ސައިޕްރަސްއަށް ސީރިޔާ ސަރުކާރުން ކަނޑއަޅާފައި ހުންނަވާ ސަފީރު ލާމިއާ އަލްހަރީރީ އިދިކޮޅު ފަރާތްތަކާއި ގުޅިއްޖެކަމަށް އަލްޢަރަބިޔާ ޓީވީއިން އިއްޔެ ހާމަކޮށްފިއެވެ.
އަލްޢަރަބިޔާ ޗެނަލުން ބުނެފައިވާގޮތުގައި އަލްހަރީރީ ވަނީ ސަފީރު ކަމުގެ މަޤާމުން އަމިއްލައަށް އިސްތިއުފާދެއްވުމަށްފަހު މިހާރު ޤަތަރަށް ވަޑައިގެންފައެވެ. މީގެ ހަފްތާއެއްވަރު ކުރިން ސީރިޔާ ސަރުކާރުން ޢިރާޤަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނަވާފް ފާރިސްވެސް ވަނީ އިދިކޮޅު ފަރާތްތަކާއި ގުޅުމަށްފަހު މަޤާމުން އިސްތިއުފާދެއްވައި ޤަތަރަށް ވަޑައިގެންފައެވެ.
އަލްހަރީރީއަކީ ސީރިޔާގެ ސަރުކާރުގެ ނައިބު ރައީސް ފާރޫޤް އަލްޝާރާއަށް ބޮޑުބޭބެ ކިޔާބޭފުޅެކެވެ. އަދި އެކަމަނާ އިދިކޮޅުފަރާތްތަކާއި ގުޅުމީ އެއީ ބައްޝާރުލް އަސަދުގެ އަނިޔާވެރި ސަރުކާރަށް ލިބުނު ވަރަށް ބޮޑު ވެއްޓުމެއް ކަމަށް ސިރިޔާގެ މަސްރަހު ދިރާސާ ކުރާފަރާތްތަކުންނާއި އަދި އިދިކޮޅު ފަރާތްތަކުން ހާމަކުރެއެވެ.
"ޝާރާގެ އެންމެ ގާތް އެއް ފަރާތްކަމުގައިވާ ހަރީރީ އިދިކޮޅު ފަރާތްތަކާއި ގުޅުމީ އެއީ ބައްޝާރުލް އަސަދުގެ ސަރުކާރު ވަރަށް ބޮޑަށް ލަދުގަންނަވާނެ ކަމަށް ނޫނީ ނުވާނެ،" އިދިކޮޅު ފަރާތްތަކާއި ގުޅިފައިވާ ސިރިޔާ ސަރުކާރުގެ ޑިޕްލޯމޭޓެއްކަމުގައިވާ ބައްސާމް އިމާދީ ވިދާޅުވެފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...