ރިޕޯޓް ހެޔޮވިސްނޭ މީހަކު ތިޔަބައިމީހުންގެ ތެރޭގައި ނެތީހެއްޔެވެ؟

ހެޔޮވިސްނޭ މީހަކު ތިޔަބައިމީހުންގެ ތެރޭގައި ނެތީހެއްޔެވެ؟

ހެޔޮވިސްނޭ މީހަކު ތިޔަބައިމީހުންގެ ތެރޭގައި ނެތީހެއްޔެވެ؟

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އިސްލާމުންގެ ބޮޑު ވެރިކަން، "ޚިލާފަތު" ޔަހޫދީންގެ ބާރުގައި ވައްޓާލައި ދުނިޔެއަށް ޣައިރުމުސްލިމުންގެ ބާރުވެރިވީއްސުރެ ދުނިޔޭގެ ލީޑަރޝިޕްގައި ވަނީ އަނިޔާވެރިކަމެވެ. ބޭއިންސާފެވެ. އަމިއްލަ ގޯނިފުރާލުމުގެ ރޫޙެވެ. އަދި ދުނިޔޭގެ މަސަރަޙުން ފެނިގެންދަނީ އިންސާނީ ސުލޫކާއި ހެޔޮމިންގަނޑުތަކުން އެއްކިބާވެފައިވާ "އޯގާތެރި" ކަމެވެ.

މިވާހަކަތަކަކީ ލިޔުންތެރިންނާއި މުފައްކިރުން އެބޭކަލުންގެ ލިޔުއްވުންތަކުގައި ގެނެސްދީފައިވާ ވާހަކަތަކެކެވެ. އިންޑިއާގެ ޢިލްމުވެރިޔާ އަބުލް ޙަސަނުއްނަދަވީއަކީ މިރޮނގުން އަލިއަޅުވާލެއްވި އެއްމުފައްކިރެވެ. އެމަނިކުފާނު ލިޔުއްވި "މުސްލިމުން ދުނިޔޭގެ ސަފުން ވެއްޓި ފަހަތަށްޖެހުމުން ދުނިޔެއަށް ލިބުނީ ކޮން ގެއްލުމެއް؟" މިފޮތް ތިޔައިގެ ތެރޭގައި ހެޔޮވިސްނުމަށް ލޯބިހުރި މީހަކުވާނަމަ ކިޔާލުން ހާދަހާ ރަނގަޅުވާނެވެ.

އަފްޣާނިސްތާނުން ރަޝިއާގެ ބާރުނައްތާލެވެންދެން ރަޝިއާއަކީ އެމެރިކާއަށް ފާރަވެރި ގާރޑެއްކަމުގައިވިއެވެ. ނަމަވެސް ރަޝިއާގެ އަޅުވެތިކަމުން ދައުލަތްތައް މިނިވަންވެ ރަޝިއާ ކުޑަވުމާއެކު އޭރުއޮތް ބާރުވެރި ޙައިސިއްޔަތެއް މިހާރަކު އަދިފެންނާކަށްނެތެވެ. އެހެންކަމުން މިހާރު، މީހަކު އުޑިއެއް އަބުރާހެން ދުނިޔެ އެނބުރުމުގެ ރޭވުންތައް ރާވައި މިހާރުގެ މޭސްތިރިންގެ ފޭލިގެއަކީ ނޫނީ ތޯރާބޯރާއަކީ އެމެރިކާއޭ ބުނުމަކީ ކުށްހީއެއްނޫނެވެ.

އެބައިމީހުން ހީކުރާ ގޮތުގައި ކުޅުންތެރިއަކު އެކަނިމާއެކަނި ދަނޑުގައި ހުރެގެން ފުޓުބޯޅައަށް ހަދާލާހެން ދުނިޔެއަށް އެބައިމީހުންނަށް ހެދިދާނެވެ. އެއީ ނިއުކުލިޔަރ ބާރާއި އިޤްތިޞާދީ ތަނަވަސްކަމުގެ ސަބަބުންނެވެ. ވަކިން ޚާއްޞަކޮށް ދުނިޔެއިން ޢަދުލުއިންސާފު ގެއްލި، ދުނިޔޭގެ ސިޔާސަތަށް ހެޔޮބަދަލު ގެނައުމުގެ ނަމުގައި އަދި އިންސާނުންގެ މެދުގައި ހެޔޮވިސްނުމާއި މަޢުލޫމާތު ފަތުރައި ދުނިޔެއަކީ އިންސާނުން ދިރިއުޅެންފަހި، އިންސާފުވެރި އަމާންތަނަކަށް ހެދުމުގެ ޤަޞްދުގައި އުފައްދާފައިވާ ޖަމްޢިއްޔާތަކާއި މުއައްސަސާތަކަކީ އެމެރިކާއަށް އަޅުކަންކުރާ ތަންތަން ކަމުގައި ވީފަހުންނެވެ. އެމެރިކާގެ ޓެރަރިސްޓު ވިސްނުމާއި ނުފޫޒުދެކެ ބިރުންތުރުތުރު ނާޅާނީ ފަހެކާކުހެއްޔެވެ؟

