ލައިވް ބްލޮގް ދެފަރާތުގެ ހަމަނުޖެހުމަށްފަހު މިރޭގެ ދެ މުޒާހަރާވެސް ނިންމާލައިފި

ދެފަރާތުގެ ހަމަނުޖެހުމަށްފަހު މިރޭގެ ދެ މުޒާހަރާވެސް ނިންމާލައިފި

ދެފަރާތުގެ ހަމަނުޖެހުމަށްފަހު މިރޭގެ ދެ މުޒާހަރާވެސް ނިންމާލައިފި

ކިޔާލަން ހޭދަވާނީ 10 މިނިޓް

ފޮންޓް ސައިޒް

02:03 މަހުލޫފް ވީޓީވީގައި : ސުލްހަވެރިކަމާއެކު މުޒާހަރާކުރަމުން ގޮސް، އެމްއެމްއޭ ކަންމައްޗަށް އާންމުން ދާން ފުލުހުން ފުރުސަތު ނުދިނުމުން، ރާއްޖެ ރޭޑިއޯ ކައިރިއަށްގޮސް ޝުއޫރުފާޅުކުރުމަށްފަހު، އެމްއެންބީސީ ކައިރިއަށް ދާން މަސައްކަތްކުރި ކަމަށް. ނަމަވެސް އާންމުން އެމްއެންބީސީގެ ކަންމައްޗާ ހަމައަށްދިޔަތަނާ، އެމްޑީޕީ ހަރުގެއިން ލަޓިބުރިއާ ދަގަނޑުބުރި ހިފައިގެން ނުކުމެ ހަމަލާދީ އާންމުންނަށް ވަރަށް ބޮޑަށް އަނިޔާކުރި ކަމަށް.އެމްޑީޕީން އެހިންގި ކަންތައްތައް މަހުލޫފު ވަރަށް ބޮޑަށް ކުށްވެރިކުރެއްވި.

މަހުލޫފް ވިދާޅުވީ އެމްއެންބީސީ ރިޕޯޓަރަކަށް އެމްޑީޕީ އެކްޓިވިސްޓުން ހަމަލާދީ އަނިޔާކޮށްފައިވާ ކަމަށް. އަދި އެއީ ވީޓީވީ ރިޕޯޓަރަކަށް އެމްޑީޕީން ހަމަލާދޭން އުޅެގެން ހިނގި ކަމެއް ކަމަށް މަހުލޫފް ވިދާޅުވި.

 މަހުލޫފު ވިދާޅުވީ ސަރުކާރާ ދެކޮޅު ފަރާތްތަކުން ދިޔައީ ސުލްހަވެރިކަމާއެކު ޝުއޫރުފާޅުކުރަމުން ކަމަށް. އަދި ތަކުރާރުކޮށް ފުލުހުންނަށް ހަމަލާނުދިނުމަށާއި، ތަކެއްޗަށް ގެއްލުން ނުދޭން އަންގަމުން ދިޔަކަމަށް.

02:00 ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ ނިންމާލިކަން ރަސްމީކޮށް މަހްލޫފް އިއުލާންކޮށްފި.

01:55 އެމްއެންބީސީގެ ރިޕޯޓަރު ނައުޝާދުގެ ކަނާތުގެ އެއް ކަށިގަނޑު ވަނީ ބިނދިފައި ކަމަށްވޭ. އެކި ތަންތަނުން ލޭ އައިސްފައި ވާއިރު އަތްފައި ވަނީ ވަރަށް ބޮޑަށް ދުޅަވެފައި. ބޯ ވެސް ވަނީ ޒަހަމްވެފައި.

01:52 މަހުލޫފް އެސްއެމްއެސް މެދުވެރިކޮށް: "ސަރުކާރުން އެމްއެންބީސީ ހިސޯރުކޮށްގެން އުޅޭ އިރު އިދިކޮޅު ފަރާތްތަކުން ސުލްހަވެރިކަމާ އެކު ޝުއޫރުފާޅުކުރުމަށް އެމްއެންބީސީ ދޮށައް އެއްވުމަކީ އެމްޑީޕީ މީހުން ނިކުމެ ހަމަލާދޭންޖެހޭނެ ކަމެއް ނޫން. ލަޓި ބުރިއާއި ވަޅި ފަދަ ހަތިޔާރުދީ އެމްޑީޕީ އެކްޓިވިސްޓުން ރައްޔިތުންނަށް ހަމަލާދޭން ނެރުމުން އެކަމާ ހިތާމަކުރަން.  ފުލުހުންނާއި ސިފައިންގެ އިތުރުން އެމްޑީޕީ މީހުން ވެސް ވަޅިއާ ލައްޓިބުރި ދީފައި ނެރެ ރައްޔިތުންނަށް ހަމަލާދީފައި ވާތީ އެކަން ކުއްވެރިކުރަން."

