ﷲގެ ދީނުގެ ދަޢުވަތު ދެމުންގެންދާ މުސްލިމުންނަށް އެކިވަރުވަރުގެ ދުއްތުރާތަކާއި ހުރަސްތައް ކުރިމަތިވާންފަށާފައިވަނީ ރައީސް މައުމޫނުގެ ދައުރަކު ނޫނެވެ. އަދި ރައީސް ނަޝީދުގެ ދައުރަކުވެސް ނޫނެވެ. އަދި މިއަދު ވަކި ޕާޓީއެއްގެ ފަރާތަކުންވެސް ނޫނެވެ. އެކަމަކީ ރަސޫލުންނާއި ނަބީންގެ ދުވަސްވަރުންފެށިގެން ކުރިމަތިވާކަމެކެވެ.
މިއަދު ދީނަށް ލޯބިކުރާކުދިންގެތެރޭގައި އެންމެ ބޮޑު ޝަކުވާއަކަށްވެފައިވަނީ ވަކިޕާޓީއަކަށް ނިސްބަތްވާ ބަޔަކު ދީނުގެ ދަޢުވަތަށް ހުރަސްއަޅާ މައްސަލައެވެ. ރާއްޖޭގައި އޮތްސަރުކާރާއިދޭތެރޭ ހިތްހަމަނުޖެހިގެން ހަމައެކަނި އިސްލާމިކް މިނިސްޓްރީއާއި ދީނީ ދަޢުވަތު ދެމުންދާ މީހުންނަށް ހުރަސްތައް ކުރިމަތިކުރަމުންދާ މައްސަލައެވެ.
"ނިކަން ވިސްނާ އެމީހުންނަށް މިސަރުކާރުންދޭ މުސާރަ އޯކޭ، ޞިއްޙީ ޚިދުމަތް ބަލައިގަނޭ، ކަރަންޓު ބަލައިގަނޭ، ހުރިހައި މިނިސްޓްރީތަކުގެ މީހުންނަށް ކޮންމެރަށަކަށްވެސް އެރޭ، މިހެންގޮސް މިސަރުކާރުގެ އިސްލާމިކް މިނިސްޓްރީ ނޫނީ އެހެންހުރިހައި މިނިސްޓްރީތަކެއްވެސް އެމީހުންނަށް އޯކޭ، އަދި ނިކަން ބަލާ އެބުނާ ކައުންސިލަރުން ހަމަ މިސަރުކާރުގެ ލާރިއޭ ބަންޑަށް އެ އަޅަނީ، އެވެސް އޯކޭ". މިއީ މިމައްސަލައިގައި ތަންކޮޅެއް ހޫނުވެފައިހުރި މީހެއްގެ ޝުޢޫރެވެ. އޭނާ އިތުރަށް ހާމަކުރިގޮތުން މިއުޅޭ ސިޔާސީ މީހުން ކޮންމެފަދަ ވާހަކައެއް ދެއްކިޔަސް އެމީހުންނަށް ރަށްރަށަށްވެސް އެރޭކަމަށާއި އެމީހެއްގެފަހަތުން ރަށުގެ ރައްޔިތުން ހަޅޭއްލަވަމުން ދުވާތަން ނުފެންނަކަމަށެވެ. އަދި ދީން ސިޔާސީ ހަތިޔާރޭ ކިޔައިގެން އެކިފާޑުފާޑުގެ ބަހަނާދައްކައިގެން ޙަޤީޤަތުގައި އެމީހުންގެ ބޭނުމަކީ އިސްލާމްދީން ނައްތާލުންކަމަށާއި އެއީ ﷲ އާއިދޭތެރޭ އެމީހުންގެ ހިތުގައި އޮންނަ ރުޅިވެރިކަން ނޫން އެހެން އެއްވެސް އެއްޗެއްނޫންކަމަށް އޭނާ ހާމަކުރިއެވެ. ކޮންމެއަކަސް މިމައްސަލައިގައި ޝަރީޢަތްކުރާކަށް ނެތީމެވެ.
ﷲ ގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެކަލޭގެފާނުގެ ރިސާލަތާއިގެން ވަޑައިގެންނެވުމުން އެކަލޭގެފާނަށް ކުރިމަތިވި ކަންތައްތައް ނިކަން ޚިޔާލަށް ގެންނަވާށެވެ. އެކަލޭގެފާނަށް ނުކުރަނީ ކޮން ގޯނާއެއްތޯއެވެ؟ ނުދެނީ ކޮން އަނިޔައެއްތޯއެވެ؟ ނުކުރަނީ ކޮން ޖެއްސުމެއްތޯއެވެ؟ ނިކަން ވިސްނާށެވެ. މިއީ ކޮންބޭފުޅެއްތޯއެވެ. ދުނިޔޭގައި ﷲ ލެއްވި އެންމެ މާތް އިންސާނާއެވެ. ﷲ ސުބުޙާނަހޫޥަތަޢާލާގެ އިމްތިޙާނުން މިއުއްމަތުގެ ސާހިބާ ސަލާމަތް ނުވިއިރު ދެން އަޅުގަނޑުމެންކަހަލަ ފާފައިން ތަތްތެޅިފައިވާ ބަޔަކު ސަލާމަތްވާނީ ކިހިނެއްތޯއެވެ؟ ވިސްނަވާށެވެ.
