ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ އިސްލާމުން ދިރިއުޅެމުންއަންނަ ޤައުމެކެވެ. މިސަބަބާއިހުރެ މިރާއްޖޭގެ ސިޔާސީ މުޙާވަރާޔަށް އެންމެ ބޮޑުނުފޫޒެއް ފޯރަނީ އިސްލާމްދީނުގެ ފުށުންނެއެވެ. އެއީ މިރާއްޖޭގެ އަހުލުވެރިންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނާއި އެދީނަށް އޮތް ވަފާތެރިކަމެއްގެ ސަބަބުންކަމުގައި ބެލެވިދާނެއެވެ. ޙައްޤުދީން ދިފާޢުކުރުމަށާއި، ބާތިލްދީނަކަށް ޖާގަނުދިނުމަށާއި އަދިއަންނަންއޮތް ޖީލުތަކާއިހަމަޔަށް ރައްކާތެރިކަމާއެކު ޙައްޤުދީން ވާސިލުކޮށްދިނުމަށް ހުށިޔާރުވެތިބިލެއް ބޮޑުކަމުންކަމުގައި ލިޔެވިދާނެއެވެ.
ފަހުގެ ދުވަސްތަކުގައި މިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތަށް، ވެރިކަމުގެ ފަރާތުންނާއި އެހެނިހެން ފަރާތްތަކުންވެސް، ކުރިމަތިވަމުންއަންނަ ބޮޑެތި ގޮންޖެހުންތަކާއެކުވެސް މިރާއްޖޭގެ ތާރީޚުގައި އެންމެ ފަހުން ނިމިދިޔަ ތިންވެރިކަން ނިމިދިޔުމާވެސް ގުޅިފައިވާ އެންމެ މުހިންމު ސަބަބަކީ މާތްވެގެންވާ އިސްލާމްދީން "އިހާނަތިކުރުން" ކަމުގައި ޤަބޫލުކުރުމުގެ ފުރުސަތުއެބައޮތެވެ. ރައްޔިތުންގެ ނަމުގައި ވެރިކަންކުރަން ފެށިހިސާބުން ފެށިގެންވެސް އަދި އޭގެމާކުރީއްސުރެ ރަސްކަން ޤާއިމްވެފައި އޮތްޒަމާނުގައިވެސް އިސްލާމްދީން ސިޔާސީ ހަތިޔާރަކަށްހެދުމުގެވާހަކަ ދެކެވެމުންއާދެއެވެ.
ވޭތުވެދިޔަމާޒީގެ ހަނދާންހުރިހިސާބަށް ނަޒަރުހިންގާލުމުން ފެނަންއޮތް ޙަޤީޤަތެއް އެބައޮތެވެ. އެއިލްޒާމުތަކަކީ އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނަށް ގޮންޖަހާ އަދި އިސްލާމީ ތަރަހައިން "ސިޔާސީ ކަލްޓުން" ބޭރުވެގެން ދާހިނދު ފާޑުކިޔައި ހަމަމަގަށް އަޅުވަންނިކުންނަ ޢާންމުންނާއި ދަންނަބޭކަލުންގެ ކުރިމަތީގައި އުފުލޭ އައްޑަނަޔަކަށްވަނީހެދިފައެވެ. ހެޔޮމަގަށް ގޮވާލާ މުޚްލިސަކު ދައުލަތުގެ ޒިންމާދާރު ވެރިޔަކަށް ނުވަތަ ސިޔާސީއަކަށް އިޚްލާސްތެރި ނަސޭޙަތެއް އަމާޒުކޮށްފިނަމަކިބުރުވެރިކަމާއި ބޮޑާކަމާއެކު، ދީން ހަތިޔާރަކަށް ހެދުމުގެ ތުހުމަތުކޮށް، އެމީހަކަށް ތަބަޢަވެގެންތިބި ސިޔާސީ ސަފީހުންގެ މެދުގައި ބުހުތާނުފަތުރާ، ޤަދަރުއުފުލިގެންވާ ދަންނަބޭކަލުންގެ ޝަޚްސިއްޔަތު ކަތިލުމުގެ މަސައްކަތް ފެށިދެއެވެ. ބައެއްފަހަރު ބާރުތައް ފަހަތުންދުވާ ސިޔާސީ ކަސްބީން އެއްބަޔަކު އަނެއްބަޔަކަށްވެސް މިތުހުމަތު އަމާޒުކުރެއެވެ. ތިންއަހަރުގެ ކުރު ޚުދުމުޚްތާރު ވެރިކަމުގައިވެސް، ތިރީސްއަހަރުގެ ދިގު އަނިޔާވެރި ވެރިކަމުގައިވެސް އަދި އޭގެ މާކުރިންވެސް ކަންހިގަމުންއަންނަނީ މިމަގުންނެވެ.