ރިޕޯޓް ވަޠަންގެ އާދޭސް....

ވަޠަންގެ އާދޭސް....

ވަޠަންގެ އާދޭސް....

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ދިވެހި ދީބުގައި އިޞްލާހަށް ގޮވޭގޮވެލީގެ އަޑު ގުގުމަންފެށީ ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތައް ދެބައިވުމާހަމައިންނެވެ. މިއުންމީދީ ގޮވާލުން އުފެދިގެންއައީ ޤަދީމީ ޒަމާނުއްސުރެ، މާތްވެގެންވާ އިސްލާމީ ޝަރީޢަތުގެ ދަށުން ދިވެހީންނަށް ލިބިދޭންޖެހޭ މިނިވަންކަމާއި ޙައްޤުތްކުން ދިވެހިން މަޙުރޫމުވެފައިވާތީއާއި ދިވެހިޤައުމިއްޔަތާއި ދިވެހިވަންތަކަންބީވެ، ދިވެހި އުންމަތުގެ މިނިވަންކަމާއި އިސްތިޤުލާލު އަންނާންއޮތް ޖީލުތަކަށް ވާޞިލުކޮށް ނުދެވިދާނެކަމުގެބިރު ދިވެހީންގެ ހިތްތަކުގައި އުފެދުމާއި ގުޅިގެންނެވެ. މިނިވަންކަމާއެކު އަމިއްލަ ޚިޔާލު މުޢާމަލާތުކުރުމާއި، އިޤްތިޞާދީ ޙަރަކާތްތަކާއި، އިޖުތިމާޢީ ކަންކަމާއި، އެންމެކުޑަމިނުން ގަދަކީރިތިވަންތަ ޙަޟުރަތަށް ކުރެވޭ އިޚްލާސްތެރި އަޅުކަމަކީވެސް އަންޒަމާނުއްސުރެ ވެރިކަމުގެ ފަރާތުން ނުސިޔާނު ނުފުޒުފޯވަމުން އައިކަންކަމެވެ.

މީލާދީން ދެހާހުގެ އަހަރުތައް ފެށިގެން އައިއިރު އިސްލާޙީ ޙަރަކާތްވަނީ ދިވެހި ކޮންމެ ރައްޔިތެއްގެ ޖިސްމުގައި ދައުރުވަމުންއަންނަ ލެއާއި ލާމެހިފައެވެ. އެހާހިސާބަށް ދިޔައިރު އިޞްލާޙަށްގޮވާ ޖެހެމުންއައިބެރުގެއަޑު ސަރުކާރުގެ އެންމެ މަތީފަޑީންވެސް އިވެންފެށިއެވެ. އަދި ދިވެހި މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގައި އެބެރުގެއަޑު ގުގުމަމުންދިޔައެވެ. އަމިއްލަގޭގެ ހަތަރުފާރުތެރޭގައި، ތިމާގެ އަނބި ދަރީންގެ ގާތުގައިވެސް ދައްކާން ފަސްޖެހެވުނުވާހަކަތައް ސައިހޮޓާތަކާއި މާރުކޭޓުމަތީން ފެށިގެންއައިސް ހުރުމަތްތެރިވެގެންވާ މިސްކިތްތަކުގެ މުޤައްދަސް މިންބަރުތަކުންވެސް ގޮވޭނިދާޔަކަށް ވެގެންދިޔައެވެ. އެހާހިސާބުން ރައީސް މައުމޫނަށާއި އެމަނިކުފާނުގެ ބައިވެރިންނަށް ދިވެހީންގެ އުންމީދުތަކާއި ތަޞައްވަރު ފެނިވަޑައިގެން، އިސްލާޙީ ފިޔަވަޅުތަކެއް އެޅުއްވުން ނޫންއެހެން މަގެއް ނެތްކަން ކަށަވަރުވެވަޑައިގެންނެވިއެވެ. ނަތީޖާއެއްގެ ގޮތުން ޤާނޫނު އަސާސީ އިޞްލާޙުކުރެވި، ދީނީ އަދި މަދަނީ ޢިލްމުވެރިން އެބޭފުޅުންގެ ވާޖިބު އަދާކުރެއްވުމުގައި އާހިތްވަރެއްލައްވައިގެން ނިކުންނެވިއެވެ.

