އަރަބިދުނިޔެދުނިޔެ

ރޮއިޓަރސްގެ ބްލޮގް ސައިޓް ހެކްކޮށް ސީރިޔާގެ ހަނގުރާމަވެރިންނާއި ބެހޭގޮތުން ދޮގު ޚަބަރުތަކެއް ބަޔަކު ޝާއިޢުކޮށްފި

ބައިނަލްއަޤްވާމީ މަސްރަހުގައި ހިނގަމުންއަންނަ ޚަބަރުފެތުރުމަށް މަޝްހޫރު ވެބްސައިޓް، ރޮއިޓަރސްގެ ބްލޮގް ސައިޓް ބަޔަކު އިއްޔެ ހެކްކޮށް އޭގައި ސީރިޔާގެ ހަނގުރާމަވެރިންނާއި ބެހޭގޮތުން ދޮގު ޚަބަރުތަކެއް ޝާއިޢުކޮށްފައިވާކަމަށް ތޯމްސަން ރޮއިޓަރސް ކުންފުނިން ހާމަކޮށްފިއެވެ.

"ރޮއިޓަރސް ޑޮޓް ކޮމް އަށް ހެކަރުންގެ ބަޔަކު ވަނީ ހުކުރުދުވަހު ހަމަލާތަކެއްދީފަ،" މިކަމާއި ބެހޭގޮތުން ރޮއިޓަރސް ކުންފުނިން ރޭގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ. "އަޅުގަނޑުމެންގެ ބްލޮގް ސައިޓް ހެކްކޮށް އޭގައި އަޅުގަނޑުމެންގެ ނޫސްވެރިންގެ ނަމުގައި ދޮގުޚަބަރުތަކެއްވަނީ ޝާއިޢުކޮށްފައި."

މިގޮތުން ޝާއިޢުކޮށްފައިވާ ދޮގު ޚަބަރުތަކުގެ ތެރޭގައި ފްރީ ސީރިޔަން އަރމީގެ އިސްވެރިޔާ ރިޔާޟުލް އަސަދުދެއްވާފައިވާކަމަށް ބުނާ ބަސްދީގަތުމެއްވެސް ވެއެވެ.

"ރޮއިޓަރސް އިން މިފަދަ ބަސްދީގަތުމެއް ހޯދާފައެއް ނުވާނެ. މިޚަބަރު މިހާރުވަނީ ސައިޓުން ޑިލީޓްކޮށްފައި،" ރޮއިޓަރސްގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ހެކަރުން ޝާއިޢުކޮށްފައިވާ މިބަސްދީގަތުމުގައި ބުނާގޮތުން ސީރިޔާގެ ޙަލަބުގެ އުތުރު ޕްރޮވިންސުން އިދިކޮޅު ހަނގުރާމަވެރިން ވަނީ ފައިބާފައެވެ.

މިކަމާއިގުޅިގެން ފްރީ ސީރިޔަން އަރމީއިން ހާމަކުރެއްވިގޮތުގައި މިއީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ކޮށްފައިވާ ޢަމަލެކެވެ. އަދި މިއީ ރައްޔިތުންގެ ހިތްތަކުގައި ހަނގުރާމަވެރިންނާއި މެދު މާޔޫސްކުރުވައި އަދި ބައްޝާރުލް އަސަދުގެ ސަރުކާރުގެ ބާރު ނެތިގެންދާތީ އެކަން ދުނިޔެއަށް އޮޅުވާލުމަށްޓަކައި ކޮށްފައިވާކަމެއްކަމުގައި ފްރީ ސީރިޔަން އަރމީއިން ވިދާޅުވިއެވެ.

ރޮއިޓަރސްގެ ސައިޓު ހެކްކުރުމުގެ ފަހަތުގައިވަނީ ކޮން ބައެއްކަން އަދި ބުނަން ވަރަށް ދަތިކަމުގައި ރޮއިޓަރސްއިން ހާމަކުރާއިރު ސީރިޔާގައި ހަރަކާތްތެރިވަމުން އަންނަ ރޮއިޓަރސްގެ ނޫސްވެރިން ބުނަނީ ޙަލަބުގެ ޕްރޮވިންސްތަކުގައ ހަނގުރާމަވެރިން އަދިވެސް އެބަތިބިކަމަށާއި އެމީހުންގެ އަޒުމަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *