ކުރިއަށް އޮތް ދެތިންމަހުގެ ތެރޭގައި ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޙާބުގެ ކުރިން ޕާކިސްތާނުގެ ފުރަތަމަ މިނިވަން އިލެކްޝަން ކޮމިޝަނަރ އިއްޔެގެ ވަގުތެއްގައިވަނީ މަޤާމުގެ ހުވާކޮށްފައެވެ.
ދެކުނު ޕްރޮވިންސްކަމަށްވާ ސިންދުގެ ކުރީގެ ގަވަރުނަރ އަދި ކުރީގެ ފަނޑިޔާރުކަންކުރައްވާފައިވާ ފަޚްރުއްދީން އިބްރާހިމް ހުވާކޮށްފައިވަނީ ސުޕްރީމްކޯޓުގެ އިސް ފަނޑިޔާރު އިފްތިޚާރު މުޙައްމަދު ޗައުދަރީގެ ކުރިމަތީގައިކަމަށް ކޯޓުން މަޢްލޫމާތު ދިނެވެ.
ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަނަރ ކަމަށް އިބްރާހިމް ހަމަޖެއްސުމުން ވެރިކަންކުރާ ކޯލިޝަނުންނާއި ސިޔާސީ އިދިކޮޅު ޕާޓީތަކުންވެސްވަނީ މިކަމަށް މަރުޙަބާ ކިޔާފައެވެ.
" ކުރިއަރަމުން އަންނަ އަދި ޑިމޮކްރެޓިކް ޕާކިސްތާނު ކުރިއަށް ތިބި އާޖީލްތަކަށް ހުށަހަޅައިދިނުން މީ އަހަރެން އަބަދުވެސް ދެކެމުން އައި ހުވަފެނެއް". އިލެކްޝަން ކޮމިޝަނަރ ހާމަކުރެއްވިއެވެ.
"އަހަރުމެންގެ އޮތީ ހަމައެންމެ އެޖެންޑާއެއް، އެއީ އާންމުންގެ މެދުގައި އިންސާފު ޤާއިމްކުރުން. މިކަން ކުރެވޭނީ މިނިވަން، އިންސާފުވެރި، ދެފުށްފެންނަ، ހަމަހަމަ އިންތިޙާބަކަށް ދެވިގެން. އޭރުން އެއްވެސް މީހަކަށް އިންތިޙާބާއި ދެމެދު ހިތްހަމަނުޖެހިގެން ނުރުހުމުގެ އިނގިލިއެއް ދިށް ނުކުރެވޭނެ. އަދި އިލެކްޝަން ކޮމިޝަންގެ ހުރިހާ މުވައްޒަފުންވެސް މަސައްކަތްކުރަންވާނީ މިލަނޑުދަޑި ޙާސިލްކުރުމަށް."
އިލެކްޝަންސް ކޮމިޝަނަރ އައްޔަންކުރުމުގެ ބާރު ކުރިން ޕާކިސްތާނުގެ ރައީސަށް ލިބިފައިވިޔަސް 2010 ވަނަ އަހަރު ޤާނޫނު އަސާސީއަށް ގެނެވުނު ބަދަލުގައި މުސްތަޤިއްލު އިލެކްޝަން ކޮމިޝަނަކާއި ކޮމިޝަނަރ އެއް ހަމަޖެއްސުމަށް ނިންމާފައިވެއެވެ. މިގޮތުން އިބްރާހިމް އައްޔަންކުރައްވާފައިވަނީ ޕާލިމަންޓަރީ ކޮމިޓީއަކުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...