ކޮންމެއަކަސް ކަންހިނގަމުން އަންނަގޮތާ އަޅާބަލާއިރު ކަމުގެ ޙަޤީޤަތް އޮތީ މާދުރުގައެވެ. ސިޔާސީވެރިންގެ ފަސާދައާދެކޮޅަށް އަޑުއުފުލާ، ހައްޤުގެމަގަށް މީސްތަކުން ރުޖޫޢާކުރުމަށް މަސައްކަތްކުރާމީހުންނީ ދުނިޔޭގެ ސިޔާސަތު އިސްލާޙުކުރާމީހުންނެވެ. އެއީ ސިޔާސަތު ދީންވެރިކޮށް ހަމަމަގަށްއަޅުވާމީހުންނެވެ. ދީން ސިޔާސީ ހަތިޔާރަކަށްހަދާ މީހުންނީ އެފަދަމީހުންނެއްނޫނެވެ.
މިރާއްޖޭގެ އެންމެހައި އަންހެންކަނބަލުންގެ ހަށިކޮޅުގައި ގަދަކަމުން ކަޅުފޮތި އޮޅާކަށް އެކަކުވެސް ނުއުޅެއެވެ. އެހެންނަކުންނޫނެވެ. ހެދުންއެޅުމާ ގުޅޭގޮތުން އުޑުތަކުގެމަތިން ބާވައިލެއްވި ވަޙީ ގަޑުބަޑުކޮށް، ޤުރުއާނަށް ގޮންޖަހަންފެށީމާ ފިތުނަވެރިކަމާދެކޮޅަށް ޙައްޤުބަސް އިއްވުނެވެ. ފަސާދައިގެމައްޗަށް މީސްތަކުން ހުށިޔާރުކުރެވުނެވެ. އޭގެނަތީޖާ މިއޮތްގެން ކުރިމަތިން ތަމްސީލުވަނީއެވެ. ބަނގުބުއިމަށާއި އޫރުކެއުމަށް މަގުފަހިކޮށް އެކަންކަމަށް ގޮވަންފެށީމާ އެކަމާދެކޮޅަށް ވެސް ތެދުވީއެވެ. މާތް ﷲ ތަކުރާރުކޮށް ލައުނަތްލައްވާ، އެއުރެންގެތެރެއިން ބަޔަކު ރާމާމަކުނަށާއި އޫރަށް ބަދަލުކުރެއްވި ޔަހޫދީންގެތެރެއިންއުފެދި، ހައްދުފަހަނައަޅައިދިޔަ ސިޙްޔޫނީން ވަލީވެރިކޮށް، ވިލާތުގެ ނަސްރާނި ފާދިރީންނަށް އަޅުވެތިވެގަތީމާ އެކަމާމެދު އިންޒާރުކުރެވުނެވެ. ޖާހިލިއްޔަޒަމާނުގެ ބުދުތައް ކޮނެނަގައިގެން އެތަކެއްޗާ ދޯޅުވެގަތީމާ ނިކުމެ ވެރިކަން އިންޤިލާބިކޮށްލީއެވެ. ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ވެރިމީހާ އަޒުލުކޮށްލީއެވެ. އެއީ އިސްލާމްދީން ސިޔާސީ ހަތިޔާރަކަށްހެދުމެއްނޫނެވެ. އެއީ ސިޔާސަތު އިސްލާޙުކުރުމެވެ. ދަންނަބޭކަލުންނާއި އެބައިމީހުންނަށް ތަބަޢަވާމީހުން އެގޮތުގައި ދެމިތިބެނެއެވެ. އެމަސައްކަތް ކުރިލާހެދި ފުޅާވަމުންދާނެއެވެ. ނުރުހޭމީހުން ނުރުހުނަސް އަދި ފުރައްސާރަކުރާމީހުން ފުރައްސާރަކުރިއަސް އެކަމެއް ނުވެސްހުއްޓުވޭނެއެވެ.