01:48 ފުލުހުންގެ ވެހިކަލަކުން ސައިކަލެއްގައި ޖެހި، ސައިކަލްގައި ތިބި ދެމީހުންނަށް އަނިޔާވެގެން އޭޑީކޭގައި ފަރުވާ ހޯދަމުންދާ ކަމަށް މައުލޫމާތު ލިބޭ. އެދެމީހުންނަކީ އިދިކޮޅު މުޒާހަރާގެ ބައިވެރިން ކަމަށްވޭ. އެކަކަށް ސީރިއަސް އަނިޔާ ލިބިފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައި.

01:42 އެމްޑީޕީ ހަރުގެ ދިމާ އަމީނީ މަގު މިހާރު ވަނީ ސާފުކޮށްފައި. މިހާރު މުޅި އެސަރައްދު ކޮންޓްރޯލް ކުރަނީ ސިފައިން.

01:31 އެމްއެންބީސީގެ ރިޕޯޓަރަށް ހަމަލާދިނީ އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް. އަނިޔާވި ރިޕޯޓަރ ނައުޝާދަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އެމްއެންބީސީގެ ރިޕޯޓަރަށް އެމްޑީޕީގެ އެކްޓިވިސްޓުން ހަމަލާދިނީ އެއީ ވީޓީވީގެ ރިޕޯޓަރެއް ކަމަށް ހީކޮށް. އެމްޑީޕީ އެކްޓިވިސްޓުން ވަނީ ވީޓީވީ އަށް ވަރަށް ބޮޑަށް އެއްޗެހި ގޮވާފައި.

01:28 ފުލުހުން ދަނީ މަގުތައް ސާފުކުރުމަށާއި، އެމްޑީޕީ އެކްޓިވިސްޓުން ހަރުގޭގައި މަޑުކުރުމަށް އިންޒާރުދެމުން.

01:26 ހަރުގެ ކައިރިއަށް އިތުރު ސިފައިންގެ އަތުވެއްޖެ. ތިން ލޮރީ ފުރެންދެން އައި ސިފައިން ތިބީ ޝީލްޑް ހިފައިގެން.

01:23 ލަޓިބުރިތަކާއެކު ތިބި އެމްޑީޕީ އެކްޓިވިސްޓުންތަކެއް ފުލުހުން ހައްޔަރުކޮށްފި. ފުލުހުން ދަނީ މަގުތައް ސާފުކުރުމަށް އިންޒާރުދެމުން.

01:20 އެމްޑީޕީ އެކްޓިވިސްޓުން ދަނީ މީޑިއާ މީހުން ވަގުތުން އެތަނުން ދިއުމަށް އިންޒާރު ދެމުން. ވީޓީވީ ޖާނަލިސްޓެއްގެ ނަމުން ގޮވައި އިންޒާރު ދީފައިވޭ.

01:16 އެމްޑީޕީ ހަރުގެ ތެރޭގައި ގޭންގުތަކުގެ މީހުން ލަޓި ބުރިތަކާއި، ދަނގަޑުބުރިތަކާއެކު އިދިކޮޅުފަރާތްތަކަށް ހަމަލާދިނުމަށް ކުރިއާލައި ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަން ވަނީ ފާހަގަކުރެވިފައި.

01:16 އެމްޑީޕީ ހަރުގެއަށް ވަންނަން ބޭނުން ބަޔަކު ހަރުގެއަށް ދަނީ ސަލާމަތީ ބާރުތަކުން ވައްދަމުން.

01:13 ވަރަށް ގިނަ ލަޓި ބުރިތަކާއި، ދަނގަޑުބުރިތައް ފުލުހުން ވަނީ ގެންގޮސްފައި. އެމްޑީޕީ ހަރުގެ ކަންމަތީގައި ފުލުހުންގެ ބެރިކޭޑް އަޅައި އެދިމާ ހަމައަކަށް އެޅުވުމަށް ފުލުހުންނާއި ސިފައިން މަސައްކަތްކުރަނީ.

ފުލުހުންގެ ބެރިކޭޑް އެމްޑީޕީ ހަރުގެ ކަންމަތީގައި ވަނީ އަޅާފައި.

01:11 ފުލުހުންގެ ވެހިކަލަކުން ޖެހި އިތުރު ދެމީހަކަށް ވެސް ވަނީ އަނިޔާވެފައި. އެމީހުން ވެސް މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި.

