮތް 42 ހާސް ރުފިޔާ ފުލުހުންގެ ޔުނީފޯމުގައި ތިބި މީހުން ނަގައިގެން ދުވެފައި ދިޔައީއެވެ. މިއީ އެމުސްކުޅި މީހާގެ ވާހަކައެވެ."
ރާޢްޖޭގައި އާކުޅިގަނޑެއް ފެށުނީއެވެ. ވައްކަން ކުރުމާއި ފޭރުމުގެ މުޅިން އާގޮތެއް ތައާރަފްވެގެން ދިޔައީއެވެ. ފުލުހުންގެ ޔުނީފޯމުގައި ތިބެ ވަގުންތައް ހަރަކާތްތެރިވާން މިވަނީ ފަށާފައެވެ. އާންމުން މިފަދަ ކަންކަމަށް ސަމާލުވާންއެބަޖެހެއެވެ. ރާއްޖޭގައި ޖަރީމާތައް މިވަނީ ހައްދު ފަހަނައަޅާފައެވެ. ކޮންމެ ސިފައެއްގައިވެސް ކޮންމެފަދަ ކަމެއްވެސް ކުރިމަތިވެދާނެއެވެ. އެމުސްކުޅިޔާގެ ވާހަކައިން އެބުނާ 'ފުލުހުން' އެއީ އަސްލުބަޔެއްކަމަށް ގަބޫލެއް ނުކުރެވެއެވެ. ކޮންމެ އުމުރުފުރައެއްގެ މީހަކަށްވެސް އެފަދަ ޔުނީފޯމެއްގައި ހުރެ ލަނޑު ދިނުމަކީ ވަރަށް ފަސޭހަކަމެކެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި މިއީ އާކަމެއް ނޫނެވެ. މިދިޔަ މަހުގެ ފަހުކޮޅު ނައިޖީރިގައިވެސް ވަނީ 'ފޭކް ސާރޖަންޓެއް' ހައްޔަރުކޮށްފައެވެ. މީނާގެ ކަމަކީ ފުލުހުންގެ ޔުނީފޯމު ލައިގެން، ފުލުހުންގެ ވަގު ކާޑެއް ހަދައިގެން އާންމުންގެ އަތުން ފައިސާ ހޯދުމެވެ. އެމެރިކާގައިވެސް ދާދިފަހުންވަނީ ފުލުހުންގެ ގެ ޔުނީފޯމް ލައިގެން އައި ބަޔަކު އަންހެން ކުއްޖަކު ކިޑްނެޕްކޮށްގެން ގެންގޮސްފައެވެ. އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާގެ 'މާފިޔާ' ހަރަކާތްތަކަށް ބަލާއިރު އެގައުމުގައިވެސް ސިފައިންގެ ޔުނީފޯމު ހަމަ އެގޮތައް ތައްޔާރުކޮށްގެން ތަފާތު ޖަރީމާތައް ހިންގާފައި އެބަހުއްޓެވެ.
ވަގުންގެ އުކުޅުތައް ދުވަހަކަށް ދުވަހެއް އެޑްވާންސްވަމުންދާއިރު ވަގުން ހިފާ ހައްޔަރު ކުރަން ތިބޭ މީހުންގެ އުކުޅުތައްވެސް އެޑްވާންސްވާން ޖެހެއެވެ. ކުކުޅު ހޯދަން ބިސްމަޅި ޖަހައިގެން ފަހަތުން ދުވާ އުސޫލުން މިއަދުގެ ވަގުން އަތުލައިގަންނަން އުނދަގޫވާނެއެވެ. މަގުމަތީގައި ހަރުކޮށްފައި ހުންނަ ކެމެރާތައްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުވަންޖެހެއެވެ. ވަގުންގެ މިޝަންތައް ފެއިލް ކުރުމަށް ތަފާތު 'މިޝަންތައް' ޖައްސަން ޖެހެއެވެ. އެހެން ނޫނީ ވަގަކަށް އޮންނަ ހާސް ދުވަސް ދެމިގެން ދާނެއެވެ.
ނޯޓް: މިއީ ސަންދާން މަޖައްލާގެ 168 ވަނަ އަދަދަށް އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...