ކަމުގެ ޙަޤީޤަތް އޮތްގޮތާމެދު ނަޒަރު ހިންގާލަމާބަހީއެވެ. އިސްލާމްދީން ސިޔާސީ ހަތިޔާރަކަށްހެދުމަކީ ހަމައެކަނި އިސްލާމްދީނުގެ ނަމުގައި ސިޔާސީބާރު ޙާސިލުކުރުމެއްނޫނެވެ. ދީނުގެ ނަމުގައި ވެރިކަމުގެ ބާރުތައް ހޯދާގަންނަމީހާ އެބާރުތަކުގެ ބެއިނުންކޮށްގެން ހެޔޮގޮތުގައި ދީންމަތިވެރިކޮށް ދީނުގެ ޝިޢާރުތައް ނަގަހައްޓައި ދީން ބިންމަތީގައި ޤާއިމްކޮށްފިނަމަ އެއީ ހާދަހާވާބޮޑު ހެޔޮކަމެކެވެ. އެއާޚިލާފަށް އިސްލާމްދީނުގެ މަތިވެރި ނަންފުޅުވިއްކައިގެން ވެރިކަމުގެބާރުތައް ޙާސިލުވީމާ ﷲ ގެދީންމަތިވެރިކުރުމަށްޓަކައި ރައްޔިތުންދިން ބާރާއި ނުފޫޒުގެ ބެއިނުންކޮށްގެން ދީންމުގުރާލަން އުޅުމަކީ ހަމަޙަޤީޤަތުގައިވެސް ދީން ސިޔާސީ ހަތިޔާރަކަށްހެދުމެވެ. ދީނަށްޓަކައި ރައްޔިތުންކުރި އިތުބާރާއި އިޙްތިރާމް ތިމާގެ އަމިއްލައެދުމުން ފޯވެގެންވާ ލާދީނީއެޖެންޑާ ފެތުރުމައްޓަކައި ބެއިނުންކުރުމަކީ ދީން ސިޔާސީ ހަތިޔާރަކަށް ހެދުންކަމުގައި ނުބެލެވެންވީ އެއްވެސް ސަބަބެއްނެތެވެ.
އިސްލާމްދީން ސިޔާސީ ހަތިޔާރަކަށްހެދުމުގެ ތާޒާ މިސާލުތައް ދުރުނޫންމާޒީގައި ފެންނަންއެބަހުއްޓެވެ. ބަނގުރާ ބޯމީހެކޭ އެވިއްކާމީހެކޭ އެއުފުލާ މީހެކޭ އެއްފަދަވެގެންވެޔޭ ބުނެ، އެކަންކަމުގެ މައްޗަށް ރަށުރެރޭގައި ތަޤުރީރުކޮށް،އެކަމުގެ ސަބަބުން ހުރަގެޔަށް ވަދެ ރައްޔިތުންގެ ސަމާލުކަން ހޯދައި، ވެރިމީހާ ވެރިކަމުންދުރުކޮށް ޤައުމުން ފައްސާލެވިފައި އެބަހުއްޓެވެ. ދެންއެއަށްފަހު ވެރިކަމަށްއަރައި ރައްޔިތުންކުރި އިތުބާރުގެބެއިނުން ޖާއިޒުނޫންގޮތުގައިހިފައި، ދީން ސިޔާސީ ހަތިޔާރަކަށްހަދައި، މާތް "ﷲ ގެ މަތިވެރި ނަންފުޅުން" ބަނގުރާ ވިއްކުމުގެ ހުއްދަދީ، މުޅިޤައުމުގައި އެތަކެތި ޢާންމުކޮށް ޒުވާންޖީލު އެކީއެކަށް މަގުފުރައްދައިގެން ޢުމުރުދުވަހު ވެރިކަމުގައި ބަގުޑިބެއްދޭތޯ އުޅެފައި އެބަހުއްޓެވެ.
އެހެން މިސާލެކެވެ. ވެރިކަން ފާސިދުވެ ޤައުމު ޚަރާބުވެއްޖެކަމަށާއި، ދީނާއި ދުނިޔެ ސަލާމަތްވާނެފަދައެއް ނެތިއްޖެކަމަށާއި، އެކަމާއިހުރެ ވެރިކަން ބަދަލުކުރަންޖެހޭކަމަށް ގޮވެމުންދިޔައީ ދާދިމިދާކަށްދުވަހުއެވެ. ތިމަންނާގެ ވެރިކަމުގައި ދީންމަތިވެރިކޮށް، ޝަރީޢަތް ޤާއިމުކޮށް، ދަންނަބޭކަލުން ބުނިހާގޮތަކަށް ހަދައިގެން އުޅެނޭކަމަށްބުނެ މިރާއްޖޭގެ އިތުބާރުހިފޭ ދަންނަބޭކަލުންގެ ފަހަތުންދުވެ، އާދޭސްކޮށް އެއިރުހެދިއެވެ. އިސްލާމްދީނުގެ ޙައްޤުގައި ދީންމަތިވެރިކުރުމަށްޓަކައި، ދަންނަބެއިކަލުންގެ އިރުޝާދާއެއްގޮތަށް ޤައުމުހިންގުމަށްޓަކައި،ރައްޔިތުން އިތުބާރުކޮށް ވެރިކަން ޙަވާލުކުރިއެވެ. ދެންހެދިގޮތަކީ ދަންނަބޭކަލުންނާއި ރައްޔިތުންކުރި އިތުބާރު ސިޔާސީ ހަތިޔާރަކަށް ހަދައިގެން އޭގެނިވަލުގައި އިސްލާމްދީން ފޮހެލަން އުޅެގަތީއެވެ. ދިވެހި ދަންނަބޭކަލުން ބައިނަލްއަޤުވާމީ މީޑިއާގައި ފަޞީހަތްކުރީއެވެ. އިހުގައި ހިންގެމުންއައިހައި މުންކަރާތްތައް މެކުހަށްޖެހީއެވެ. ނުވިތާކަށް ވަށައިގެންއުޅޭ ދޮޅަހަކަށް ސަފީހުންނާއިގެން މަގުމައްޗަށްނިކުމެ މާތް ﷲ އަށް ގޮންޖަހާ، ސަލާމާއި ސަލަވާތްލެއްވި އިތުރު ސާހިބާގެ ކީރިތި ޙަޟުރަތަށް ފުރައްސާރަކޮށް، ކުފުރު ފާޅުކޮށްގަތީއެވެ. އިސްލާމްދީނަށްޓަކައި ރައްޔިތުން ކުރިއިތުބާރު ސިޔާސީ ހަތިޔާރަކަށް ހަދައިގެން ތިމާގެ ލާދީނީ އެޖެންޑާ ޙާސިލުކުރަން އުޅެގަތީއެވެ.
އިސްލާޙަށް ގޮވާލާ މިރާއްޖޭގެ ދަންނަބޭކަލުން ޙައްޤުބަސް އިއްވެވުމުގައި ދެމިތިއްބަވާނެއެވެ. ދީން ޙިމާޔަތްކޮށް ދުނިޔޭގެ ސިޔާސަތު ހަމަމަގަށް އެޅުވުމަށްޓަކައި ކުރައްވަންޖެހިއްޖެ ކޮންމެކަމެއްވެސް ކުރައްވާނެއެވެ. އެކަންކަން ރައްދުވަނީ ވެރިއަކަށްތޯ އެނޫންމީހަކަށްތޯ ބެއްލެވުމެއްނެތި އެކަމުގައި ސާބިތުވެތިއްބަވާނެއެވެ. އެބައެއްގެ ހިތުތެރޭގައި ރޯވެ އަނދަމުންދާ ޙަސަދަވެރިކަމާއިހުރެ ނުވަތަ ސިކުނޑީގައި އުތުރިއަރަމުންދާ އަމިއްލައެދުމާއިހުރެ އެސަފުންބާކީވެގެންދާ ދެތިންމީހަކު ފާޅުކުރާ ނިފާޤު ޝުޢޫރުތަކަކުން އެކަމަށް ލޮޅުމެއްނައަރާނެއެވެ. އިސްލާމްދީނުގެ ނަމުގައި ވެރިކަންހޯދައި އެއަށްފަހު ދީން ސިޔާސީ ހަތިޔާރަކަށް ހަދައި، ދީން ނައްތާލަން އުޅޭމިހުން އެކަމުގެ އިލްޒާމު މައުސޫމުބައެއްގެ ބޮލުގައި އެޅުވުމަކުން އެޖަރީމާއިން ބަރީއައެއްނުވެވޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...