ދިނީ މީހެކޭ ބުނުމުން އެއިންދޭހަވަނީ އެމީހަކީ ދީނަށް ލޯބިކުރާ ދީނަށް ޙުރުމަތްތެރިކޮށްހިތާ މީހެއްކަމެވެ. އެއިގެ އިދިކޮޅަކީ ލާދީނީއެވެ. ލާދީނީ މީހެކޭ ނުވަތަ ބަޔަކޭ ބުނުމުން އެއިންދޭހަވަނީ އެމީހަކީ ނުވަތަ އެބަޔަކީ ދީނަށް ލޯބި ނުކުރާ ނުވަތަ ދީނާއި ޚިލާފު ކަންތައްތައް ހިންގާ ނުވަތަ ކުރާ ބައެއްކަމެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށްވާތީ ދިވެހިންގެ ތެރޭގައި ޢާއްމުކޮށް ދީނޭ ބުނެއުޅެނީ އިސްލާމް ދީނަށެވެ.
ގަލޮޅު ކެނެރީގެ މުޙައްމަދުނަޝިދު ދިވެހިރާއްޖޭގެ ވެރިކަމުގައި ހޭދަކުރި ތިންއަހަރަކީ ދިވެހިރާއްޖޭގައި ލާދީނީ ސަރުކާރެއް ހިންގި ދުވަސްތަކެއްކަމުގައި ވަރަށްގިނަބަޔަކު ދިޔައީ ބުނަމުންނެވެ. އޭރު ނަޝީދު ދިޔައީ އެކަމާއި އިންކާރުކޮށް ތަފާތު ބަހަނާތައް ދައްކަމުންނެވެ. ހަމައެއާއިއެކު ނަޝީދުގެ ބައިވެރިން ގެންދިޔައީ ނަޝީދު ދިފާއުކުރުމުގައި ކުރެވެންހުރި ހުރިހާކަމެއް އަވަދިނެތި ކުރަމުންނެވެ. ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގެ ފަހުދުވަސްތައް ވެގެންދިޔައީ ނަޝީދުގެ ސަރުކާރަކީ ލާދީނީ ސަރުކާރެކޭ ބުނާމީހުންގެ އަޑު އެންމެގަދަވެގެންދިޔަ ދުވަސްތައް ކަމުގައެވެ. އަދި އެބުނުންތައް ދިވެހިރައްޔިތުންނަށް ޤަބޫލުކުރެވޭ މިންވަރު ދިޔައީ ދުވަހެއްދުވަހަކަށް އިތުރުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުން ކުރިމަތީގައި އޭރުގެ ރައީސް ނަޝީދުގެ މަޤްބޫލުކަންދަށްވަމުންދިޔައީ ސައިލަކުން ފެންއޮހިގެންދާފަދަ ހަލުއިމިނުގައެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ޖެހެމުންދިޔަ ލާދީނީ ސިއްކަތައް ނެއްޓޭތޯ އެމަނިކުފާނު ވަރަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. ނަމަވެސް އެފަދަ ތުހުމަތުތަކުން ބަރީއަވުމަށްޓަކައި، އެކަންތައްތަކާއި ދުރަށް ވަޑައިގަތުމުގެ ބަދަލުގައި އެމަނިކުފާނު ޚިޔާރުކުރެއްވީ އެފަދަ ވާހަތައް ދައްކާ މީހުންގެ އަނގައިގައި މަލަންއެޅަންއަޅައިގެން ނޫނީ އެމިހުންގެ އަޑު އެހެންމީހުނަށް އިވުނަނުދިނުމަމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތްޕަޤުޅެއް ކުރެއްވުމެވެ. އެގޮތުން އެއްވުންތައް ރޫޅާލުމާއި އެފަދަވާހަކަތައް ދައްކާމީހުން ޖަލަށްލުން ހިމެނެއެވެ. ކޮންމެއަކަސް މިފަދަ އެއްވެސް ކަމަކުން އެމަނިކުފާނަކީ ލާދީނީ ބޭފުޅެއްނޫންކަމަކަށް ގިނަ ދިވެހިން ޤަބޫލެއްނުކުރިއެވެ.
