ފަލަސްތީނުގެ މުސްލިމުންނާއި މެދު އިޒްރޭލުގެ ސަރުކާރުން ކަންތައް ކުރަނީ ވަރަށް އިހާނެތިގޮތަކަށްކަމަށާއި އަދި އިޒްރޭލަކީ މުޅި ދުނިޔޭގަވެސް އޮތް ނަސްލީ ތަފާތުކުރުން އެންމެ ބޮޑަށް އޮތް ދައުލަތްކަމުގައި އެޤައުމުގެ މަޝްހޫރު ލިޔުންތެރިޔަކު ބުނެފައިވާކަމަށް އަލްޢަރަބިޔާ ނޫހުން ހާމަކޮށްފިއެވެ.
"ތަރައްޤީވެފައިވާ ޤައުމުތަކުގެ ތެރޭގައި އިޒްރޭލަކީ ދުނިޔޭގައި ނަސްލީތަފާތުކުރުން އެންމެ ބޮޑަށް އޮތް ދައުލަތް،" އިޒްރޭލު ޔުނިވަރސިޓީގެ އެސޯސިއޭޝަން ފޮރ އިޒްރާއެލް ސްޓަޑީސްގެ ބައިނަލްއަޤްވާމީ ކޮންފަރެންސް ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި އިޒްރޭލުގެ ލިޔުންތެރިޔާ ސާމީ މައިކަލް ބުނެފައިވެއެވެ.
މައިކަލްގެ ވާހަކައިގައި އޭނާ ހާމަކޮށްފައިވާގޮތުގައި މިނަސްލީ ތަފާތުކުރުމަކީ އިޒްރޭލުގެ ކެބިނެޓް މެމްބަރުންގެ އެއްބާރުލުމުގެ މަތިން ހިންގަމުން އަންނަ ކަމެކެވެ. އަދި އިޒްރޭލުގައިހަލުވިކަމާއިއެކު ފެތުރެމުން އަންނަ ހައްދުފަހަނައަޅާފައިވާ ދީނީ ފިކުރުތަކުގެ ސަބަބުން މިފަދަ ނަސްލީތަފާތުކުރުމުގެ މިފަދަ އަމަލުތައް އިތުރުވެގެންދާކަމަށްވެސް އޭނާ ބުނެފައިވެއެވެ.
"ކޭޖީއިން ފެށިގެން މުސްކުޅި އުމުރަށް އެޅެންދެން އަޅުގަނޑުމެންގެ ބޮލަށް ވައްދަމުން މިއަންނަނީ ޢަރަބިންނަށް ވުރެ ނުބައި ނުލަފާ ބަޔަކު މިދުނިޔޭގައި ނުތިބޭނެކަމަށް. އަޅުގަނޑުމެންނަށް މުޅީންވެސް ދަސްކޮށްމިދެނީ އަނެކާއަށް ނަފުރަތާއި ރުޅިވެރިކަން ބަހައްޓަން،" މައިކަލް ހާމަކުރިއެވެ.
"ހައްދުފަހަނައަޅާފައިވާ އިސްލާމީ ޖަމާޢަތްތަކޭ އަބަދުކިޔަމުންދާއިރު އިޒްރޭލުގެ ޘަޤާފަތް އޮތީ ކޮން ހައްދެއްގެ ތެރޭގައިތޯ އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ،" އޭނާ އިތުރަށް ބުންޏެވެ.
މައިކަލް އަކީ ފަލަސްތީނުގައި މިނިވަން ދައުލަތެއް އޮންނަން ޖެހޭނެކަމަށް ޤަބޫލުކުރާ މަދު ޔަހޫދީންގެ ތެރެއިން އެކަކު ކަމަށް އަލްޢަރަބިޔާއިން ހާމަކޮށްފައިވެއެވެ. އަދި މައިކަލްގެ ވާހަކަތައްވެސް ބިނާކުރެވިފައިވަނީ ޔަހޫދީންނާއި ޢަރަބިންގެ ދެމެދުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ މައްޗަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...