ނަމަވެސް، މިގޮތަށް ދުވަސްތަކެއްވަންދެން އޮތުމަށްފަހު އެމެރިކާގެ ކުރިމަތީގައި މަތިހަށިނަގާނެ ބަޔަކު، އެމެރިކާގެ ޣަތުރަސާ (ޖައްބާރުކަމާއި ބޮޑާކަމަށް) އިސްނުޖަހާނެ ބައެއް ދައުލަތްތައް އުފެދިއްޖެއެވެ. މިދެންނެވި ދައުލަތްތަކުން އެއްދައުލަތަކީ އީރާނެވެ. އަދި ނިއުކުލިއަރ ބާރު ހުރުމުގެ ސަބަބުން ދެކުނުކޮރެއާ އާއި އަދި ކޮންމެވެސް ވަރަކަށް ޕާކިސްތާނާމެދުވެސް ސިހުންތެރިވެފައިވެއެވެ.

މިތާނގައި ފާހަގަކޮށްލަންޖެހޭ މުހިންމު ދައުލަތަކީ ޗައިނާއެވެ. ޗައިނާގެ އިޤުތިޞާދުގައި ޢަރަބިންގެ ޙިއްސާބޮޑެވެ. އަދި އެތާނގައި އެމެރިކާ ސިހޭފަދަ އިޤުތިޞާދީ ކުރިއެރުމާއި ޢަސްކަރީ ހޭލުންތެރިކަމާއި ކުޅެދުންތެރިކަން ލިބެމުން އެބަދެއެވެ. އެތާނގެ ޢަސްކަރިއްޔާއަކީވެސް ވަރުގަދަ ބާރެކެވެ. އޭޝިއާއަށް ހަމަގައިމުވެސް ޗައިނާއަކީ ބާރަކަށްވާނެވެ. އޭޝިއާއަށް ޗައިނާގެ ކޮންޓްރޯލް އައުމަކަށް އެމެރިކާ ބޭނުމެއްނުވެއެވެ. އަދި ނުވެސްވާނެވެ. ޝައްކެތްނެތެވެ. އެމެރިކާއަށް އޭޝިއާގައި ޗައިނާއާ ކުރިމަތިކުރަން އެންމެ ރަނގަޅުވާނެ ދައުލަތަކީ އިންޑިއާކަމުގައި އެމެރިކާއަށް ކަށަވަރުވެއެވެ. އެއީ އިންޑިއާއަކީ މި ސަރަހައްދުގެ "ސިންގާ" ކަމުގައި ވާންބޭނުން ޤައުމަކަށް ވާތީއެވެ. ނުވަތަ އިންޑިއާއިން އެގޮތަށް ދެކޭކަހަލައެވެ.

"ރާއްޖޭގައި މިދިޔަ ހަފުތާގައި ހުޅުޖެހި ހުޅުޖެހުމާއި ޢުމްރާނީގޮތުން ދިންގެއްލުންތަކަކީ އިންޑިއާގެ އެދުމަށް މަގުފަހިކުރުމަށް އެބަޔަކު ކުރިކަމެއް ބާވައެވެ؟ އެހެންވެއްޖެނަމަ ބާޣީވެގެން މިދަނީ ދިވެހި ރައްޔިތުންގެ ތެރެއިން ކޮންބައެއް ހެއްޔެވެ؟"

އިންޑިއާގެ އަތްދަށަށް ދެކުނު އޭޝިއާގެ ކުދި ގައުމުތައް މިހާރު އެހެރަދަނީއެވެ. ނޭޕާލްގެ ޙާލަތައް ވިސްނާށެވެ. މިސަރަހައްދުގެ ގައުމުތަކަށް އެހީވެދޭ އެއްފަރާތަކީ ޗައިނާއެވެ. ޗައިނާގެ ކުންފުނިތަކާއި ޗައިނާގެ މަސައްކަތާއި އެހީ ވީވަރަކުން ދުރުކޮށް ނުވަތަ ހަނިކޮށް ބެހެއްޓުމަށް އެމެރިކާ ވިސްނާނެކަމީ ކަށަވަރުކަމެކެވެ. މިކަމަށް އަލިމަގެއް ހޯދޭތޯ ބަލާނެތެވެ. އެމެރިކާގެ މިޕްރޮގްރާމު ކުރިއަށް ގެންދެވިދާނެ ގޮތްތައް މިހާރު މިދަނީ ފަހިވަމުން ފަހިކުރަމުންނެވެ.

