މޫނުބުރުގާ އަޅައިގެން ކުލާހުގައި ކިޔެވުން މަނާކުރުމާ ގުޅިގެން ޓިއުނިޝިއާގެ ދަރިވަރުންތަކެއް ބަނޑުހައިހޫނުކަމުގެ މުޒާހަރާކުރަމުން އެބަދެއެވެ.
މަނޫބާ ޔުނިވާސިޓީގައި މިދިޔަ އަންގާރަ ދުވަހު މެންދުރުފަހު ދަރިވަރުން މުޒާހަރާކުރަމުން ދިޔައިރު، މުޒާހަރާގައި ބައިވެރިވި ޒުވާނަކު ވަނީ ޔުނިވާސިޓީގެ އިދާރީ ޢިމާރާތުގެ ކުރިމަތީގައި ބަންގި ގޮވާފައެވެ. އަދި މޫނުބުރުގާ އަޅައިގެން އިސްލާމީ ހިޖާބު އަޅައިގެންތިބި އަންހެން ދަރިވަރުން ބުނަމުންދިޔައީ ޔުނިވާސިޓީގެ ޑީން އޮފީހުގެ ބޭރުގައި މަޑުކުރާނެ ކަމަށާއި، "އަހަރެމެން މުޅި ދުވަހު މިހެން ތިބެން ޖެހުނަސް ތިބޭނެ" ކަމަށެވެ.
ޓިއުނިޝިއާގެ ކުރީގެ ރައީސް ބިން އަލީގެ ވެރިކަމުގައި ވަނީ އިސްލާމްދީނުގެ ހުކުމްތައް ނައްތާލާއި ފުނޑުފުނޑު ކޮށްލާފާއެވެ. އަދި އެކަންކަން ހައްލު ކުރުމަށްޓަކައި މުސްލިމުން ދަނީ އެގައުމުގައި ފަނޑުވެގެން ގޮސްފައިވާ އިސްލާމީ ޝިއާރުތައް އަނބުރާ ރުޖޫއަކުރުމަށްޓަކައި ބުރަ މަސައްކަތް ކުރަމުންނެވެ.
އެގޮތުން އާޓްސް އެންޑް ލެޓަރސް ސްކޫލްގައި ކިޔަވާ "ސަލަފީ" ދަރިވަރުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސްކޫލްގައި ނަމާދުކުރެވޭ ތަންތަން ހެދުމަށާއި، އަންހެން ދަރިވަރުންނަށް މޫނުބުރުގާ އަޅައިގެން ކިޔަވަންތިބުމުގެ ޙައްޤު ހޯދުމަށްޓަކައި އިދާރާއަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.
ނަމަވެސް، އޭގެ އެއްމަސްފަހުން ސްކޫލްގެ ޑީން ހަބީބް ކަޒްދަޣްލީ ވަނީ އާ ޤަވައިދެއް ހަދާ މޫނުބުރުގާ އަޅައިގެން ކިޔަވުން އައުން މަނާ ކޮށްފައެވެ. އެކަމާ ދެކޮޅުހެދުމުގެ ގޮތުން ދަރިވަރުން ވަނީ 28 ނޮވެމްބަރ 2011 ގައި އިދާރީ ޢިމާރާތަށް ވަދެ މުޒާހަރާކުރަން ފަށާފައެވެ. އޭގެ ހަފްތާއެއް ފަހުން ކެމްޕަސް ވަނީ ބަންދުކޮށްފައެވެ. އަދި ކުލާސް ފަހުން ކުރިއަށް ގެންދަން ފެށީ 7 ޖެނުއަރީ 2012 ގައި މުޒާހަރާކުރާ ދަރިވަރުން އިދާރީ ޢިމާރާތުން ނުކުތުމަށް ފުލުހުން އިންޒާރު ދިނުމަށް ފަހުއެވެ.
އެދުވަހުން ފެށިގެން ލެކްޗާރ ހޯލެއްގެ ފެންޑާގައި 18 ފިރިހެން އަދި އަންހެން ދަރިވަރުން ވަނީ ބަނޑުހައިހޫނުކަމުގެ މުޒާހަރާ ފަށާފައެވެ.
އިމްތިހާން ބޭއްވުމަށްޓަކައި މިދިޔަ ހޯމަދުވަހު ކަޒްދަޣްލީ ތައްޔާރުވަމުން ދިޔައީ މޫނުބުރުގާއަޅާ ދަރިވަރުން ވަނީ މޫނުބުރުގާ އަޅައިގެން ކުލާހަށް ހާޒިރުވާނެ ކަމަށް ތަކުރާރުކޮށް ބުނަމުންދަނިކޮށެވެ.
"އަހަރެން ދަރިވަރުން ގާތު ގަވާއިދުގެ ވާހަކަ ބުނިން. ދަރިވަރުން ޖަވާބުދިނީ ﷲ ގެ ގާނޫނުގެ ވާހަކައިން" ކަޒްދަޣްލީ ވިދާޅުވިއެވެ.
ބަނޑުހައިހޫނުކަމުގެ މުޒާހަރާކުރާ ދަރިވަރުން ދަނީ ފެނަށް ހަކުރު އަޅައިގެން ބޭނުން ކުރަމުންނެވެ.
"އަހަރުމެންނަށް މޫނުބުރުގާ އަޅައިގެން ކިޔެވުމަށް ބަންދު ކުރެވިފައި މިވާ ދޮރު ހުޅުވެންދެން މިގޮތުގައި ދެމިތިބޭނަން" ފާތިމަތު ހާޒީ ބުންޏެވެ.
ބައެއް ދަރިވަރުން ވަނީ ބަނޑުހައި ހޫނުކަމުގައި ގިނަ ވަގުތު ތިބުމުގެ ސަބަބުން ބޮލުގައި ރިއްސާތީ ޑޮކްޓަރަށްވެސް ދައްކާފައިވެއެވެ.
ބިން އަލީގެ ވެރިކަމުގައި ވަނީ އާންމު ތަންތަނުގައި ބުރުގާ އެޅުން ވަނީ މަނާ ކޮށްފައެވެ. އަދި އޭނާގެ ވެރިކަމުގައި ދުވަހަކު ވެސް ޓިއުނީޝިޔާގެ މަގުމަތިން މޫނު ނިވާކޮށްފައިވާ މީހަކު ފެނިފައި ނުވާކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...