ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ކަންތައްތައް ކުރި ގޮތުން ޖަޕާނު އެމްބަސީގެ ތާޑް ސެކްރެޓަރީ އަނބުރާ ޖަޕާނަށް ގެންގޮސްފައިވާ ކަމަށް ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެ ދިވެހިރައްޔިތުންނަށް ވަނީ އޮޅުވާލައިފާކަމުގައި ދާދި އަވަހަށް ޘާބިތުވާނެކަމުގައި ރާއްޖޭގެ މަސްރަހް ދިރާސާކުރައްވާ ސިޔާސީ މުހަންނިކަކު ވިދާޅުވެއްޖެއެވެ.
"ދެން ތިހެނެއް ނުކިޔޭނެ" މި ޝިއާރުގެ ދަށުން އެމްޑީޕީ ހަރުގޭގައި 27 ޖެނުއަރީ 2012 ގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ސިޔާސީ ފަރާތްތަކުން "އޮޅުވާލައިގެން" ޖަޕާނު ސެކްރެޓަރީއާ އެކު ބޭއްވި ބައްދަލުވުމާ ގުޅިގެން، ލަންކާގައި ހުންނަ އެމްބަސީން އޭނާ އަނބުރާ ޖަޕާނަށް ގެންގޮސްފައިވާ ކަމަށް ނަސީމް ވިދާޅުވެފައިވެއެވެ.
"މި ދޭތެރެއިން މިތަނަށް ޒިޔާރަތް ކުރި ޖަޕާނު އެމްބަސީގެ ތާޑް ސެކެޓްރީ އަކާ އެ ބޭފުޅުން ބައްދަލުކުރީ. ތާޑް ސެކެޓްރީއަކަށް ނޭނގެ އެތަނުގައި މީޑިއާ ތިބި ކަމެއް. އެހެން އޮޅުވާލައިގެން ބައްދަލުކުރީމަ ޖަޕާނު ސަރުކާރުން އެބޭފުޅާ އަނބުރާ ގެންގޮސްފި ޖަޕާނަށް. މިއީ ވަރަށް ދެރަކަމެއް. އަލަށް ހާރިޖީ ދާއިރާއަށް ވަންނަ ފަރާތްތަކަށް އޮޅުވާލައިގެން ރާއްޖޭގެ ޕޮލިޓިކަލް ޕާޓީތަކުން އެ ބޭފުޅުންނަށް ގެއްލުން ދިނުމަކީ އެ ބޭފުޅުންގެ ހިތުގަ އެޕާޓީތަކުގެ އިސްވެރިންގެ ނަފްރަތު އުފެދޭނެ ކަމެއް. އެހެންވެ އެއްވެސް މީހަކަށް އޮޅުވާނުލާ އެކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް،" ނަސީމް ވިދާޅުވި އެވެ.
ޙަޤީޤަތަކީ އޭނާވަނީ މިސަރުކާރުގެ ޣައިރު ޤާނޫނީ ޢަމަލްތަކާމެދު ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅުފަރާތްތަކާ އެކު ވާހަކަވެސް ދައްކަވާފައެވެ. އަދި ޤާނޫނުއަސާސީ އާ ޚިލާފަށް ރައީސް ނަޝީދު ޢަސްކަރިއްޔާގެ ބާރުގެ ބޭނުންކޮށްގެން ޢަބްދުﷲ ޤާޟީ ގެއްލުވައިލުމާމެދުވެސް ޖަޕާނު ސަރުކާރުގެ ކަންބޮޑުވުން ހުރިކަން ހާމަވެފައިވެއެވެ.
