ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުން އަމިއްލައަށް އިސްތިއުފާދިނުމަށްފަހު ރާއްޖޭގައި އުފެދިގެންދިޔަ ސިޔާސީ ހަމަނުޖެހުންގަނޑުގައި އެންމެގިނައިން އިވޭ އެއްލަފްޒަކީ "ބާޣީ" މިލަފްޒެވެ. މިއީ ދިވެހިންނަށް އައު ލަފްޒެއް ނޫނެވެ. ކުރިން ވެރިކަންކުރި ބައެއް ވެރިން އެމީހުންގެ ވެރިކަން ނިންމާލައި ދުރަށްޖެހިލުމުން އެމީހުންނާއިދިމާލަށްވެސް ބާޣީންނޭ ގޮވާފައިވެއެވެ. ބާޣީންނޭ ކިޔައި ލަވަހަދާފައިވެއެވެ. އެގޮތުން މިއަދު މިލަފްޒުވެފައިވަނީ އެހާ ބާރުގަދަ ނުވަތަ އެލަފްޒެއް މީހަކާ ދިމާއަށް ބުނެލުމުން އެކަމާ މާކަންބޮޑުވާ ލަފްޒަކަށް ނޫނެވެ. މިއަދު މީހަކާއިދިމާލަށް "އޭ ބާޣީއޭ" ގޮވިޔަސް އެމީހެއްގެ ފަރާތުން ހިނިއައުން ފިޔަވައި އިތުރު ރެސްޕޮންސެއް ނުލިބެއެވެ.
މިއަހަރުގެ ފެބްރުއަރީ 7 ވަނަދުވަހު އަމިއްލައަށް އިސްތިއުފާ ދިނުމަށްފަހު ޖެހިގެން އައިދުވަހު ރައީސް ނަޝީދާއި އޭނާގެ ބައިވެރިން ނުކުމެ ރައީސް ވަޙީދާ ދިމާއަށް "ބާޣީ ވަޙީދު، ބާޣީ ވަޙީދު" އޭގޮވިއެވެ. އަދި ސިފައިންނާއި، ފުލުހުންނާއި، އެމްޑީޕީ ނޫން އެންމެން ބާޣީވިއެވެ. ދާދިފަހަކާ ޖެހެންދެން މިލިސްޓު އޮތީ ހަމަ މިގޮތަށެވެ. ނަމަވެސް ދާދިފަހުން ރައީސް ނަޝީދު އިންޑިއާއަށްގޮސް އެނބުރިއައި ދުވަހު ބުނީ ބާޣީއަކީ ވަޙީދު ނޫންކަމާއި ބާޣީއަކީ ރައީސް މައުމޫނު ކަމަށެވެ. ރައީސްނަޝީދުގެ "ދޫފުޅުން" އެހެން ބުނުމާއެކު އެހިސާބުން ބާޣީކަމުން ވަޙީދު ކެނޑުނެވެ. އަދި ރައީސް މައުމޫނު ހަމަވަގުތުން ބާޣީވިއެވެ.
އެމްޑީޕީގެ އެތެރޭގެ ގަޑުބަޑުތައް ބޮޑުވެ ޕާޓީތެރޭގައި ދުވަސްތަކެއްވަންދެން ފަޅައިގެން ނުގޮސްއޮތް ހުޅުގަނޑު ފަޅައިގެންގޮސް ކުއްލިއަކަށްފެނުނީ ޕާޓީގެ ރައީސްއާއި ނައިބު ރައީސް މަޤާމުން ވަކި ކުރިތަނެވެ. އެހިސާބުން އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ)އާއި ނައިބުރައީސް އަލްހާން ފަހުމީ ހަމަވަގުތުން ބާޣީވިއެވެ. ރައީސް ނަޝީދަށް ސަޕޯޓުކުރާ މީހުން ގޮވަމުންދިޔައީ އެދެމީހުންނަކީ ދެ ބާޣީންކަމުގައެވެ.
އެމްޑީޕީގެ ނައިބުރައީސްކަމުން ވަކިކުރި އަލްހާން އިސްވެހުރެ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްދިޔަ މުޒާހަރާއަކީ ރައީސްނަޝީދުގެ ނުފޫޒުންނާއި އޭނާގެ ވަކިތަކުން އެމްޑީޕީ ސަލާމަތްކުރުމަށް ކުރިއަށްގެންދިޔަ މުޒާހަރާއެއްކަމަށް އަލްހާން ބުނެފައިވެއެވެ. އަދި އަލްހާނަށް ސަޕޯޓުކުރާ މީހުންތައްގޮވީ ރައީސް ނަޝީދާއި އޭނާގެ ސަޕޯޓަރުންނަކީ ބާޣީންކަމުގައެވެ.
މިހާހިސާބުން އެނގިގެންދާ ކަމަކީ މިރާއްޖޭގައި މިހާރު ބާޣީން ނޫން ބަޔަކު ނެތްކަމެވެ. މިއަދު މިރާއްޖޭގައި ދިރިއުޅެނީ ހުސް ބާޣީން ކަމެވެ. އަދި ރާއްޖެއަށް އަންނަ ޓުއަރިސްޓުންވެސް ރާއްޖެއައުމާއެކު ބާޣީންނަށްވުން އެކަށީގެންވެއެވެ. އެއީ ރައީސް ނަޝީދުގެ ބަހުރުވައިންނަމަ ބާޣީ ސަރުކާރެއް އޮއްވައި އަންނާނީވެސް ހުސް ބާޣީންނަށްވާތީއެވެ!
ކުރިން އަޅުގަނޑުމެން ކިޔަމުން ދިޔައީ "ދިވެއްސަކަށްވީތީ ފަޚުރުވެރިވަމާ" މިހެންނެވެ. ނަމަވެސް މިހާރު ކިޔަން ޖެހޭނީ "ބާޣީއަކަށްވީތީ ފަޚުރުވެރިވަމާ" މިހެންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...