ކޮންގޯގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ އިދިކޮޅު ހަތިޔާރު އެޅި ޖަމާޢަރުގެ ވެރިޔާ ތޯމަސް ލުބާންގާ 14 އަހަރަށް ޖަލަށް ލުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމްކޮށްފިއެވެ.
ލުބާންގާގެ މައްޗަށް ޙުކުމްކޮށްފައިވަނީ އުމުރުން 15 އަހަރުން ދަށުގެ ފިރިހެން އަދި އަންހެންކުދިން ވަގަށްނަގައި ޑިމޮކްރެޓިކް ރިޕަބްލިމް އޮފް ކޮންގޯގެ އުތުރުގައި 2002 ކުން 2003 ކަށް ހިނގައިދިޔަ ހަނގުރާމާއިގައި ބައިވެރިކުރުމުގެ ކުށުގައެވެ. މިހަނގުރާމައިގައި މަދުވެގެން 600000 މީހުން މަރުވެފައިވާކަމަށް ޚަބަރުލިބެއެވެ.
"މިއަދުގެ ކޯޓުން އިއްވި މިޙުކުމުގެ ސަބަބުން ކުޑަކުދިން ރެކްރޫޓްކޮށް ހަނގުރާމަތަކުގައި ބައިވެރިކުރަމުންދާ މީހުންނަށް ވަރަށް ވަރުގަދަ މެސެޖެއް ލިބިގެންދާނެ،" ހިއުމަން ރައިޓްސް ވޮޗްގެ އަނިއްކާ ވެން ވޫޑެންބަރގް ބުނެފައިވެއެވެ.
ނަމަވެސް ތަޙްޤީޤް މަރުހަލާގައި ލުބާންގާ 6 އަހަރު ޖަލުގައި ހޭދަކޮށްފައިވުމުގެ ސަބަބުން ލުބާންގާ ޖަލުގައި ދެން ހޭދަކުރަން ޖެހޭނީ 8 އަހަރު ކަމުގައި ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ. އަދި އެ 8 އަހަރުގެ ތެރޭގައި ޕެރޯލްލިބި އޭގެ ކުރިން އޭނާ މިނިވަންވެދާނޭކަމަށްވެސް ގިނަބަޔަކު ބުނެއެވެ.
ލުބާންގާއަށް މިކުރި ޙުކުމުގެ ސަބަބުން ލިބުނީ ކިހާވަރެއްގެ ކާމިޔާބީއެއްތޯ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ފާޑުކިޔާމީހުން ސުވާލު އުފައްދާފައިވެއެވެ.
"އަޅުގަނޑުމެން ހީކުރީ އޭނާ ޖަލަށްލާނީ އުމުރަށްކަމަށް. އޭރުންތާ އޭނާގެ ޝިކާރައަކަށް ވެފައިވާ ކުދިންނަށާއި މީހުންނަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއްލީބޭނީ،" ހިއުމަން ރައިޓްސް ލޯޔަރެއްކަމުގައިވާ އިމަނުއެލް ފޯލޯ ބުނެފައިވެއެވެ.
އިސް ފަނޑިޔާރު އެޑްރިއަން ފުލްފޯރޑްވެސް ވަނީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ލުބަންގާގެ މައްސަލައާއި މެދު ކަންކޮށްފައިވާގޮތާއި މެދު ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...