
ސީރިޔާގެ ބޮޑު ވަޒީރު ރިޔާޒް ޢަބްދުއްރައުފް ހިޖާބު. އެނާ މިހާރު ވަނީ މަޤާމުން އިސްތިއުފާދެއްވާ އިދިކޮޅު ފަރާތްތަކައި ގުޅިފައި. ފޮޓޯ ޚާލިދު އަލް ހަރީރީ/ރޮއިޓާރސް
ސީރިޔާގެ ދެވަނައަށް އެންމެ މަތީ މަޤާމް ކަމުގައިވާ ބޮޑު ވަޒީރުކަމުގެ މަޤާމުގައި ހުންނެވި ރިއާޒު ފަރީދު ހިޖާބު މަޤާމު ދޫކޮށް އިދިކޮޅު ފަރާތްތަކާ ގުޅިއްޖެއެވެ. ރިއާޒު މިކަން އިޢުލާން ކުރައްވާފައިވަނީ ސަރުކާރަށް ފިއްލަވައިގެން ޢުރުދުންއަށް ވަޑައިގެން އިދިކޮޅު ފަރާތްތަކުގެ ޙިމާޔަތް ހޯދުމަށް ފަހު މިއަދުއެވެ. ރިއާޒު ސަރުކާރުން ވަކިވި ކަމަށް އެންގުމުން ބައްޝާރު ވަނީ ބޮޑު ވަޒީރު މަޤާމުން ވަކިކުރީކަމަށް ބުނެ، ނައިބު ޢުމަރު ގަލަވިންޗީ އެ މަޤާމަށް ހަމަޖައްސާފައެވެ.
ރިއާޒަށް ބޮޑު ވަޒީރުކަން ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. އޭނާގެ ސްޕޯކްސްމަން ބުނާގޮތުގައި ރިއާޒަށް މަޤާމް ހަވާލުކުރުމަށްފަހު ދީފައިވަނީ 2 އިޚްތިޔާރެކެވެ. އެއީ މަޤާމުގައި ހުރުން ނޫނީ ޤަތުލުކުރެވުމެވެ. ނަމަވެސް ރިއާދު ވިސްނަވާފައިވަނީ ރަނގަޅު ދަނޑިވަޅު ބަލައިގެން ސަރުކާރަށް ފިލާ އިދިކޮޅު ފަރާތްތަކުގެ ޙިމާޔަތް ހޯދާ މަޤާމުން ވަކިވާށެވެ. އެގޮތުން 2 މަސް ފަހުން ޢާއިލާއާ އެކު ޢުރުދުނންނަށް ވަޑައިގެން އިސްތިއުފާދީ އިދިކޮޅު ފަރާތްތަކާ ގުޅުނީއެވެ. މިހާރު އޭނާ ދަނީ ސަރުކާރުގެ އެކި މަޤާމްތަކުގައި ތިބި މީހުން އިސްތިއުފާ ދިނުމަށް ހިތްވަރު ދެމުންނެވެ. ސަރުކާރު ދޫކޮށް އިދިކޮޅު ފަރާތްތަކާ ގުޅޭއިރު ޙިކްމަތްތެރިކަމާއެކު ޢަމަލުތައް ބެހެއްޓުމަށް ކުރީގެ ބޮޑު ވަޒީރު ރިއާޒުގެ ސްޕޯކްސްމަން ބުނެއެވެ.
ބައްޝާރަށް ވަފާތެރި މީހުންގެ ތެރޭގައިވެސް ވެރިކަން ގެއްލިދާނެ ކަމުގެ ބިރުވެރިކަން ބޮޑުވެފައި ވާތީ، ގިނަ ބަޔަކު ސަރުކާރު ދޫކުރަމުންދާ ދަނޑިވަޅެއްގައި މިފަދަ މަތީ މަޤާމެއްގެ މީހަކު މަޤާމުން ވަކިވުމަކީ ބައްޝާރުގެ ވެރިކަމުގެ ތެރޭގައި ބޮޑު ހަމަނުޖެހުމެއް ހިނގަމުންދާކަމުގެ ޢަލާމާތެއްކަމަށް މުހައްލިލުން ދެކެއެވެ.
މުހައްލިލުން ބުނާ ގޮތުގައި، ރިއާޒުގެ މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ސަރުކާރު ދޫކޮށް އިދިކޮޅު ފަރާތްތަކާ ގުޅުމަށް ހިތްވަރު ލިބިގެން ދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...