ރިޕޯޓް އިންސާފް ހޯދާނީ ކިހިނެއް..؟

އިންސާފް ހޯދާނީ ކިހިނެއް..؟

އިންސާފް ހޯދާނީ ކިހިނެއް..؟

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

 

އަންހެނަކަށްވިޔަސް ފިރިހެނަކަށްވިޔަސް، ނިކަމެއްޗަކަށްވިޔަސް ޢިއްޒަތްތެރިއަކަށްވިޔަސް، އިންސާފް ލިބިދިނުމަކީ ކޮންމެ އާދަމުގެދަރިއެއްގެވެސް އަސާސީ އިންސާނީ ޙައްޤެކެވެ. ޤާނޫނުތަކުގައި ލިޔެވި، ދުސްތޫރުތަކުގައި ބަޔާންކުރެވިގެންވާ އުސޫލަކީ މިއީކަމުގައިވިޔަސް ދުނިޔެމަތީގައި އެކަމަކަށްޓަކައި އެންމެބޮޑު ބުރައެއްއުފުލަންޖެހޭ، އަދި އެކަމަކަށްޓަކައި އެންމެބޮޑު ޤުރުބާނީއެއް ވާންޖެހޭކަމަކީ އިންސާފުހޯދުންކަމުގައި އިންސާނީ ތާރީޚު ހެކިދެއެވެ. އެތަކެއް ޤުރުބާނީއަކަށްފަހު އިންސާފު ޙާސިލުވުމަކީ އެކަމަށްޓަކައި ގަދައަޅާ މަސައްކަތްކުރާ މީހާޔަށް ވަރަށް ބޮޑު ތަސައްލީއެއް ލިއްބައިދޭކަމެއްކަމުގައިވެސް ބުނެވޭވެ.
އިންސާނީ ތާރީޚުގައި ފެންނަންހުރި ޙަޤީގަތްތަކަށް ނަޒަރުހިންގާލާއިރު އިންސާފުގެ ދަތުރު ކާމިޔާބުކުރެވިފައިވަނީ އާދަޔާޚިލާފު ސިފަތަކެއް ލިބިގެންވާމީހުންނަށެވެ. އެއީ ނުގުޑާފަދަ ވަރުގަދަ ޢަޒުމަކާއި، ކަންކަމުގެ އެކޮޅާއި މިކޮޅު އަންދާޒާކުރެވޭފަދަ ތޫނުފިލިކަމަކާއި، މަސްލަޙަތު ޙިމާޔަތް ކުރެވޭފަދި ޙިކްމަތްތެރިކަމެކެވެ. އަނިޔާވެރިކަމުގެ ކުރިމަތީގައި ޘާބިތުވެ، ހަމަބުއްދީގައި ހިފަހައްޓާލެވޭވަރުގެ ކެތްތެރިކަމަކާއި، އިންސާނީ ތާރީޚަށް މިސާލަކަށްވާފަދަ ހެޔޮޚުލްޤަކާއި ރީތިސިފަތަކެކެވެ. ކިބުރުވެރިކަމާއި ބޮޑާކަމުން އެއްކިބާވެގެންވުމާއި މަޑުމައިތިރިކަމާއި އިންސާފުވެރިކަމެވެ. ހިތްވަރުގަދަ ކަމާއި ފިސާރި ޖެހިލުން ކުޑަކަމެވެ. އަދި މިފަދަ އެންމެހައި ސިފަތަކެވެ. ކަންމިހެންއޮތްހިނދު އިންސާފް ހޯދުމަށްއެދޭ ކޮންމެ މީހަކުމެ، ވިސްނާލަންޖެހޭ ކަންކަން ނުހަނު ގިނަގުނައެވެ.
ތިމާގެ އަމިއްލަނަފްސަށް ބާރާއި ވެރިކަން ލިބިގެންވީ ދުވަހު އަނެކާޔަށް ލިބިދޭންޖެހޭ އިންސާފުގައި އަތްއަޅާ އޮބަހަށްޓައިގެން އުޅުނު މީހަކަށް ނުވަތަ ބަޔަކަށް، އިންސާފު ހޯދައިނުގަނެވޭނެކަމީ އެއްވެސް ޝައްކެތް އޮތްކަމެއްނޫނެވެ. އިންސާފް ހޯދާތަނަކީ ގުޅަކުޅޭ ފަސްގަނޑުކަމުގައި ދެކި، އިންސާފު ހޯދާ ވަޞީލަތަކީ ދޮންކުރި ތޫނުދަގަނޑާއި، އަނގުރު އަލިފާން ކަމުގައި ހެދުމަކީ ފަހަރެއްގައިވެސް އިންސާފު ލިބިދާނެ ގޮތެއްނޫނެވެ. އިންސާފުގެ ދަތުރުމަތީގައި ކުރާކަމަކީ އާންމުންގެ މުދާއެންދުމާއި، މަގުފޭރުމާއި، މަގުމަތީގައި ހިނގާ ޒުވާން ޖިންސުއްލަތީފުންނާ ފޮށުމާއި، ހުތުރުވެގެންވާ އަވަގުރާނަ ގޮވުމާއި، މީސްތަކުގެ ލޭއޮހޮރުވުމާއި، އިންސާނީކަރާމާތް ވެއްޔާމޮޑެލުމާއި، އަނެކާގެ އަބުރުނަގައިލުންފަދަ ކަންކަން ކަމުގައި ހަމަޖައްސައިގެން އުޅުމަކީ ތަސައްރަފުނުފުދޭކަން ހާމަވާ ޢަލާމާތްތަކެވެ. އިންސާފު ހޯދުމަށްޓަކައި ކުރެވޭމަސައްކަތަކީ ދެންތިބީންނަށް ދިރިއުޅެންދަތިވާފަދަ އާފާތަކަށްވެއްޖެނަމަ އިންސާފުލިބޭނެ ހަމައެއްނޯންނާނެއެވެ. އިންސާފް ހޯދުމަށް ކުރާދަތުރުގައި ވަކިހިސާބަކުން ކަނޑުގަދަވެ، އޮޑި ފަރަށްއަރާ، މުދަލާއި ފަޅުވެރިން ކަނޑުވެ، ފިރުޢައުނުމުދަލާއެކު އެއްގަމަށް ލައްގާއެއްޗަކީ ބަކާޑީއާއި، މަރުޖުވާނާއާއި އަދި ދޭތެރެދުރުކުރާ ހުރަސް ކަމުގައިވެއްޖެނަމަ އިންސާފް ނުލިބޭތަނުގައި ދަރިފަސްކޮޅުވެސް ނެތިގެން ހިނގައިދާނެއެވެ. އިންސާފް ހޯދުމަށް ކުރެވޭ މަސައްކަތުގެ ޝިޢާރަކީ "ކާމިޔާބީގައި ކިބުރުވެރިވެ ބޮޑާވުމާއި ނަކާމިޔާބީގައި ބޮޑާހޭކުން" ކަމުގެއި ވެއްޖެނަމަ ދެންވާގޮތް ދިވެހި މުޖުތަމަޢުން މިއޮތްގެން ތަމްސީލުވަމުން ދަނީއެވެ.
އިންސާފް ހޯދުމުގެ މަސައްކަތުގައި ކާމިޔާބީ އެދެމީހާޔަށް އެކަށޭނަ މިސާލުތައް ވަރަށްވެސް ގިނަގުނައެވެ. ނިކަން ދެކޭށެވެ! ސަލާމާއި ސަލަވާތްލެއްވި މާތްނަބިއްޔާ މައްކާގެ ބަރަކާތްތެރި ބިމަށް، އެނަބިއްޔާގެ އާއިލާގެތެރެއަށް ނިކުންނަވައި ޙައްޤުބަސް އިއްވެވިހިނދު ކަންވެގެންދިޔަގޮތް ހަނދާން ކުރަމާބަހީއެވެ. އެމާތް ސާހިބާގެ މައްޗަށް އެންމެ ނުބައި ތުހުމަތުތައް ކުރެވެމުން ދިޔައެވެ. އެމާތް ނަފްސުކޮޅުގެ މައްޗަށް އެންމެ ނުބައި ޢަމަލުތައް ރޭވި ހިންގެމުންދިޔައެވެ. އެ ބަރަކާތްތެރި ގޮވާލުމަށް ތަބަޢަވީ ބައިވެރިން ކަތިލެވެމުން ދިޔައެވެ. ފުރައްސާރައާއި ނިކަމެތިކަމުގައި ތޭރަވަރަކަށް އަހަރު ހޭދަކުރެއްވިއެވެ. އެއަށްފަހު ރަށުންބޭރުކުރެވި ފައްސާލެވުނީއެވެ. ދެން ކުރިމަރިވެވަޑައިގެންނެވީ މުޅިދުނިޔޭގެ ހުރިހާ އަނިޔާވެރިންގެ މުސީބާތާއެވެ. އިންސާފް ހޯއްދެވުމަށް އެމަތިވެރި ލީޑަރު ކުރެއްވީ ކޮންކަމެއްކަން ދަނެގަތުން ބުއްދިވެރިއެވެ. އާންމުންގެ މުދާ އަންދަމުން މަގުމައްޗަށް ނިކުންނަވައި ނުޙައްޤުން ލޭއޮހޮރުވާނުލައްވައެވެ. މީސްތަކުންނަށް އާންމު މުސީބަތަކަށް ވެވަޑައެއްނުގަންނަވައެވެ. އެކަމަކު ކުރެއްވިހާވެސް ކަމަކީ އެންމެހާ އާރާއި ބާރެއް މިލްކުވެވޮޑިގެންވާ ޙަޞުރަތަށް އިތުބާރުކުރެއްވުމާއެކު މުނާޖާދެންނެވުމެވެ. މީސްތަކުން ޙައްޤަށް ރުޖޫޢަކުރަށްވާ ވޭންދެނިވި ޢަޛާބުން ސަލާމަތްކުރައްވާތޯ އާދޭސް ދެންނެވުމެވެ. އެންމެ މާތް އިންސާނާގެ މައްޗަށް މޮޔައިންނާއި ހޭނުޖެހޭ ކުދިން ފާކުރެވި، މުޅިހަށިކޮޅު އެކަށް ޒަޚަމްކޮށްލެވި، ހަށިކޮޅުގެ ބަރަކާތްތެރި ލޭފޮދު އޮހޮރުވާލެވި، އެކީރިތި ނަފްސުކޮޅުގައި އަނިޔާގެ ވޭންތަޙައްމަލް ކުރައްވަމުން ގެންދެވި ވަގުތުގައިވެސް ދޫފުޅުން ބޭރުކޮށްލެއްވި ޢިބުރަތްތެރި ބަސްފުޅު ދަސްކުރާށެވެ. ޢާލްމްތަކުގެމަތިން މުޅިދުނިޔޭގެ އެއްވެސް ބާރަކަށް ބަލިނުކުރެވެފަދަ، އެއްވެސް ލަޝްކަރަކަށް ކުރިމަތިވެސް ނުލެވޭފަދަ، އެއްވެސް ހަނގުރާމަޔަކުން ބަލިނުވާނެ ވަރުގަދަ ދެފަހުލަވާނުން، އާރާއި ބާރާއެކު ވަޑައިގެން މާސިންގާ ދެފަރުބަދަ އުފުއްލަވާ ޢިޝާރާތަކަށް އެދިވަޑައިގަތުމުންވެސް، ނާކާމިޔާބީގައި ހިތްވަރުފުޅާއި ޢަޒުމްފުޅު ވަރުގަދަކުރައްވާ ކީރިތި ކުރައްވާ އެއާދޭސް ދެންނެވީ "ތިމަންގެ ޤައުމުގެ މީސްތަކުންނަށް ﷲ ހިދާޔަތު ދައްކަވާފާނދޭވޭ! އެބައިމީހުންނަށް (އަދި) ނުވިސްނެނީއޭ!" އަދި ކީހިނެތްކަމަށް ހެއްޔެވެ؟ އުޑުތަކުގެ ވެރި އިލާހުގެ މަދަދާއެކު އެމާތް ސާހިބާއާއި ޢަދާވާތްތެރިވެގަތްހާ މީސްތަކުން ނިކަމެތިކުރައްވާ އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ކުޑަކަކޫމައްޗަށް ތިރިވާން މަޖުބޫރު ކުރެއްވުމަށްފަހު ދެންވީގޮތް އެއީ އަދި މާބޮޑު ޢިބުރަތެކެވެ. އިންސާފުގެ ދަތުރުގައި ފުރިހަމަ ކާމިޔާބީއާއި ނަސްރު ލިބިވަޑައިގެން މީސްތަކުންގެ މެދުގައި ޢިއްޒަތްތާއި ދަރަޖަ އުފުލިގެންވީ ހިނދުގައިވެސް ބަލިވެ ޒަލީލުވެގެން ފިލަންދިޔަ ދުޝްމަނުން ފަހަތުން ބައިވެރިންފޮނުއްވާ ގެންނަވާ، ކާމިޔާބީގައި ހިތްތިރިކުރައްވާ ޢަފޫކުރައްވާ ޙައްޤުގެމަގަށް ދަޢުވަތުދެއްވީއެވެ. އެހެންޏާ އެނަބިއްޔާއަށް އެދުވަހު ހިތްޕުޅަށްއަރާވަޑައިގެންނެވި ކޮންމެ ކަމެއްކުރެއްވުނީހެވެ. އެފަދަ މަތިވެރިވެރިކަމާއި ބާރުލިބިވަޑައިގެން ހުންނަވާވެސް އިންސާނިއްޔަތަށް ދެއްކެވުމަށް އެޚިޔާރުކުރެއްވީ ޤިޔާމަތަށް ދާންދެން ދެމިގެންވާފަދަ މަތިވެރި ނަމޫނާއެކެވެ.
ލީޑަރުންނަކީ އެއީއެވެ. ކާމިޔާބީގައި ކަންކުރަންވާގޮތާއި ނާކާމިޔާބީގައި ކަންކުރަންވާގޮތުގެ މިސާލަކީއެއީއެވެ. ތާރީޚުގެ ވިޔާނުދާ ފަޅީގައި ހިމެނެންބެއިނުންވާމީހާ ފިރުޢައުނާއި ހާމާނުގެ މަގުންހިނގަން ދޫކޮށްލަމާބަހީއެވެ. ނަމަވެސް އެފަދަމީހާގެ ފަހަތުން އަޅުދާސްވެގެން ހިނގަންދިމާކޮށްފި މީހާގެ މަޤާމަކީ ޤާރޫނާއި އޭނާގެ ބައްޕަގެ މަޤާމުކަން ހަނދާން ކުރަންޖެހޭވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.