ރިޕޯޓް ދީނީ ޢިލްމުވެރީން ބަދުނާމުކުރުމަށް ތިޔަކުރަމުންދާމަސައްކަތް ކާމިޔާބެއް ނުވާނެ އިންޝާﷲ

ދީނީ ޢިލްމުވެރީން ބަދުނާމުކުރުމަށް ތިޔަކުރަމުންދާމަސައްކަތް ކާމިޔާބެއް ނުވާނެ އިންޝާﷲ

ދީނީ ޢިލްމުވެރީން ބަދުނާމުކުރުމަށް ތިޔަކުރަމުންދާމަސައްކަތް ކާމިޔާބެއް ނުވާނެ އިންޝާﷲ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

 

ތައުބާ ސޫރަތުގެ 32 ވަނަ އާޔަތުގައި މާތް ﷲ ޥަޙީ ކުރައްވާފައިވެއެވެ.
يُرِ‌يدُونَ أَن يُطْفِئُوا نُورَ‌ اللَّـهِ بِأَفْوَاهِهِمْ وَيَأْبَى اللَّـهُ إِلَّا أَن يُتِمَّ نُورَ‌هُ وَلَوْ كَرِ‌هَ الْكَافِرُ‌ونَ ﴿٣٢﴾

މާނައީ: އެއުރެން އެދެނީ، ﷲ ގެ ނޫރުފުޅު (އެބަހީ: އިސްލާމްދީން) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވާލުމަށެވެ. ނަމަވެސް ކާފަރުން ކިތަންމެ ނުރުހުނަސް،  މާތްﷲ އެކަލާނގެ ނޫރުފުޅު ފުރިހަމަކުރެއްވުމަށް މެނުވީ، އެކަލާނގެ އިރާދައެއް ނުކުރައްވަތެވެ.

ދުނިޔޭގެ ދިގު ތާރީޚަށް ބަލާލާއިރު މުސްލިމުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވައި އެކިގޮތްގޮތުން މުސްލިމުން ބަދުނާމު ކުރުމަށް ކާފަރުންނާއި މުނާފިޤުން މަސައްކަތް ކޮށްފައިވަނީ މަދެއްކޮށެއް ނޫނެވެ. އަދި ޚާއްޞަކޮށް އެބަޔަކަށް ﷲ ސުބުޙާނަހޫ ޥަތަޢާލާ ޚާއްޞަ ޤަދަރެއް ދެއްވާފައިވާ ޢިލްމުވެރީންގެ ބޮލުގައި ދޮގު ތުހުމަތުތައް އަޅުވައި މީސްތަކުންގެ މެދުގައި އެބޭފުޅުންގެ ޢިއްޒަތާއި ހައިބަތު ވައްޓާލަން މަސައްކަތް ކުރެވިފައިވަނީވެސް މަދެއްކޮށެއް ނޫނެވެ. މިކަމަކީ ރަސޫލާ صلى الله عليه وسلم ގެ ޒަމާނުންފެށިގެން ކާފަރުންނާއި މުނާފިޤުން އެންމެ ފަރުވާތެރިކަމާއެކު ކުރަމުން އަންނަ އެބައިމީހުންގެ އެންމެބޮޑު މިޝަންއެވެ. އެބައިމީހުން މިކަމަށް މިލިއަނުން މިލިއަނުން ޚަރަދު ކުރަމުން ގެންދެއެވެ. ނަމަވެސް ނަތީޖާ ހަމަ ސުމެކެވެ. އިސްލާމްދީނަށް ގޮންޖެހުމަށް ކޮންމެފަހަރަކުވެސް ކާފަރުން ކުރާ މަސައްކަތުގައި އެދީނަށް ލިބެނީ ކުރިއެރުމެކެވެ. މިކަން ބުއްދިވެރީންނަށް އެނގޭނެއެވެ.
އަޅުގަނޑުމެންގެ މުޅި ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ޢިލްމުވެރީންނޭކިޔައިގެން ބުހުތާނު ދޮގުފަތުރައި، އަދި އެބޭފުޅުންގެ ބޮލުގައި ޒިނޭގެ ތުހުމަތުއަޅުވައި ބަދުނާމުކުރުމަށް ކުރަމުންދާ މަސައްކަތަކީ ޒަމާނުއްސުރެ ކުރަމުންދާ މަސައްކަތެކެވެ. ދީނަށް އުޅެ މީހުންނަކީ ފެން ނުވަރާ މުޑުދާރު ބައެއްކަމަށާއި އެ މީހުންނަކީ ވަރަށް އަނިޔާވެރި ރަހުމުކުޑަ ބައެއްކަމަށް ބުނެ މީގެކުރިންވެސް އެތައް ވާހަކަތަކެއް މި ބިންމަތީގައި ފަތުރާފައިވެއެވެ. ނަތީޖާ ނިކަން ދެކޭށެވެ. ދިވެހީންގެތެރެއިން އިސްލާމްދީނުގެ އަސްލުތަކަށް ރުޖޫޢަވެ އެގޮތުގައި އުޅެމުންގެންދަނީ މިއަދު ކިތައް ހާސް ދިވެހީންތޯއެވެ؟ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް އުޅެން މަސައްކަތް ކުރަމުންދަނީ ކިތައްހާސް ދިވެހީންތޯއެވެ؟ދީނުގެ ދިފާޢުގައި ހަނގުރާމައަކަށް ނުކުތުމަށް ގޮވާލައިފިނަމަ އެކަމަށް އިޖާބަދޭން މިއަދު އެތައްހާސް ދިވެހީންނެއް ތިބީ ތައްޔާރަށެވެ. ބޭނުންވަނީ ހަމައެކަނި ޢިލްމުވެރިންގެ ޢިޝާރާތެކެވެ.