01:08 ހަމަނުޖެހުންތައް އަދިވެސް ދަނީ ކުރިޔަށް ގަލާއި ފުޅިއާއި ލަޓިބުރިވެސް ބައެއް ދިމަ ދިމާއިން އުކަމުން ދަނީ. ހަރުގެ ސަރަހައްދުގައި ބޮޑުތި ހަމަނުޖެހުންތައް ހިނގަނީ. ބައެއް މީހުން އަނެއްކާވެސް ވަނީ ހައްޔަރުކޮށްފައި. އެމްއެންބީސީގެ ޖާނަލިސްޓު ފުލުހުން ނަގާފައި ވަނީ ބިންމައްޗަށް ވައްޓާލާފައި އޮއްވާ.

01:07 އެމްއެންބީސީގެ ރިޕޯޓަރު ނައުޝާދަށް ވަނީ އަނިޔާވެފައި. އަދިވެސް ބައެއް މީހުންނަށް ކުދިކުދި އަނިޔާތައް ވަނީ ވެފައި. އަދިވެސް ބައެއް ކަހަލަ ކުދި ހަމަނުޖެހުންތައް ދަނީ ހިނގަމުން

01:05 އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ : އެމްޑީޕީ ބަޔަކު ނުކުމެ އިދިކޮޅު ފަރާތްތަކުގެ ވަރަށް ގިނަ ބަޔަކަށް ހަމަލާދީ އަނިޔާކޮށްފި. ވަރަށް ބޮޑަށް ތަނުގައި ހަމަނުޖެހުން އުފެދިއްޖެ.

01:03 އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ : އަމީނީ މަގުން އެމްޑީޕީ ހަރުގެއާ ހަމަވުމުން އެމްޑީޕީ ބަޔަކު ދިމާކޮށް ލަކުޑިބުރިތަކުން ހަމަލާދީފި.

01:00 އެމްއެމްއޭ ސަރަހައްދުގައި އެމްޑީޕީން ވަނީ އިދިކޮޅު މީހުންނާ ކުރިމަތިލުމެއް ހިންގާފައި. އޭގެ ތެރެއިން މީހެއްގެ އަތުން ފުލުހުން ވަނީ ވަޅިއެއް ވެސް އަތުލާފައި.

00:59 އެމްޑީޕީން އެމްއެމްއޭ ކައިރީގައި ފެށި މުޒާހަރާ ފުލުހުން ރޫޅާލައިފި. ޕިކަޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.

00:53 އެމްޑީޕީ މުޒާހަރާ : އެމްޑީޕީގެ އެކްޓިވިސްޓުން އެމްއެމްއޭ ކައިރިއަށް އެއްވެޖެ. މީގެ އިރުކޮޅެއް ކުރިން ރީކޯ މޫސާ މަނިކު ވިދާޅުވެފައި ވަނީ ދެން ކޮންމެ ރެއަކު އެމްޑީޕީން އެމްއެމްއޭ ކައިރިއަށް އެއްވާނެ ކަމަށް. އެ ސަރަހައްދުގައި އެމްޑީޕީން ގޮވަލަމުންދަނީ އަދުލު އިންސާފު ގާއިމު ކުރުމަށް. އިސްކޮށް ހުންނެވީ ރީކޯ މޫސަ

00:49 އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ : ދިވެހިރާއްޖޭގެ އަޑު ކައިރީގައި މުޒާހަރާ ކުރުމަށްފަހު އަނެއްކާވެސް އެހެން ދިމާލަކަށް މިސްރާބު ޖަހައިފި.

00:47 އެމްޑީޕީ މުޒާހަރާ :  ޖޭއެސްސީ ކައިރިއަށް އެއްވި އެމްޑީޕީ މީހުންނަށް ފުލުހުން އިންޒާރު ދޭން ފެށުމާއެކު އެ ސަރަހައްދު ދޫކޮށް އަނެއްކާވެސް ހަރުގެއަށް ނައްޓާލައިފި. އެ ސަރަހައްދުގައި ހަމަނުހުމެއް ނުހިނގާ.

00:46 އެމްޑީޕީ މުޒާހަރާ :  މީގެ ފަހުން ކޮންމެރެއަކު އެމްޑީޕީން ވެސް ކޮންމެ ރެއަކު އެމްއެމްއޭ ސަރަހައްދަށް އެއްވެ މުޒާހަރާ ކުރާނެ ކަމަށް ރީކޯ މޫސާ މަނިކު ޖޭއެސްސީ ކައިރިގައި ގޮވާލައްވައިފި. މިވަގުތު ވެސް މުޒާހަރާ ކުރަނީ.

