ބަރުމާގެ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ ޢަމަލްތަށް ހުއްޓުވުމަށް ތުރުކީގެ ޚާރިޖީ ވަޒީރު އަޙްމަދު ދާވޫތޯލީ ބަރުމާގެ ވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފިއެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ދާވޫތޯލީ ބަރުމާއަށް ކުރެއްވި މިރަސްމީ ޒިޔާރަތުގައި އަރިހުގައި ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބް އަރްދުޣާންގެ އަނބިކަނބަލުންނާއި، ދޮށީ އަންހެން ދަރިފުޅާއި، އަދި ތުރުކީގެ ބައެއް ޑިޕްލޮމޭޓުން ބައިވެރިވެލެއްވިއެވެ.
މިބައްދަލުވުމުގައި ބަރުމާގެ ރައީސް ތޭން ސޭންއާއި ޚާރިޖީ ވަޒީރު ވުނާ މޯންގ ލްވިންއާއި އަދި ސަރުކާރުގެ އެނޫން އިސްވެރިންނާއި ބައްދަލުކުރެއްވިއެވެ.
"އަޅުގަނޑުމެންގެ މިޒިޔާރަތުގެ ދެބޭނުމެއް އެބައޮތް. އެއީ ބަރުމާގައި ދަތިޙާލުގައި ދިރިއުޅެމުން އަންނަ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމު ރައްޔިތުންނަށް ކޮންމެވެސް ރަނގަޅުގޮތްތަކެއް ހަދައިދިނުމަށް. އަނެއްކަމަކީ ތުރުކީއާއި ބަރުމާއާއި ދޭތެރޭ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމަށް،" ތުރުކީގެ ޚާރިޖީ ވަޒީރު މީޑިއާއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ދާވޫތޯލީ އިތުރަށް ވިދާޅުވިގޮތުގައި ބަރުމާގެ ސަރުކާރުން ތުރުކީއަށް މިފުރުސަތުދެއްވިކަމީ އެއީ ބައިނަލްއަޤްވާމީ މަސްރަހުގައި ތުރުކީގެ ނުފޫޒުއޮތް މިންވަރު ދައްކުވައިދޭކަމެކެވެ. "ބަރުމާއިން ތުރުކީނޫން އެހެން ޤައުމަކަށް މިފަދަ ފުރުސަތެއް ދީފައެއް ނުވޭ. އަޅުގަނޑުމެންގެ ސަފީރުން މިބައްދަލުވުންތައް ބޭއްވުމަށް ގިނަގުނަ ބުރަ މަސައްކަތްތަކެއް ކުރެއްވި،" ޚާރިޖީ ވަޒީރު ހާމަކުރެއްވިއެވެ.
"އަޅުގަނޑުމެން އެންމެ އިސްކަމެއްދެނީ ބަރުމާއާއި އެކު ގުޅުން ބަދަހިކުރުމަށް. އޭރުން ބަރުމާގެ މުސްލިމުންނަށް އެހީފޯރުކޮށްދިނުމަށް މަގު ހުޅުވިގެންދާނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ތުރުކީގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ އެންޑް އިމަރޖެންސީ މެނޭޖްމެންޓް ޑިރެކްޓަރޭޓް (އޭފެޑް) އިން ބަރުމާގެ މުސްލިމުންނަށް އެހީވުމަށްޓަކައި 1.175 މިލިއަން އެމެރިކާ ޑޮލަރުގެ ފަންޑެއް އެއްކުރެވިފައިވެއެވެ.

















advertisment
ޚިޔާލު