ރާއްޖޭގެ އެއާޕޯޓަށް ވެރިވެފައިވާ ޖީއެމްއާރަށް ބަލާށެވެ. އެމީހުންގެ ޙިއްސާދާރުންގެ ތެރޭގައި ބައިނަލްއަޤުވާމީ ޒަޔަނިސްޓުންގެ ޙަރަކާތް ނުވޭހެއްޔެވެ؟ އެއްކޮޅުން ޔަހޫދީންނެވެ. އަނެއްކޮޅުން އިންޑިއާގެ ތާރީޚަށާއި ވެރިންގެ ސީރަތަށް ބަލައިފިނަމަ އެގައުމުން ދިވެހިރާއްޖެ އަޅުވެތިކޮށްފައިވާތީ ފެނިގެންދާނެވެ. ހަމައެހެންމެ އެތާނގެދަށުގައި ދިވެހިރާއްޖެ ވުމަށް އެދޭކަން ފާޅުކުރެވިފައިވާތީ ފެންނާނެވެ. ޖަވާހިރު ލާލް ނެހެރޫގެ ބުނުންތަކުގައި އެވަސްދުވާފައިހުރި ކަމަށާއި، އެރަހަ ދައްކާފައިވާކަމަށް ބުނާތީ އަޑުއަހަމެވެ.

ޖީއެމްއާރާ، މިހާރުގެ އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއާޕޯޓް ހަވާލުކުރެވުނީއްސުރެ އިންޑިއާގެ ޑިޕްލޮމޭޓުން އެކަމަށް ޚާއްޞަ ސަމާލުކަމެއްދިނުމުގެ ސިއްރަކީ ފަހެ ކޮބައިބާވައެވެ؟ ޖީއެމްއާރަކީ އިންޑިއާގެ ކުންފުންޏަކަށް ވާތީ ބާވައެވެ. ނޫނީ އެހެން އެދުމެއް އެކަމުގައި އޮތީބާވައެވެ. އެނގޭހާވެސްކަމަކީ ޖީއެމްއާރާބެހޭގޮތުން ދިވެހިރާއްޖޭގައި ލިޔެވޭ ލިޔުންތައް އެކުންފުނިން ތަރުޖަމާކޮށް އެއާމެދު މަޝްވަރާކުރާކަމެވެ. މިމަޝްވަރާތައް އިންޑިއާގެ ޑިޕްލޮމެޓުންނާއި ޙިއްސާކުރެވިގެންދެއެވެ. އަދި އެއަށްފަހުގައި އެލިޔުންތަކުގެ އަޞްލުވެރިފަރާތްތަކާ ބައްދަލުކޮށް އެކިމޭރުމުން ވާހަކަދައްކާފައި ހުރިކަމެވެ. އަދި އެއިން ބަޔަކަށް ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ ޖީއެމްއާރަށް ހަދާނެގޮތަކާ ބެހޭގޮތުންވެސް ސުވާލުކުރެވިފައި އެބަހުރިކަމަށްވެއެވެ.

ގިނަ ޢަދަދެއްގެ ޤާނޫނީ މާހިރުން ބުނާގޮތުގައި މުޙައްމަދު ނަޝީދަށް ކޯލިޝަންގެ ސަބަބުން ލިބުނު ޤާނޫނީ ވެރިކަން ވެއްޓެން މެދުވެރިވި ސަބަބަކީ ޚުދު އޭނާ އެތައްފަހަރަކު ޤާނޫނު އަސާސީއަށް ހަރާންކޯރުވުމެވެ. ނުކިޔަމަންތެރިވެ ޚިލާފުވުމެވެ. ކޯލިޝަނުން އެމްޑީޕީއާ ޙަވާލުކުރި ވެރިކަން ވެއްޓުމާއެކުވެސް އިންޑިއާގެ އެމްބަސީއިން ސިޔާސީ ލީޑަރުންނާ ބައްދަލުކޮށްފައިވެއެވެ. ދެކެވުނު ވާހަކައިގެތެރޭގައި ވެއްޓުނު ސަރުކާރުންވެސް ތިމަންމެންގެ ކިބައިން އެހީތެރިކަމަށް އެދުނުކަމަށާއި ނަމަވެސް "މިތާނގައި ދާޚިލީ ހަމަނުޖެހުމެއް ނެތްވިއްޔާއޭ، ވީމާ އެހީވެވޭކަށް ނޯންނާނެއޭ،" މިމޭރުމުން ވާހަކަދެއްކެވި ކަމުގައިވެއެވެ.

އަނެއްކޮޅުން ޚަބަރުތައް ލިބޭގޮތުގައި އިންޑިއާގެ މަނަވަރެއް ރާއްޖެއާދާދި ގާތުގައި ހަމަގޮވާލާއިރަށް އައިސް ރާއްޖެ ކޮންޓްރޯލްކުރަން އެނބުރެމުންދާ ވާހަކަ ތުންތުންމަތިން ނަމަވެސް އެބަދައްކަމުންދެއެވެ. މިހާތަނުން އުފެދޭ ސުވާލަކީ، ރާއްޖޭގައި މިދިޔަ ހަފުތާގައި ހުޅުޖެހި ހުޅުޖެހުމާއި ޢުމްރާނީގޮތުން ދިންގެއްލުންތަކަކީ އިންޑިއާގެ އެދުމަށް މަގުފަހިކުރުމަށް އެބަޔަކު ކުރިކަމެއް ބާވައެވެ؟ އެހެންވެއްޖެނަމަ ބާޣީވެގެން މިދަނީ ދިވެހި ރައްޔިތުންގެ ތެރެއިން ކޮންބައެއް ހެއްޔެވެ؟

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.