މީގެ 8 އަހަރު ކުރިން ޕާކިސްތާން ސަރުކާރުން ޑޮލަރުގެ ދަހިވެތި ކަމުގައި އެމެރިކާއަށް ވިއްކާލާފައިވާ ޑރ.ޢާފިޔާ ސިއްދީޤީގެ މައްޗަށް ދޮގު ތުހުމަތު އެޅުވުމަށް ފަހު، އެއްވެސް އިންސާފެއް ނެތް ގޮތެއްގައި މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ކޯޓުން 86 އަހަރު ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފިއެވެ. ﷲ ތަޢާލާ، ޢާފިޔާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވާ އެ އަނިޔާވެރިންގެ އަތްދަށުން އެކަމަނާ މިންޖުކޮށްދެއްވާށި!
އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ މަރުކަޒެއްގެ ތެރޭގައި އެމެރިކާސިފައިންގެ ގަޔަށް ބަޑިޖެހިކަމުގެ ތުހުމަތުގައި ޢާފިޔާ ހައްޔަރުކޮށްފައިވާ އިރު، މިހާތަނަށް އެކަން ސާބިތުކޮށްދޭ ފަދަ އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ.
ޑރ.ޢާފިޔާއާއި އެކުގައި އޭނާގެ ތިން ދަރިން ވެސް އެމެރިކާނުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ކޮންތަނެއް ކަން ނޭނގޭ ތަންތަނުގައި އެ ކުދިންތައް ބޭތިއްބުމަށް ފަހު މިހާރު ވަނީ އޭގެ ތެރެއިން 2 ކުދިން ޑރ.ޢާފިޔާގެ ޢާއިލާއާއި ހަވާލުކޮށްފައެވެ. ޑރ.ޢާފިޔާގެ އެންމެ ތުއްތު ދަރިފުޅުގެ ވީނުވީއެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
ޑރ.ޢާފިޔާގެ މައްޗަށް ނާއިންސާފުން މި އިއްވުނު ޙުކުމާއިމެދުގައި ނުރުހުން ފާޅުކޮށް ޕާކިސްތާނުގެ އެކި ސަރަޙައްދުތަކުގައި މުޒާހަރާތައްކޮށް އެއްވުންތައް ދަނީ ބާއްވަމުންނެވެ. އަދި ޙުކުމް އިއްވުމާއި ވިދިގެން ޑރ.ޢާފިޔާގެ މަންމަ އާއި ޑރ.ޢާފިޔާގެ ދައްތަ ޑރ.ފައުޒިއްޔާ ވަނީ ނޫސް ކޮންފަރެންސެއް ބާއްވާފައެވެ. މިބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑރ.ފައުޒިއްޔާ ބުނެފައިވަނީ މިއަދަކީ ޢާފިޔާ ބަލިވި ދުވަސް ނޫންކަމަށާއި އެއާއި ޚިލާފަށް މިއަދަކީ ޢާފިޔާގެ ކާމިޔާބީގެ ފެށުމުގެ ދުވަސްކަމުގައެވެ. އަދި ﷲ ގެ އިރާދަފުޅާއިއެކު ޢާފިޔާ އަނބުރާ ޕާކިސްތާނަށް ގެންނާނެކަމަށް އޭނާ ވަޢުދުވިއެވެ. އަދި ﷲ ގެ މިޤަދަރަށް ފުރިހަމަށް ކިޔަމަންވާ ކަމަށެވެ. މި ބައްދަލުވުމުގައި ޑރ.ފައުޒިއްޔާ ވަނީ 'ޢާފިޔާ މޫވްމަންޓް' ގެ ނަމުގައި ޙަރަކާތެއް ފައްޓާފައެވެ. ޑރ.ޢާފިޔާގެ ޢާއިލާގެ ފަރާތުން މި ފެށުނު ޙަރަކާތުގައި ޕާކިސްތާނުގެ އެތައް ރައްޔިތުންނެއް ޝާމިލްވެއެވެ.
ޑރ.ފައުޒިއްޔާ އާއި ޢާފިޔާގެ މަންމަގެ ވާހަކައިގައި ޕާކިސްތާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެގޮތުން ކުރީގެ ސަރުކާރުން ޢާފިޔާ ވިއްކާލީ ކަމަށާއި އަދި މިހާރުގެ ސަރުކާރުން ޢާފިޔާ އެތައް ފަހަރަކު ވިއްކާލާފައިވާކަމަށް ބުނެފައިވެއެވެ. ޕާކިސްތާނުގެ މިހާރުގެ ސަރުކާރުން ޢާފިޔާގެ ޢާއިލާއަށް ޢާފިޔާ އަނބުރާ ގެނެސްދޭނޭ ކަމުގެ ވަޢުދު އެތައް ފަހަރަކުވެފައިވާ ކަމަށާއި ނަމަވެސް އެކުރި ވަޢުދުތަކުގެ ނިމުން އައިގޮތާއިމެދު ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް ބުނެ ފާޑުކިޔާފައިވެއެވެ.
ޢާފިޔާއަށް ނާއިންސާފުން ޙުކުމްކުރުމާއި ގުޅިގެން އެތައް ސަތޭކަ މީހުންނާއިއެކުގައި މުޒާހަރާ ކުރަމުން ޑރ.ފައުޒިއްޔާ ބުނެފައިވެއެވެ. "މިކުރި ޙުކުމުގެ ސަބަބުން، ޕާކިސްތާނުގެ ސަރުކާރަކީ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއްކަން އެނގިހާމަވެއްޖެއެވެ."