ރައީސް ނަޝިދު، އެމަނިކުފާނުގެ ސަރުކާރަކީ ލާދީނީ ސަރުކާރެއްކަމަށް އިންކާރު ކުރައްވަމުން ދިވެހިރާއްޖޭގެ ވެރިކަމުގައި 3 އަހަރާއި 2 މަހާއި 6 ދުވަސް ހޭދަކުރެއްވުމަށްފަހު 7 ފެބްރުއަރީ 2012 ވީ އަންގާރަ ދުވަހު މަޤާމުން އިސްތިއުފާދެއްވީވެސް ލާދީނީ ބޭފުޅެއްކަމަށް އިޢްތިރާފުވެވަޑައިގަތުމަކާއި ނުލައެވެ. ނަމަވެސް އިސްތިއުފާދެއްވުމަށްފަހު ކުރީގެ ރައީސް ނަޝީދުވަނީ ކުރިން އެމަނިކުފާނު އިންކާރު ކުރެއްވި ހުރިހާކަމަކަށް އިޢްތިރާފު ވެވަޑައިގެންފައެވެ. އެމަނިކުފާނުގެ ސަރުކާރުން ކުރެއްވި ލާދީނީ ބައެއްކަންތައްތަކަށް ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ ބައެއް ވަޞީލަތްތަކުގެ ކުރިމަތީގައި އެމަނިކުފާނުވަނީ ހާމަ ކުރައްވާފައެވެ. އިސްލާމްދީނާއި ގުޅުންނެތްގޮތަށް ތަޢްލީމީ މުޤައްރަރު ބައްޓަންކުރެއްވި ވާހަކަ އާއި އިސްލްމާލީ ޝަރީޢާއި ގުޅުންނެތް ޤާނޫނުލް ޢުޤޫބާތެއް އެކުލަވާލުމައި ދިވެހި އަންހެނުން އައުރަ ނިވާކުރުވުމަށް ދިނީ ޢިލްމުވެރިން ކުރައްވަމުންގެންދެވި މަސައްޕުޅުތައް ހުއްޓުވާލެއްވުމައި އައުރަނިވާ ނުކުރާ އަންހެނުންނަށް ހިމާޔަތް ދެއްވުންފަދަ ކަންތައްތައް ކުރެއްވިކަމަށް އެމަނކުފާނު ވަނީ އަމިއްލަފުޅަށް އިއުތިފު ވެވަޑައިގެންފައެވެ. ކަމެއް ސާބިތުކުރުމުގައި ބަލަނީ މީހާގެ އިއުތިރާފަށާއި ހެކިންގެ ހެކިބަހަށެވެ. ތުހުމަތު ނުވަތަ ޝައްކުކުރެވޭ މީހާ އިއުތިރާފުވެއްޖެ ހާލަތެއްގައި ހެކިންގެ ހެކިބަހަކަށް ބޭނުމެއްނުވެއެވެ. ނަމަވެސް ދައުރުގެ މެދުތެރެއިން އިސްތިއުފާދެއްވި ރައީސް ނަޝީދު، އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު ލާދީނީ އެތައްކަމެއް ކުރެއްވިކަމަށް ވިދާޅުވަމުންގެންދަވާއިރުވެސް އެމަނިކުފާނަށް ތާއީދު ކުރާކަމަށް ދަޢްވާކުރާ މީހުން އެކަން ޤަބޫލެއްނުކުރެއެވެ. މީހަކަށް އިންތިހާއަށް ތާއީދުކުރާބަޔަކު އެމީހާދައްކާ ވާހަކަ ޤަބޫލުނުކުރާ ބަޔަކު، ކެނެރީގެ ނަޝީދަށް ތާއީދުކުރާކަމަށްބުނާ މީހުންފިޔަވައި އަޅުގަނޑެއްނުދެކެމެވެ.