ރަސޫލުންނާއި ނަބީންނާއި އަދި އުއްމަތުގެ ސަލަފުއްޞާލިޙުންނަށް ކުރިމަތިވި އަނިޔާތައް ނިކަން ދެކޭށެވެ. އެބޭފުޅުންގެ ކުށަކީ ހަމައެކަނި ﷲ ގެ ދީނަށް މީސްތަކުންނަށް ގޮވާލުން ނޫން ދެން ކޮންކަމެއްތޯއެވެ؟ އެބޭފުޅުންނަށް ދިމާވި ކަންތައްތަކާއި އަޅާބަލާއިރު އެއާ ކައިރިކުރާ މިންވަރަކަށްވެސް އަޅުގަނޑުމެންނަށް ކަންތައްތަކެއް ދިމަލެއްނުވެއެވެ. ނަމަވެސް އެބޭފުޅުންގެ ކެތްތެރިކަން ހުރިވަރު ނިކަންދެކޭށެވެ. އެބޭފުޅުންގެ މުޢާމަލާތްކުރުން ނިކަން ދެކޭށެވެ. އެބޭފުޅުންގެ ހިތްވަރު ނިކަން ދެކޭށެވެ. މިއީ ހަމަގައިމުވެސް އެބައެއްގެފަރާތުން އަޅުގަނޑުމެން ނަމޫނާ ލިބިގަތުމަށް ﷲ ސުބުޙާނަހޫޥަތަޢާލާ އަޅުގަނޑުމެންނަށް އަންގަވާފައިވާ ބޭބޭފުޅުންނެވެ. އެބޭފުޅުންވަނީ އެ ކެތްތެރިކަމުގައި ސުވަރުގެ ހޯއްދަވާފައެވެ. الله أكبر.
އަޚުންނޭވެ.! މިއީ އިސްލާމްދީނެވެ. މިއީ ﷲ ގެ ޙައްޤުދީނެވެ. ﷲގެ ޙަޟްރަތުގައި ހަމައެކަނި ޤަބޫލު ވެވޭނެ ދީނަކީ މި އިސްލާމް ދީނެވެ. މި ދީނުގައި ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އެންގެވިގޮތަށް ފުރިހަމައަށް އުޅޭ މީހުންނަށް ކާފަރުންނާއި މުނާފިޤުންގެ ފަރާތުން ދުއްތުރާ އަންނާނެއެވެ. މަލާމާތް އަންނާނެއެވެ. ޖެއްސުންވެސް ކުރާނެއެވެ. ރަށުން ފޮނުވާލާއި ރަށަށް ނޭރޭގޮތަށް ނެރުވެސް ބަންދު ކުރާނެއެވެ. ރަށަށް އެރީމައި ފަހަތުން އަވަގުރާނަގޮވަމުން، ހަޅޭއްލަވަމުންވެސް އަންނާނެއެވެ. އަނިޔާވެސް ކުރާނެއެވެ. މަރާވެސް ލާނެއެވެ. އެއީ ދުނިޔޭގެ ސުންނަތެވެ. ހަމައެކަނި ދީނަށް އުޅެލާމީހާއަށްވުރެ ދަޢުވަތުގެ މައިދާނުގައި އުޅޭ މީހުންނަށް އަދި އިތުރަށް އަނިޔާ އަންނާނެއެވެ. މިއީ ﷲ ގެ އިމްތިޙާނެވެ.
އަޚުންނޭވެ.! ދީނީދަޢުވަތަށް ހުރަސް ނައުމަކީ އެއީ ވަރަށްބޮޑު މައްސަލައެކެވެ. އަމާންކަމާއެކީ އިސްލާމްދީނުގެ ދަޢުވަތު ދެވޭކަމަށްވަންޏާ އެދަޢުވަތެއްގައި މައްސަލައެއް ހުރީއެވެ. އެއީ ޝައްކެއްވެސް ނެތް ކަމެކެވެ. އަޚުންނޭވެ. މިދީނުގައި އުޅެންވާނީ މިހުރިހާ ކަމެއް އަންނާނެކަމަށް އީމާންވެގެންނެވެ. މިއީ ރައްބުލް ޢާލަމީންގެ ޙައްޤު ދީނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...