ރިޕޯޓް ސީރިޔާގައި ހަނގުރާމަ ކުރަނީ 'ބާޣީ'ތަ؟ 'ބަތަލުން'ތަ؟

ސީރިޔާގައި ހަނގުރާމަ ކުރަނީ 'ބާޣީ'ތަ؟ 'ބަތަލުން'ތަ؟

ސީރިޔާގައި ހަނގުރާމަ ކުރަނީ 'ބާޣީ'ތަ؟ 'ބަތަލުން'ތަ؟

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

23 ސެޕްޓެމްބަރުގައި ދުވަހުނޫސް ހަވީރާއި ހަވީރު އޮންލައިންގައި ދުނިޔޭގެ ޚަބަރުގެ ސެގުމެންޓްގައި ޝާއިއުކޮށްފައިވާ ޚަބަރެއްގެ ސުރުޚީގައި ވެއެވެ. "ސީރިޔާގެ ބާޣީންގެ ކޮމާންޑް ސެންޓަރު ސީރިޔާ ތެރެއަށް ބަދަލުކޮށްފި" އެޚަބަރުގައި ސޫރިޔާގައި ޤާޢިމުވެފައިއޮތް ބައްޝާރުލް އަސަދުގެ ސަރުކާރާއިދެކޮޅަށް ހަނގުރާމަކުރަމުންދާ ފްރީ ސީރިއަން އާމީއަށް މުޚާތަބުކޮށް 'ބާޣީ'ން މިލަފުޒު ބޭނުންކޮށްފައިވެއެވެ.

މިލިޔުމާއިމެދު އެއްޗެއް ބުނުމުގެ ކުރިން ސީރިޔާގެ ހާލަތާއި މެދު އެއްޗެއް ބުނުމަކީ ބޭނުންތެރިކަމެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ތޫނިސްއަށާއި މިޞްރަށް އައި ޑިމޮކްރެޓިކް ރިވޮލިއުޝަންތަކަށްފަހު، ޢަރަބި އަދި ގަލުފު ބައްރުގެ އެހެން ޤައުމުތަކުގައިވެސް ސަރުކާރާއި ދެކޮޅަށް އިހްތިޖާޖުތައް ނުވަތަ މުޒާހިރާތައް ފެށިގެންދިޔައެވެ. އޭގެތެރެއިން އިޙްތިޖާޖުތައް ނުވަތަ މުޒާހިރާތައް ދިގުދެމިގެންދިޔަ އެއްޤައުމަކީ ސީރީޔާއެވެ.

ސީރިޔާގައިވެސް އެންމެ ފުރަތަމަ ފެށުނީ މަގުމަތީގެ ޙަރަކާތްތަކެވެ. ސީރިޔާގެ ޤާއިމުވެފައިއޮތް ޝިޔައީ ދައުލަތާއި ދެކޮޅަށް ސުންނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސީރިޔާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ނިކުމެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލަންފެށިއެވެ. މުޒާހިރާގެ ފޯރިގަދަވަމުން ދިޔަވަރަކަށް މުޒާހިރާއައި ގުޅޭ މީހުން ގިނަ ވަމުންދިޔަކަމަށް އޭރު އަލްޖަޒީރާއާއި ބީބީސީ ފަދަ ނިއުސް އޮގަނައިޒޭޝަންތަކުން ރިޕޯޓް ކުރަމުން ދިޔައެވެ. އެންމެފަހުން މުޒާހިރާތައް ހުއްޓުވުމަށް ނިކުތް ސީރިޔާގެ އަސްކަރީ ބާރުން އިސްވެ މުޒާހިރާގެ ބައިވެރިންނާއި ދެކޮޅަށް ޙަމަލާ ދޭންފެށިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ސީރިޔާގެ މަސްރަހު ގޯސްވެ ހަނގުރާމައަކަށް ބަދަލުވެގެން ދިޔުމެވެ. މިޙަޤީޤަތް ހޯދުމަށް އަލްޖަޒިރާގައި އާކައިވް ކުރެވިފައިވާ މަސްދަރުތަކަށް ރުޖޫއަވުމަކީ ޒިންމާދާރު ނޫސްވެރިކަމެއްގައި ރަނގަޅު ޚުލުގެކެވެ.

އެންމެފަހުން ސީރިޔާގެ އަސްކަރީ ބާރުތަކުގެ ޙަމަލާތަކުން ސީރިޔާގައި ކުރެވެމުންދާ ހަނގުރާމައާއި ގުޅުންނެތް އެތަކެއް ސަތޭކަ ކުޑަކުދިންނާއި އަންހެނުންތަކެއް ވަނީ މަރުވެފައެވެ. މިފަދަ ހާދިސާތައް އދއާއި ދުނިޔޭގެ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމްޢިއްޔަތަކުން ވަނީ ކުށްވެރިކޮށްފައެވެ. މިފަދަ ހަމަލާތައް އެފަދަ ޖަމްޢިއްޔާތަކުން ސިފަކޮށްފައިވަނީ ޤަތުލްޢާއްމު ނުވަތަ ޖަރީމާތަކެއްގެ ގޮތުގައެވެ. މިފަދަ ބައެއް ޖަރީމާތައް ކުށްވެރި ކުރުމަށްޓަކައި އދގެ ސަލާމަތީ މަޖިލީހުން ވަނީ ކުއްލި ޤަރާރުތައްވެސް ނެރެފައެވެ.