އިސްވެދެންނެވި އިސްލާޙުތަކަކީ ޙަރަކާތެއްގެ ފެށުމެވެ. އެއީ އިޞްލާޙީ ޙަރަކާތުގެ ނިމުމެއްނޫނެވެ. އަދި އެއީ އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ޝާމިލް ޙަރަކާތެކެވެ. އެޙަރަކާތުގެ ލީޑަރުންނަކީ އެކަމަށްޓަކައި ޖިހާދު ކުރެއްވި އަބްޠާލުންނެވެ. ވަކީން ޚާއްޞަގޮތެއްގައި އެމަގުގައި ޘާބިތުވެތިއްބަވައި ފުރާނައިން ޤުރުބާންވެވަޑައިގެންނެވި ދަންނަބޭކަލުންނާއި މަދަނީ ޙަރަކާތްތެރިންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ އިސްލާޙީ ޙަރަކާތުގެ އެންމެ އަސާސީ ބުންޔާދަކީ މާތްވެގެންވާ އިސްލާމްދީނެވެ. މިޙަރަކާތް އުފެދިގެންއައި އެންމެ މައިގަނޑު ސަބަބަކީވެސް އިސްލާމްދީނެވެ. ނަމަވެސް މިޙަރަކާތުގެ މެދުތެރެއިން ދިވެހީންނަށް ކުރިމަތިލާންޖެހިފައި މިއޮތީ ގިލަންވެރިކަމަކާއެވެ. ސިޔާސީ ހަލަބޮލިކަމުގެތެރެއިންނާއި، އިޤްތިޞާދީ ދަތިކަމުގެތެރެއިން އިސްލާޙީ ޙަރަކާތްއޭގެ އެންމެ މުހިންމު ހިނދުކޮޅުގައި ވަޅުޖެހިގެން ދިޔައީއެވެ. ނަމަވެސް އިޞްލާޙީ މަސައްކަތަށްޓަކައި ޤައުމު ޙާލުގެދުލުން އެދިގޮވާ ގޮވެލި މިއިންޒަމާނަކުވެސް ގަދަނުވާވަރަށް މިއަދު މިވަނީ ގަދަވެފައެވެ. ސަބަބަކީތޯއެވެ؟ ދިވެހީން އެބައިމީހުންގެ ދީނާއި ޤަޥްމަށްޓަކައި، ދަރިންނާއި ދަރީންގެ ދަރީންނަށްޓަކައި، ލެޔާއި ދާއޮހޮރުވައިގެންނާއި، ނަފްސު ޝަހީދުކޮށްގެން ހިންގަމުންއައި ޙަރަކާތުގެލަގަން ވަނީ ޤައުމާއި ދީނުގެ ޢަދާވާތްތެރިންގެ އަތްމައްޗަށް ދޫކޮށްލެވިފައެވެ. ބޭރުގެ ޢަދާވާތްތެރިންތަކެއްގެ ޖީބަށް ދިވެހީންގެ މަދުޚާއިނުންކޮޅެއް ވިކުމުގެސަބަބުންނެވެ.