މުޒާހަރާތަކުގައި ބައިވެރިވި ރައްޔިތުން ވަނީ އެމެރިކާއާއި ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލާފައިވެއެވެ. އަދި މިކަމާއި ގުޅިގެން އެމެރިކާއާއި ދެކޮޅު މީހުން ޕާކިސްތާނުގައްޔާއި އިސްލާމީ ދުނިޔޭގައި އިތުރުވެގެން ދާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.
ޢާފިޔާ ސިއްދީޤީއަކީ ކުއްފާރުންގެ ޖަލުތަކުގެ ތެރޭގައި އަނިޔާ ލިބެމުންދާ އެތައްހާސް މުސްލިމުންނެއްގެ ތެރެއިން އެކަކެވެ. މި އެންމެހާ މުސްލިމު އަސީރުންނަށް ދެވެމުންދާ އަނިޔާތައް ހުއްޓުވާ އެމީހުން މިނިވަން ކުރުމަށް މިއަދުގެ އިސްލާމީ އުއްމަތް ވަނީ ޣާފިލްވެފައެވެ. އިންސާނެއްގެ ސިކުނޑިއަށް ތަސައްވުރު ނުކުރެވޭ ފަދަ ވޭންދެނިވި އަނިޔާތައް އަހަރެމެންގެ ލޯބިވާ އަޚުންނާއި އުޚުތުން ތަޙައްމަލު ކުރަމުންދާއިރުގައި އެންމެ ކުޑަމިނުން އެވާހަކަ ލިޔުމެއްގެ ސިފައިގައި ނުވަތަ ޚަބަރެއްގެ ސިފައިގައި ގެނައުމަށްވެސް އަހަރެމެން މިވަނީ ނުކުޅެދިފައެވެ. އޭގެ ބަދަލުގައި ދީނީ އެކިއެކި ޢާއްމު މައުޟޫޢު ތަކުން މީސްތަކުންނަށް ދަޢުވަތު ދިނުމުގައި އަހުރެމެން މިވަނީ އަވަދިނެތިފައެވެ. މުސްލިމް އަސީރުން މިނިވަން ކުރުމަކީ އިސްލާމްދީނުގައި ނެތްކަމެއް ތޯއެވެ؟ އަހަރެމެންގެ ނަބިއްޔާ (صلى الله عليه وسلم)، މުސްލިމު އަސީރުން މިނިވަން ކުރެއްވުމާއި ގުޅޭގޮތުން ދައްކަވާފައިވާ މިސާލު ހަނދުމަނެތުނީތޯއެވެ؟ މުސްލިމު އެންމެ އަންހެނެއްގެ ހެދުމުގައި ހިފާ އޭނާގެ އައުރަ ކަޝްފުކުރުމުގެ ސަބަބުން ނަބިއްޔާ (صلى الله عليه وسلم) ވަނީ އެކަން ކުރި މީހުންނާއި ދެކޮޅަށް ހަނގުރާމަ ޢިޢުލާންކޮށްފައެވެ. މިއަދު ކަޝްފުކޮށްލެވުނީ މުސްލިމު އުއްމަތުގެ އެންމެ އަންހެނެއްގެ އައުރައެއް ނޫނެވެ. އެހެނެއްކަމަކު، އެތައް ހާސް މުސްލިމު އުޚުތުންނެއްގެ އައުރަ ކަޝްފުކުރެވި އެމީހުންގެ ޢިއްފަތްތެރިކަން ގަދަކަމުން ފޭރިގަނެވި އެމީހުންނަށް އެތަކެއް އަނިޔާތަކެއް ދަނީ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ދެވެމުންނެވެ. އަސީރުން މިނިވަން ކުރުމުގައި ނަބިއްޔާ (صلى الله عليه وسلم) ދެއްކެވި ސުންނަތަކީ ހަމައެކަނި އެންމެ ޒަމާނަކަށް އޮތް ސުންނަތެއް ހެއްޔެވެ؟ އުއްމަތުގައި އެތައް އެތައް ބޮޑެތި ޢިލްމުވެރިންނާއި ގިނަގުނަ ދާޢީން ތިބި ހިނދުވެސް ނަބިއްޔާ (صلى الله عليه وسلم) ގެ މިއަމުރު” ތިޔަބައިމީހުން އަސީރުން މިނިވަންކުރާށެވެ!“ އާއި ގުޅޭގޮތުން ވާހަކަ ދައްކާލާނެ އެއްވެސް މިމްބަރެއް ނުވަތަ ޖަލްސާއެއް ހަމަނެތީ ހެއްޔެވެ؟ ﷲ އެފަދަ މީހުންނަށް ހިދާޔަތް ދައްކަވާނދޭވެ!
އަޅުގަނޑުމެންގެ ދުޢާގައި މުސްލިމު އަޚުންނާއި އުޚްތުން, މުހާޖިރުންނާއި އަންޞާރުން, އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲގެ މަގުގައި ހަނގުރާމަކުރަށްވަމުންދާ އެންމެހާ މުޖާހިދުންނަށް ނަޞްރު ދެއްވެވުން އެދި ދުޢާކުރެއްވުމަށް ހަނދުމަފުޅު ބަހައްޓަވާ! އަދި އެމަގުގައި ރަހީނުކުރެވިފައިވާ އަޚުންނާއި އުޚްތުން ސަލާމަތްކޮށް ދެއްވެވުން އެދި ދުޢާކުރެއްވުމަށްވެސް ހަނދުމަފުޅު ބަހައްޓަވާ!

ކޮމެންޓް (0)
ލޯޑް ކުރަމުން...