ސީރިޔާގައި 200 އަށްވުރެ ގިނަ ސުކޫލުގައި ކިޔެވުން ހުއްޓިފައިވާއިރު 2000 ވުރެ ގިނަ ކުދިން ކިޔެވުމުން މަހުރޫމުވެފައިވާކަމަށް އދގެ ރިޕޯޓްތަކައި ހަވާލާދީ އަލްޖަޒީރާއިން ބުނެއެވެ. އެންމެފަހުން ދާދީ މިދާކަށްދުވަހު އޭގެތެރެއިން ބައެއް ކުދިންނަށް އަވައްޓެރި ޖޯޑެންގެ ސުކޫލުތަކުން ފުރުޞަތު ދީފައިވާކަމަށް އަލްޖަޒީރާގެ މަސްދަރުތަކުން ބުނެއެވެ.

ސުކޫލުތަކުގައި ކިޔެވުން ހުއްޓިފައިވާ ސަބަބުތައްކަމަށް އަލްޖަޒިރާއިން ރިޕޯޓްކުރަނީ ބައެއް ސޫކޫލުތަކަށް ސީރިޔާގެ ސަރުކާރުގެ އަސްކަރީ ބާރުތަކުން ޙަމަލާދީ ހަލާކުކޮށްލައިފައިވުމެވެ. އަދި ބައެއް ސޫކޫލުތައް ހާލުގައި ޖެހިފައިވާ މީހުންގެ ރެފިއުޖީ ކެމްޕްތަކެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔުން ކަމަށް އަލްޖަޒީރާއިން ބުނެއެވެ. ސަރުކާރުގެ އަސްކަރީ ބާރުތަކުން ސޫކޫލުތަކަށް ހަމަލާދެނީ، އެސުކުލުތައް ފުރީ ސީރިޔަން އާމީގެ ބޭސްއެއްގެ ގޮތުގައި ބޭނުން ކުރަމުން ދާތީކަމަށް ސީރިޔާ ސަރުކާރުގެ އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާ ބުނެއެވެ.

ދެންއޮތީ ހަވީރުގައި ޝާޢިކޮށްފައިވާ ޚަބަރާއި ގުޅިގެން ދަންނަވަން އޮތް ވާހަކައެވެ. ހަވީރު ނޫހުގައި ފްރީ ސީރިއަން އާމީ އަކީ 'ބާޣި'ން ކަމަށް ތުހުމަތުކޮށްފައިވާއިރު، ސީރިޔާގައި ތިބެގެން ސިރީޔާގެ ޚަބަރުތައް ދިރާސާކޮށް ޚަބަރާއި މަޢުލޫމާތު ފަތުރަމުންދާ ދުނިޔޭގެ މަޢުލޫމާތުގެ ވިއުގަތައްކަމުގައިވާ އަލްޖަޒީރާ، ސީއެންއެން، ބީބީސީ ފަދަ ނިއުސް ޗެނަލްތަކުން ސީރިޔާގެ ފުރީ ސީރިއަން އާމީއަށް ނިސްބަތްކޮށް "ބާޣީ"ން ނޭ މުޚާތަބުކޮށްފައެ ނުވެއެވެ. މިދެންނެވި މީޑިއާ އޮގަނައިޒޭޝަންތަކަކީ މުޅި ދުނިޔޭގައިވެސް އެންމެ ފުޅާ ދާއިރާއެއްގައި ނޫސްވެރިކަން ކުރާ ބޮޑެތި މުއްއްސަސާތަކެވެ. އެހެންކަމުން އެމުއައްސަސާތަކުގެ ނޫސްވެރިކަމުގެ ކޯޑް އޮފް އެތިކްސްއަކީ ދިވެހި މީޑިޔާތަކުގެ ކޯޑްއޮފް އެތިކްއަށްވުރެ އެތަށް ގޮތަކުން ހަރުދަނާ އެތިކުސްތަކަށްވުން އެއީ ޔަޤީންވާކަމެކެވެ.

މަތީގައި ދެންނެވިފައިވާ ވާހަކަތަކަށް ބުރަވެ ހުރެ ފްރީ ސީރިއަން އާމީއަކީ ބަޣާވަތެކޭ ބުނެވޭނެ ސަބަބެއް ނެތެވެ.

އެހެނީ ނޫސްވެރިޔާ ލިޔާ ޚަބަރެއްގައި ވަކިގޮތަކަށް ނަތީޖާ ނެރުމަކީ 'ޖާނަލިޒަމް ލޯ އެންޑް އެތިކްސް' އާއި ޚިލާފުކަމެކެވެ. ޚަބަރެއްގައި ނޫސްވެރިޔާ ބުނެދޭންވާނީ ކަން ހިނގާފައިވާ ގޮތެވެ. ޖާރީމާއެއްނަމަ އެޖަރީމާ ހިނގައި ދިޔަ ގޮތެވެ. 'ބާޢީ'ން ނަކީ ނުވަތަ 'ބަޠަލުން'ނަކީ ކޮބައިކަމެއް ނޫސްވެރިޔަ ލިޔާ ޚަބަރެއްގައި ކަނޑައެޅިގެން ނުވާނެއެވެ.

އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ދިވެހި ނޫސްވެރިކަމާއި ދިވެހި މީޑިއާގައި އިސްލާހު ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. އެކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ކަމާބެހެ މުއްއްސަސާތަކާއި އަމިއްލަ ފަރާތްތަކުންވެސް ކުރައްވަމުން ގެންދަވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.