" އޭނައަކީ މިހާރު ސިޔާސީމީހެއް، އެއީ ބޮޑު މޮޔައެއް" ފިހާރައެއްގެ ތެރޭގައިހުރި މީހަކު ފޯނުންވާހަކަ ދައްކަމުން ބުނިއަޑުއިވުނެވެ. ސިޔާސީ މީހަކަށްވެފައި އަދި މޮޔައެއްގެ ވާހަކަ އަޑުއިވުމުން އެއަށް އިތުރަށް ސަމާލުކަންދެވުނެވެ. ރަގަޅަށް ކަނުލާ އަޑުއަހަން ހުރީމެވެ. އިވުނުއަޑުން ދޭހަވީ ކ.ނ.ކ ޑޮކްޓަރަކަށް ދައްކަންވެގެން އުޅުނުކަމެވެ. ނަމަވެސް އެ ޑޮކްޓަރަކީ ސިޔާސީ ޙަރަކާތެއްގައި އުޅޭ މީހަކަށްވާތީ ޑޮކްޓަރަކަށް ފުދޭ ކަމަށް ޤަބޫލުނުކުރާކަންވެސް އެނގުނެވެ. އެ ޑޮކްޓަރުގެނަން އަޑުއިވުނު އެއީ ދަންނަމީހެކެވެ. އޭނަ ސިޔާސީ ހަރަކާތުގައި އުޅެންފެށީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުން އިސްތިއުފާ ދެއްވިފަހުނެއްނޫނެވެ. ނަޝީދު ވެރިކަމަށް އަންނަން އުޅުނުއިރުވެސް އެއީ ސިޔާސީ މީހެކެވެ. 2008 ގެ ރިޔާސި އިންތިޚާބުގެ ދެވަނަބުރުގައި އޭނަ މަސައްކަތްކުރީ ނަޝީދަށް މިޤައުމުގެ ވެރިކަން ހޯދައިދެވޭތޯއެވެ. އޭރު އެއީ ރާއްޖޭގައިހުރި އެންމެމޮޅު ކ.ނ.ކ ޑޮކްޓަރެވެ. މެޑިކަލް ޑޮކްޓަރުންނަކީ ސިޔާސީ ހަރަކާތްތަކުގައި ކޮންމެހެންވެސް އުޅެންޖެހޭ ބައެކެވެ. ޤައުމަށް ބޭނުންވަނީ އެފަދަ ހަރުދަނާ މީހުންނެވެ. ނަމަވެސް ނަޝީދު ވެރިކަން ހިންގަންފެށި ގޮތް ނުވަތަ ނަޝީދުގެންގުޅެންފެށި ސިޔާސަތު ކަމުނުގޮސްގެން އެކަމާއި ފާޑުކިޔަންފެށި ހިސާބުންފެށިގެން އޭނައަކީ މެޑިކަލް ޑޮކްޓަރެއްނޫނެވެ. އެއްވެސް އެއްޗެއް ދަންނަ މީހެއްވެސް ނޫނެވެ. އެއީ ސިޔާސީ މީހެކެވެ. މިއީ މިއަދު ސިޔާސީ ވަކިފިކުރެއްގެ މީހުންގެ ވިސްނުމާއި ފިކުރުހުރި ހާލަތެވެ.
މިފަދަ އެހެން ވާހަކައެވެ. މަޝްހޫރު ދީނީ ޢިލްމުވެރިއެއްކަމަށްވާ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ވާހަކައެވެ. 2008 ގެ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ޝެއިޚް މަސައްކަތް ކުރެއްވީ މުޙައްމަދު ނަޝީދަށް ވެރިކަން ހޯދައިދެވޭތޯއެވެ. ނަތީޖާއެއްގެގޮތުން ނަޝީދުގެ ކެމްޕެއިނަށް ކުރި ކޮންމެދަތުރެއްގައި ޝެއިޚް އިލްޔާސް ބައިވެރިކުރާން ކޮންމެހެންވެސް ބޭނުންވިއެވެ. ޝެއިޚްގެ ދަރުސްތައް އަސަރުގަދަވެފައި ރައްޔިތުންގެ އިހުސާސްތަކާއި ކުޅެލާތީއެވެ. އޭރު އެ މީހުނަށް ޝެއިޚް އިލްޔާސް ވަރެއްނެތެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ އެންމެފަހުރޭ އުސްފަސްގަނޑުގައި ވަޠަންއެދޭ އިއްތިހާދުން ބޭއްވި ޖަލްސާގައި، ވެހެމުންދިޔަ ވޭރޭގައި ޝެއިޚް އިލްޔާސް ކީރިތިކުރައްވަމުން ކުރެއްވި އަސަރުން ފުރިގެންވީ ދުޢާ ވެގެންދިޔައީ އެ މީހުނަށް ދުވަހަކުވެސް ހަނދާނުން ފޮހެލަންދަތިވި ދުޢާއަކަށެވެ. އަދި ނަޝީދަށް ތާއީދުކުރާ މީހުނަށް ޝެއިޚްވެގެންދިޔައީ ޤައުމަށާއި ދީނަށް ހެޔޮއެދޭ ޤައުމީ ބަޠަލަކަށެވެ. އެމީހުން ޤަބޫލުކުރީ ވެރިކަން ބަދަލުވެގެން ދިއުމުގައި ޝެއިޚް އެ އަސަރުގަދަ ދުޢާގެ ދައުރު ވަރަށްބޮޑުކަމެވެ.