އެމް.ޑީ.ޕީ ގެ ވެރިކަމުގައި އެބައިމީހުންގެ މައްޗަށް ކުރެވުނު ލާދީނީބައެއްކަމުގެ ތުހުމަތު ޔަޤިންވާ އެހެން ސަބަބެއްވެސް އެބައޮތެވެ. ދައުރު ހަމަނުކުރައްވައި، ރައީސް ނަޝީދު އިސްތިއުފާދެއްވިފަހުން އެމް.ޑީ.ޕީ މީހުންގެ އެންމެބޮޑު އަމާޒަކަށް ވެފައިމިވަނީ ދީނީ ދަރުސަށް ހުރަސްއެޅުމާއި ދީނީ ޢިލްމުވެރިންނަށް ދުއްތުރާކުރުމެވެ. އެމް.ޑި.ޕީގެ އަޣްލަބިއްޔަތު އޮންނަ އެއްވެސް ކައުންސިލަކަށް ނިސްބަތްވާ ރަށެއް ނުވަތަ އަވަށެއްގައި ދީނީ ދަރުސް ދިނުމަކީ މިހާރު މިވަނީ ނުރެވޭކަމަކަށްވެފައެވެ. އެމް.ޑީ.ޕީ މީހުންގެ މި ޢަމަލަކީ ދީނީ ދަރުސާއި ދީނީ ޢިލްމުވެރިންނަށް ކުރާ ފުރައްސާރައެއްކަމުގެ އެންމެބޮޑު ހެއްކަކީ، ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގެ ފަހުދުވަސްތަކުގައި، އެމަނިކުފާނުގެ ކުރައްވަމުންގެންދެވި ޣައިރުޤާނޫނީ އަދި ލާދީނީ ކަންތައްތަކާއި ދެކޮޅަށް ދިވެހިރައްޔިތުން މަގުމަތީގައިހިންގި ޙަރަކާތްތަކުގައި އެއްވެސްވަރަކަށް ބައިވެރިވެވަޑައިގެންފައިނުވާ، އަދި ދިވެހިންގެ މެދުގައި އެންމެ މަޤްބޫލު ޢާލިމުކަމަށްވާ އައްޝައިޚް އިލްޔާސް ޙުސައިން އާއި އެމަނިކުފާނުގެ ދަރުސްތަކާއި ދެކޮޅަށް އެމް.ޑީ.ޕީން ހިންގާ ލާދީނީ ހަރަކާތްތަކެވެ. ދިވެހިތާރީޚުގައި އިސްލާމީ ޢާލިމަކު މިސްކިތެއްގައި ދީނީ ދަރުސެއް ދެއްވަނިކޮށް މިސްކިތްދޮށުގައި އަޑުގަދަކޮށް ހަޅޭއްލެވި ހަމައެކަނި ބަޔަކީ އެމް.ޑީ.ޕީ އަށް ނިސްބަތްވާބައެކެވެ. 2012 މެއި 9 ވަނަދުވަހު އެމް.ޑީ.ޕީ މީހުންވަނީ ބަންޑާރަ މިސްކިތްކައިރިއަށް އެއްވެ ނަމާދަށް މިސްކިތުގައި ތިބި މީހުނަށް އުނދަގޫގޮތަށް މުޒަހަރާ ވެސް ކޮށްފައެވެ.
ދީނީ ހަރަކާތްތަކަށް ހުރަސްއެޅުމުގައި އެމް.ޑީ.ޕީ މިވަނީ މެކުހަށް ޖަހާފައެވެ. ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ބަލިކަށިކޮށްގެން ނަމަވެސް ދިވެހިރާއްޖޭގައި ހިންގޭ އިސްލާމްދީނުގެ ޢިލްމު ފެތުރުމުގެ މަސައްކަތް ހުއްޓުވުމަކީ މިހާރު އެވެރިންގެ އެންމެބޮޑު އެއްއަމާޒެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...