ދިވެހިޚާރިޖީ ސިޔާސަތު ޖާއިޒުނޫންގޮތުގައި ބޭނުންކުރެވި، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ބޭނުންކުރެވޭ ހަތިޔާރަކަށް ހެދިއްޖެއެވެ. ޒަމާނުއްސުރެ ދިވެހީން އެއެއްޗެއްގެ ކިބައިން ސަލާމަތްނުވެވިގެން އުޅޭ ބަނގުރަލާއި މަސްތުވާތަކެތީން ދިވެހި ޒުވާނުން ސަލާމަތް ކުރުމުގެ ބަދަލުގައި އެތަކެއްޗަށް ދިވެހީން އޮޅުކުރުމުގެ ބިޔަމަޝްރޫޢުތައް ފެށެވި ހިނގަމުންދަނީއެވެ. މާތްވެގެންވާ ޤުރުއާނަށާއި، މޫރިތިވެގެންވާ ސުންނަތަށާއި، މަތިވެރިވެގެންވާ ޝަރީޢަތަށް ގޮންޖަހާ ދީނުގެ ޙުރުމަތްކެނޑެވިގެންދަނީއެވެ. ބޭރުގެ ޢަދާވާތްތެރިންނަށް ދަޢުވަތުދެވި އެފަދަހަރަކާތްތައް ރޭވެމުން ތަންފީޒުކުރެވެމުން ދަނީއެވެ. އަލްޣާޒީ މުޙަންމަދު ތަކުރުފާނުންފެށިގެން ޝަހީދު ޙުސައިން އާދަމާއި ހަމަޔަށް އިސްލާމްދީނާއި ދިވެހިވަންތަކަމުގެ ދިފާޢުގައި ދިވެހި ދީބަށް މިންވަރުކުރެއްވި އަބްޠާލުންނާއި ޝަހީދުންގެ ދަލާއި، ލެއާއި، ކަށި ޚަޒާނާކުރެވިގެންވާ ދިވެހި ޠާހިރު ފަސްގަނޑުގައި ބާޠިލް ކަލާނގެތައް ރުކުރުވާލެވިއްޖެއެވެ. ކާފިރުކަމުގެ ދިދަނެގެވި، ޖަހާލަތުގެ އަނދިރިކަން ފެތުރި، ބާޠިލަށް ނަސްރުދެވެންފަށައިފިއެވެ.

މިއީ ހަމައެކަނި ޙަރާމާއި ޙަލާލާލުގެ ބަޙުޘެއްނޫނެވެ. ވާޖިބާއި ސުންނަތުގެ ދާއިރާއެއްނޫނެވެ. މަޛްހަބީ ޚިލާފުތަކާއި ފިޤުހީ އަރައިރުންތަކުގެ ބާބެއްވެސްނޫނެވެ. އެކަނި ޒުހުދުވެރިކަމާއި އަޅުވެރިކަމުގެ ޚާއްޞާ މަޙައްލެއްވެސްނޫނެވެ. އަދި ކީއްތޯއެވެ؟ މިއީ އެންމެހައި ދިވެހި އިސްލާމުން އެއްބައިވަންތަކުރުވާ މައުޟޫއެވެ. މިއީ ދިވެހި ޤައުމިއްޔަތުގެ އެންމެ އަސާސީ ބިންގަލުގައި ރެނދުލައިފިކަން ކަށަވަރުވީހިސާބެވެ. މިއީ އިސްލާމްކަމުގެ ދާއިރާއިންބޭރުވެ، ކާފިރުކަމުގެ ދާއިރާޔަށް ވަދެވޭހިސާބެވެ. މިއީ ސުވަރުގެ ޙަރާމްކުރެވި ނަރަކަ ވާޖިބުވެގެންދާ މަގެވެ. މިއީ އިސްލާމް ދީނުގެ ފުރިހަމަ އަޤީދާގެ އެންމެ އަސާސީ ރުކުންތައް ރޫޅާލެވޭހިސާބެވެ. މިއީ އިޞްލާޙީ ބަދަލެއްނޫނެވެ. މިއީ ފުރެދުންތެރި ބަދަލެކެވެ. މިއީ ދިވެހިންބެއިނުންވާ ގޮތެއްނޫނެވެ. މި ހަޤީޤަތް ބަލައިނުގަނެވިގެން އުޅޭކޮންމެ މީހަކަށްމެ އެކަން ދިވެހީން ކަށަވަރުކޮށްދީފިއެވެ.