މައުމޫނުގެ ދައުރު ނިމި ނަޝީދުގެ ދައުރު ފެށުނުފަހުން ނަޝީދަށް ތާއީދުކުރާ މީހުންގެ މެދުގައި ޝެއިޚް އިލްޔާސްގެ މަޤްބޫލުކަން އިންތިހާއަށް ބޮޑުވެގެންދިޔައެވެ. ޝެއިޚްގެ ދަރުސެއް ތަނެއްގައި އޮތްކަން އެނގިއްޖެއްޔާ، ދަރުސް އަޑުއެހުމުގެ ޝައުގުވެރިކަން ނެތަސް ޝެއިޚްގެ ދަރުސަކަށްވީތީ އެމީހުން ގޮސްއުޅުނެވެ. ނަމަވެސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވި ފަހުން އެ މީހުން ބުނާގޮތުން ވިއްޔާ ޝެއިޚް އިލްޔާސަކީ އެއްވެސް އެއްޗެއްދަންނަ މީހެއްނޫނެވެ. ނަޝީދުގެ 3 އަހަރުގެ ދައުރާއިއެކު ޝެއިޚްގެ ސިކުޑީގައި ހުރި ހުރިހާ އެއްޗެއް ފޮހެވިގެންދިޔައީ ކަމަށް އެމީހުން ޤަބޫލުކުރާކަހަލައެވެ. މިހާރު އެމީހުން ބުނަނީ ދީން ސިޔާސީ ހަތިޔާރަކަށް ހަދަނީ ކަމުގައެވެ. އެކަމަކު ދިވެހިރާއްޖޭގައި ހިންގޭ އެންމެބޮޑު ސިޔާސީ ހަރަކާތްކަމަށްވާ ރިޔާސީ އިންތިޚާބުގައި އެމީހުނާއިއެކު މަސައްކަތްކުރިއިރު ދިނާއި ސިޔާސަތަކީ އެކައްޗެކެވެ. ދިނީ ޢިލްމުވެރިން ސިޔާސީ ވާންޖެހެއެވެ. މިހުރީ އެވެރިންގެ ހާލަތުހުރިގޮތެވެ.
މިހާރަކަށްއައިސް ދީން ސިޔާސީހަތިޔާރަކަށް ހަދާވާހަކަ ވަރަށްގިނައިން އަޑުއިވޭތީ އެކަމާއި ދޭތެރޭ ވިސްނާލީމެވެ. އެގޮތުން ދީން އަދި ސިޔާސަތު މިބަސް ދިވެހިބަހުގައި ބޭނުންކުރެވެނީ ކޮންމާނައެއްގައިތޯ ބަލާލީމެވެ. "ދީން" މިބަހުގެމާނަކަމުގައި ދިވެހި ބަސްފޮތުގައި ވަނީ "1 - އިންސާނުން އުޅުމަށް މާތްﷲ އަންގަވާފައިވާ ގޮތް 2- ޢަޤީދާގެ ގޮތުން އިންސާނުން ޤަބޫލުކުރާގޮތް" މިއެވެ. ދެން އޮތީ ސިޔާސަތެވެ. ދިވެހި ބަހުގައި ސިޔާސަތު ކަމަށްބުނެފައިވަނީ "ފަރުދަކު ނުވަތަ ޖަމާޢަތަކުން ނުވަތަ ސަރުކާރަކުން އެއުސޫލުތަކަކަށް ތަބަޢަވެ ޢަމަލުކުރާ އުޞޫލުތައް" ކަމުގައެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ވަނީ "ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރެވެ." ވީއިރު ދީންނާއި ސިޔާސަތު އެއީ ދިވެހިންނަށް