އިސްލާމްދީނުގެ ޢިލްމުވެރީންނާއި އެދީނަށް ފުރިހަމައަށް އުޅެން މަސައްކަތްކުރަމުންގެންދާ މީހުންނަށް ޖެއްސުންކޮށް އެކިވައްތަރުގެ ގޯނާކުރުމަކީ އެއްވެސް ޙާލެއްގައި މިއަދު އަލަށްފަށައިގެން ކުރިއަށްދާ ކަމެއްނޫނެވެ. ހުޅަނގުގެ ކާފަރުންގެ ފަސްބައިގައި އެލިގެންނޫނީ ކާއެތިކޮޅެއްވެސް ނުލިބޭނެކަމަށް ޤަބޫލުކުރާ ބައެއް މުނާފިޤުން މި ދިވެހިރާއްޖޭގައި މީގެ ކުރިންވެސް މުސްލިމުންގެ އަގުވައްޓާލުމަށް މަސައްކަތްކޮށްފައިވެއެވެ. މިއަޑު މިއަދުވަނީ އަދިވަކީން ގަދަވެފައެވެ. ޔަހޫދީންގެ އަތުން އެތައް މިލިއަން ޑޮލަރެއް ހޯދައިގެން ޔަހޫދީންގެ އެޖެންޑާ މިދިވެހިރާއްޖޭގައި ފެތުރުމަށް މަސައްކަތް ކުރަމުންދާ ބަޔަކު މި ފަސްގަނޑުގައި ދިރިއުޅެމުންދާކަމަށް ގިނަބަޔަކު މިއަދު ތުހުމަތު ކުރެއެވެ. އެގޮތުން ޢިލްމުވެރީންގެ އަގުވައްޓާލުމަށްޓަކައި ރެއާއިދުވާލު އެކިއެކި ދޮގުޕްރޮޕެގެންޑާ ފަތުރަމުންދެއެވެ. މިބައިގަނޑުގެ ބޭނުމަކީ ދީނީ ޢިލްމުވެރިންނޭ ކިޔައިގެން ބުހުތާނު ދޮގާއި ޅެންތައް ހަދައި މުސްލިމުންގެތެރޭގައި ފިތުނަ އުފައްދައި މުސްލިމުން ބައިބައިކުރުމެވެ.

އިސްލާމްދީނަކީ ޙައްޤުދީންކަން ކާފަރުންވެސް އަދި މުނާފިޤުންވެސް ޤަބޫލު ކުރެއެވެ. ނަމަވެސް އެބައިމީހުންގެ ހިތުގައިވާ ބަލިމަޑުކަމާއި، ބޮޑާވެރިކަމުގެސަބަބުން ޙައްޤަށް ރުޖޫޢަވާން ބޭނުން ނުވަނީއެވެ. އެގޮތުން އެބައިމީހުންގެ ގޮތަށް މުސްލިމުން ތަބާކުރުމަށް މަސައްކަތްކުރަމުންދަނީ އިސްލާމްދީނާއިދޭތެރޭގައި އޮންނަ ހަސަދަވެރިކަމަކާއި ނުރުހުންތެރިކަމެއްގެ ސަބަބުންނެވެ.

ތައުބާ ސޫރަތުގެ 33 ވަނަ އާޔަތުގައި މާތް ﷲ ޥަޙީ ކުރައްވާފައިވެއެވެ.
هُوَ الَّذِي أَرْ‌سَلَ رَ‌سُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَ‌هُ عَلَى الدِّينِ كُلِّهِ وَلَوْ كَرِ‌هَ الْمُشْرِ‌كُونَ ﴿٣٣﴾
އެކަލާނގެއީ ތެދުމަގާއި، ޙައްޤު ދީނާއިގެން އެކަލާނގެ ރަސޫލާ ފޮނުއްވި ކަލާނގެއެވެ. (އެއީ) މުޝްރިކުން ނުރުހުނު ކަމުގައިވިޔަސް، އެންމެހައި ދީންތަކުގެ މައްޗަށް އެދީން ފާޅުކުރެއްވުމަށްޓަކައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.