ދިވެހި ޤައުމު ޙާލުގެދުލުން ގޮވަމުންއަންނަ ގޮވާލުމަށް ޢިޖާބަދީ، އިސްލާމްދީނާއިގެން ތަރައްޤީއާއި ތަމައްދުންގެ މަގުގައި ކުރިޔަށްދިޔުމުގެ ދޮރުއަދިވެސް އޮތީހުޅުވިފައެވެ. ޙައްލުއަދިވެސް އޮތީ ޢާންމުންގެ އަތްމަތީގައެވެ. އެގޮތަކީ ޒާތީ ތަޢައްސުބުންނާއި ސިޔާސީ މަޒުހަބުތަކުގެ ނުހަމަ ނުފޫޒުތަކުން މިނިވަންވެތިބެ ޤައުމީ ދިދައިގެދަށުގައި، ޤައުމީބަހުން ޤައުމީ ނިދާއިއްވުމެވެ. އެންމެހައި ދިވެހީން އަތުގުޅާލައިގެންނިކުމެ އެއްއަޑަކުން ދިވެހިދައުލަތުގެ މަސްއޫލުވެރިންނަށް ނަސޭޙަތްތެރިވުމެވެ. ޞުލްޙަވެރިކަމާއެކު އަޚްލާޤީ ތަރަހައިގެ ތެރޭގައި ޚިޔާލު ފާޅުކޮށް ދިވެހިބަހުން އިއްވޭ ޤައުމީނިދާއިން ދިވެހިޖައްވު ގުގުމާލުމެވެ. ދީނާއި ޤައުމާއި ކާބަފައިންގެ ޙައްޤުގައި ވާޖިބު އަދާކުރައްވާށެވެ!

ބަވަނަވަމުންދާ ދުނިޔޭގައި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާހުރެ މަސްއޫލިއްޔަތުން ރެކިގެން ތަފާތު ބަހަނާތަކުގެ ނިވަލުގައި ފިލަން މަސައްކަތްކުރެވޭކަށެއް ނެތެވެ. ވެރިކަމެއް އިންތިޚާބު ކުރުމަކުންވެސް އަދި ވެރިކަމެއް އިންޤިލާބު ކޮށްލުމަކުންވެސް ޤައުމާއި ދީނުގެ ޙައްޤުގައި އަދާކުރާންޖެހޭ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރެވުނުކަމުގައި ނުވާނެއެވެ. ވޯޓު ކަރުދާހުގައި ޖަހާލެވޭ ފާހަގައަކީ ފަރުދީ ޒިންމާ އަދާކުރެވުނުކަމުގެ ގަރަންޓީއެއްނޫނެވެ. ވެރިން ޒިންމާދާރުކުރުވުމާއި ސިޔާސަތު އިސްލާޙުކުރުމަށް ގޮވާލުމަކީ ތާއަބަދުމެ ކުރަންޖެހޭ ކަންކަމެވެ. އެއީ ހެޔޮމަގަށް ގޮވާލުމާއި ނުބައިމަގު މަނާކުރުމުގެ ތެރެއިން ހިމެނޭކަމެކެވެ. ކުރެވުނު ތަޖުރިބާތަކާއި ފެންނަމުންދާ ޙަޤީޤަތްތަކުން ކަށަވަރުކޮށްދެނީ ޙަޞަދަވެރިންގެ ހުށިޔާރުކަމެވެ. މާތްވެގެންވާ އިސްލާމްދީނާއި، ޤައުމުގެ މިނިވަންކަމާއި، އެއްބައިވަންތަކަން ފިރުކައިގަނެ، އޭގެބަދަލުގައި ޖަހާލަތުގެ އަނދިރިކަމާއި، ފިކުރީ އަޅުވެތިކަމާއި، ޒާތީ އަރައިރުންތައް ފެތުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅޭ އެތެރެއާއި ބޭރުގެ ޢަދާވާތްތެރިންގެ ތޫނުފިލިކަމެވެ. އެހެންކަމުން ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ އިސްލާޙީ ޙަރަކާތަކީ ދެމިގެންދާ ޙަރަކާތެއްކަމެވެ. އެންމެ ހިނދުކޮޅަކަށްވެސް އަތްއުރާލައިގެން ތިބެވޭކަށް ނެތެވެ. ދީނާއި ޤައުމުގެ އަސާސްތަކުގެމައްޗަށް އަބަދުމެ ފާރަވެރިވެ ތިބެންޖެހޭވެ. ހެޔޮވިސްނޭ ބުއްދިވެރިންނާއި ތާޒާލޭހިނގާ ޒުވާނުން ގުޅިގެން އިސްލާމީ މަތިވެރި އަސާސްތަކުގެ މަތިގައި ދިވެހި ޤައުމިއްޔަތު ބިނާކުރުމުގެ ބުރަމަސައްކަތް ކުރަންވީވަގުތު ޖެހިއްޖެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.