ވަކިކުރެވެންނެތް އެއްޗެކެވެ. އެހެންގޮތަކަށް ދަންނަވާނަމަ ދީނާއި ސިޔާސަތަކީ އެއްފައިސާފޮތީގެ ދެފުށެވެ. ސަބަބަކީ ދީނަކީ މާތްﷲ އިންސާނުން އުޅެން އަންގަވާފައިވާގޮތް ކަމަށްވެފައި ސަރުކާރުން އެއުޞޫލުތަކަށް ތަބަޢަވާ އުޞޫލަކީ ސިޔާސަތުކަމަށްވާއިރު، ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ސަރުކާރަކުން ތަބަޢަވާންޖެހޭނެ އުޞޫލަކަށް ވާންޖެހޭނީ އިންސާނުން އުޅުމަށް މާތްﷲ އަންގަވާފައިވާ ގޮތެވެ. އެއަށް މިކިޔަނީ ދީނެވެ. ދީންނޭގޭ މީހަކަށް އިންސާނުންއުޅުމަށް މާތްﷲ އަންގަވާފައިވާ ގޮތެއްނޭގޭނެއެވެ. މުސްލިމުން އެއުސޫލްތަކަށް ތަބަޢަވާންޖެހޭ އުޞޫލް ތަކަކީ މާތްﷲ ހަތްއުޑުމަތިން ބާވައިލެއްވި އިލާހީ ޤާނޫނެވެ. އެ ޤާނޫނު އުނގެނިގެންނޫނީ އެ އުޞޫލުތައް ހިންގާކަށް ނޭގޭނެއެވެ. އެ ޤާނޫނު އުގެނިގެންތިބޭ މިހުނަށް ދިވެހިންކިޔަނީ ދީނީ ޢިލްމުވެރިންނެވެ. އެހެންވީމާ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ސިޔާސީ ކަންކަން އެންމެރަގަޅަށް އެނގޭނީ ދީނީ ޢިލްމުވެރިންނަށެވެ. ދީނާއި ސިޔާސަތު އެއްކުރިވަރަކަށް ރައްޔިތުންނަށް ކުރާ ފައިދާ ބޮޑުވާނެއެވެ.
މިހާރަކަށްއައިސް ދީންނުދަންނަމީހުން ސިޔާސަތު ހިންގަންވެގެން ދައްކާ ބަހަނާއަކީ ދީނާއި ސިޔާސަތު އެއީ ދެ އެއްޗެއްކަމުގައެވެ. ދީން އޮންނަންވާނީ ދީނީ ޢިލްމުވެރިންގެ ޙަވާލުގައި މިސްކިތުގައި ކަމުގައެވެ. އަދި ސިޔާސަތު ހިންގާނީ ސިޔާސީމީހުން ކަމުގައެވެ. ދީނީ ޢިލްމުވެރިން ސިޔާސީކަންތައްތަކުގެ ތެރެއަށް ވަދެގެން ނުވާނެކަމުގައެވެ. މިއީ ހުޅަގުގެ ފަރަންޖީން މުސްލިމުންގެ ޢަޤީދާ ފާސިދުކުރަންވެގެން މުސްލިމުންގެ ތެރެއަށް ވައްދައިގެން އުޅޭ ފަލްސަފާއެކެވެ. އިސްލާމްދީނަށް ލޯބިކުރާ ދީނުގެ އުޞޫލުތަކުގައި ހިފަހައްޓާ ވެރިން ހުޅަނގުގެ ގޮނޑިކޮއްކޮއަކަށް ނުހެދޭކަމީވެސް ހުޅަނގުގެ މީހުން މުސްލިމުންނަށް ދީނައި ސިޔާސަތަކީ ވަކި ދޭއްޗެއްކަމަށް ވިސްނައިދޭ ސަބަބަކަށްވެދާނެއެވެ.