މީގެ އިތުރުން ތަކޭޝީ އިދިކޮޅުފަރާތްތަކާ ބައްދަލުކުރީތީ ލަންކާގައި ހުންނަ އެމްބަސީ އަށް ޝަކުޥާކޮށްފައިވަނީ ވެސް ޑިމޮކްރެޓިކް ކަމަށްބުނާ އެމްޑީޕީ ސަރުކާރުގެ އިސްވެރީންނެވެ. ތަކޭޝީ އަކީ ޚާރިޖީ ގުޅުންތަށް މޮނިޓަރ ކުރުމަށް ޖަޕާނުން ފޮނުއްވަމުންދާ މަންދޫބެއްކަމުން ޤައުމުތަކުގެ ހުރިހާ ފަރާތްތަކާ ގުޅުން ބާއްވައި މަދަނީފަރާތްތަކުގެ މަޢުލޫމާތުވެސް ނަންގަވައިގެން ނޫނީ އެފަދަ ޤަޥުމު ތަކަށް ޖަޕާނުން ދެއްވާ އެހީ ތަކާ ކުރާން ހުރި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުންނާނެމެއެވެ. މިއާ އެކުގައިވެސް ޑިމޮކްރެޓިކް ބޭފުޅުންވަނީ ޚުދުމުޚްތާރު ޞިފަ ފާޅުކުރައްވާ، ރާއްޖޭގެ ޚާރިޖިއްޔާއިންވެސް ވަނީ ދޮގު މަޢުލޫމާތު ޖަޕާންފަދަ ޤަޥުމުތަކަށް ހާމަކޮށްފައެވެ. ޚާއްޞަކޮށް އިސްލާމްދީނަށް ލޯބިކުރާ ދީނީ ކުދީންނާމެދު ޤަޥުމެއްގެ ރައީސަކު އެޤަޥުމެއްގެ ދަރީންނާމެދު ޙައްޤަކާނުލައި އެއްވެސް ކުލުނެއް އިންސާނިއްޔަތުކަމެއްްވެސް ނެތް ބީދައިން ރައީސް ނަޝީދު ވަނީ ޚާރިޖިއްޔާ ގެ އެހީގައި ރާއްޖެ ބަދުނާމުކުރައްވައި ދޮގު ޚަބަރު ޢާއްމު ކުރެއްވުމުގައި މެކުހަށް ޖަހާފައެވެ. މިއީ ވަރަށް ބިރުހުރި އަދި ރާއްޖޭގެ އިސްލާމީވަންތަކަމަށް މުުސްތަޤްބަލުގައި ކުރިމަތިވާނޭ ނުރައްކަލެއްކަން ޔަޤީނެވެ. މިކަމުގެ ފުރިހަމަ ނަންގަވަން ޖެހޭ ފަރާތަކީ ރައީސް ނަޝީދު ކަމުގައި ދިވެހި ތާރީޚުގައި ލިޔެވިފައި ފެންނާން އޮންނަން ޖެހެއެވެ.
ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ކަންތައްތައް ކުރި ގޮތުން ޖަޕާނު އެމްބަސީގެ ސެކްރެޓަރީ ތަކޭޝީ އަނބުރާ ޖަޕާނަށް ގެންގޮސްފައިވާ ކަމަށް ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެ ދިވެހިރައްޔިތުންނަށް އޮޅުވާލާފައިވާކަން ޘާބިތުވެގެންދާނީ ތަކޭޝީ ދެން އަނބުރާ ޖަޕާނުން ރާއްޖެ އަންނަ އިރު ހުންނަ މަޤާމުންނެވެ. ދެން އޭނާ ރާއްޖެއަށް ޒިޔާރަތް ކުރާއިރު ހުންނާނީ ޖަޕާންގެ ޚާރިޖީ ވަޒީރެއްގެ ގޮތުގައިކަމުގައި މިހާރުވަނީ ބެލެވިފައެވެ.
ހަމަ އެއާއެކު 2012 ވަނަ އަހަރުން ފެށިގެން ޖަޕާންގެ ފަތުރުވެރީން ރާއްޖެއަށް ޒިޔާރަތް ކުރާނެ ޢަދަދު ވޭތުވެދިޔަ އަހަރުތަކަށްވުރެ އެނގުންވާ މިންވަރަކަށް މަދުވާނެކަންވެސް ޖަޕާންގެ ތެރޭގެ ރިޕޯޓު ތަކުންވަނީ ހާމަވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...