ދީނާއި ސިޔާސަތު ވަކިކުރަން މަސަކަތްކުރާ އެއްބަޔަކީ ދީނީ ޢިލްމު އުގެނިފައިނެތް، ސިޔާސަތަށް ދޯޅު މީހުންނެވެ. ދީނީ ޢިލްމުވެރިންނަކީ މުސްލިމު މުޖުތަމަޢުތަކުގައި ވަރަށް ޤަދަރުވެރި، މަޤްބޫލު ބައެކެވެ. އެބައެއްގެބަސް ރައްޔިތުންގެ ގިނަބަޔަކު ޤަބޫލުކުރާ ބައެކެވެ. ނަތީޖާއެއްގެ ގޮތުން ލާދީނީ މީހުނަށް ވެރިކަމަށްއަންނަން ކުރިމަތިވާ އެންމެބޮޑު ހުރަހަކީ ދީނީ ޢިލްމުވެރިންނެވެ. މިސަބަބާހުރެ މިބައިމީހުން ރައްޔިތުންނަށް ވިސްނައިދޭން ބޭނުންވަނީ ދީނީ މީހުނަށް ސިޔާސަތު ނޭގޭނެ ކަމުގައެވެ. އަދި ސިޔާސަތަކީ މުޑުދާރުއެއްޗެއް ކަމުގައެވެ. މުޑުދާރުއެއްޗަކާ ދީނީ ޢިލްމުވެރިން ކާރިވެގެން ނުވާނެ ކަމުގައެވެ. ނަމަވެސް ޙަޤީޤަތަކީ މިއެއްނޫނެވެ. އެންމެ ރަގަޅަށް ސިޔާސަތު އެނގޭނީ އަދި ސިޔާސަތު ހިންގޭނީވެސް ދީނީ ޢިލްމުވެރިންނަށެވެ. އާޚިރަތުގެ ބިރުނެތްމީހެއްގެ ދުނިޔޭގެ ބިރެއް ލަދެއް ނުއޮންނާނެއެވެ.
ދުނިޔޭގައި ހަތިޔާރުގެ ވާދަވެރިކަން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ތަފާތު ވައްތަރުތަކުގެ ހަތިޔާރުތައް އުފައްދައި ކޮށާރުތަކަށް ލުމަކީ ބާރުވެރިކަން ހޯދަންއުޅޭ ފަރާތްތަކުން ވަރަށް އިސްކަންދީގެން ކުރާކަމެކެވެ. ތަފާތު ނަންނަމުގައި ތަފާތު ވައްތަރުތަކުގެ ހަތިޔާރުތައް އުފައްދައެވެ. ނިއުކުލިއަރ ހަތިޔާރާއި ކެމިކަލް އަދި ބޮޔޮލޮޖިކަލް ހަތިޔާރުތަކެވެ. ހަތިޔާރުތައް ގިނަވިވަރަކަށް ބާރުގަދަ ވާނެކަމަށް ބަލާފައެވެ. އަޅުގަނޑުމެންގެ ތެރޭގައި ދީންހަތިޔާރަކަށް އެންމެބޮޑަށް ބޭނުންކުރެވުނީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައެވެ. އިދިކޮޅު ފަރާތްތަކުން މައުމޫނާއި ދެކޮޅަށް ނެގި އެންމެބާރުގަދަ ހަތިޔާރަކީ ދީނެވެ. މައުމޫނުގެ އަގު ދިވެހިންގެ ކުރިމަތީގައި ވައްޓާލުމަށްޓަކައި އެ ހަތިޔާރުގެ ބޭނުން ވަރަށް ބޮޑަށް ހިފިއެވެ. ގިނިދުށްމީހާ ރަތްމާދެކެ ބިރުގަންނަ ވާހަކައަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ވާހަކައެކެވެ. މިއަދު އަޅުގަނޑުމެންގެ ތެރެއިންވެސް މިފެންނަނީ އެފަދަ މަންޒަރެކެވެ. ހީރޯޝިމާ މީހުން ނިއުކުލިއަރ ހަތިޔާރުދެކެ ބިރުގަންނަފަދައިން ދީންދެކެ ބިރުގަންނަބަޔަކު އަޅުގަނޑުމެންގެ ތެރޭގައި މިހާރު އެބަތިއްބެވެ. ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުންކޮށް، އެހަތިޔާރު ތަޖުރިބާކޮށްފައިތިބި މީހުނެވެ. ދީނަކީ ބާރުގަދަ ހަތިޔަރެއްކަމުގައި އެމީހުން ޤަބޫލުކުރެއެވެ. ހަތިޔާރު ގިނަވިވަރަކަށް ބާރުގަދަ ވާނެ ކަމަށް ޤަބޫލުކުރެވޭތީ އެމީހުން މަސައްކަތްކުރަނީ މިތަނަށް ވީހާގިނަދީންތަކެއް ގެނައުމަށެވެ. ކޮންމެދީނަކީ ހަތިޔާރަކަށް ވާނެކަމަށް ބަލާފައެވެ. އެކަމަކު ބާރުގަދަ ހަތިޔާރަކީ ހަމައެކަނި އިސްލާމްދީ ކަން އެވެރިންނަށް ހަމަނޭގެނީ ބާވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...