00:45 އެމްޑީޕީ މުޒާހަރާ : ޢަބްދުﷲ ގާޒީ ދޫނުކުރުމަށާއި، ގާޒީ ދަންޖެއްސުމަށް އެމްޑީޕީން ދަނީ ގޮވަމުން. ރީކޯ މޫސަ ފުލުހުންނަށް އިންޒާރުދެމުން ދަނީ ޖޭއެސްސީ ގޭޓާ ހަމައަށް ދިއުމަށް ހުރަސް ނޭޅުމަށް.

00:43 އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ :  މިހާރު ދަތުރުކުރަނީ އަމީނީ މަގުން އިރަށް.

00:39 އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ : މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެއްލި އެއްޗަކުން ފުލުސް ވެހިކަލެއްގެ ބިއްލޫރިގަނޑު ތަޅާލައިފި، މުޒާހަޜާ ކުރިޔަށް ދަނީ.

00:32 ހައިކޯޓް ކައިރީގައި ތިބެ އެމްޑީޕީގެ އެކްޓިވިސްޓުން މުޒާހަރާ ފަށާއިފި.  އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އެޅުމަށް ދަނީ ގޮވާލަމުން. އެ ސަރަހައްދުގައި ވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ

00:29 ބުރުޒު މަގަށް ނުކުމެ އައިޖީއެމްޗާ ދިމާއަށް އިދިކޮޅު އެކްޓިވިސްޓުން ދަނީ

00:28 އެމްޑީޕީގެ ހަރުގެއިން ރީކޯ މޫސައާއި އެކްޓިވިސްޓުންނާއެކު ނައްޓާލި ޕިކަޕް ގޮސް ސުޕްރީމް ކޯޓު ސަރަހައްދަށް މަޑުކޮށްފި. ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްލާފައި

00:27 މާވެޔޮ މަގުން ކުރިޔަށް ދަނީ. މުޒާހަރާގެ ބައިވެރިން މިހާރު ގޮވަމުން ދަނީ އެނައުންސްމަންޓެއް. އޭގައި ބުނަނީ މާދަމާރޭ ބާއްވާ ޖައްސާ އާޓީފިޝަލް ބީޗުގައި ބާއްވާނެ ކަމަށް. އަދި އިދިކޮޅު ހުރިހާ ޕާޓީތަކެއް އެ ޖަލްސާގައި ބައިވެރިވާނެ ކަމަށް ވެސް ގޮވާލަމުން އެބަދޭ.

00:23 މާވެޔޮ މަގަށް މުޒާހަރާގެ ބައިވެރިން ނުކުމެއްޖެ. ރައީސް ނަޝީދުގެ އިސްތިއުފާއަށާއި އަބްދުﷲ ގާޒީ މިނިވަން ކުރުމަށް ގޮވާލަމުން އެބަދޭ.

00:18 ޗާނދަނީ މަގު ބަނދުކުރުމުން ހަނި ގޯޅިއަކުން މަޖީދީމަގަށް ނިކުތުމަށް މަސައްކަތް ފަށައިފި.

00:18 އެމްޑީޕީ އެކްޓިވިސްޓުން ރީކޯ މޫސައާއެކު ސުޕްރީމް ކޯޓު ކައިރީގައ މުޒާހަރާ ކުރުމަށް ކަމަށް ބުނެ އެދިމާއަށް ދަނީ. އެމީހުން ތިބީ ބޮޑުފެންވަޅުގެ ހިސާބުގައި.

00:17 ޗާންދަނީ މަގުން މުޒާހަރާގެ ބައިވެރިން ކުރިއަށް ދަނީ. އަސްރަފީ ބުކްޝޮޕާ ހިސާބުން ފުލުހުން ހުރަސްއަޅައިފި. ބައިވެރިން ގޮވަމުންދަނީ ފުލުހުން ހުރަސްނޭޅުމަށް.

00:10 މިސްރާބު ހުރީ ޗާންދަނީ މަގާ ދިމާއަށް

00:08 މުޒާހަރާގެ ބައިވެރިން މިހާރު ތިބީ ނައިބް ރައީސް އުޅުއްވާ ގެކޮޅު ހިސާބުގައި. އަދިވެސް ދަނީ ކޮންތަނަކަށް ކަމެއް އިއުލާން ނުކުރޭ. މުޒާހަރާކުރާ މީހުންނާއެކު އެހިސާބުން ފުލުހުން އަދި ނުފެނޭ.

00:06 މުޒާހަރާގެ ބައިވެރިން މިސްރާބު ޖަހާފައިވާ ދިމާއެއް ހާމަކުރަން ބޭނުންނުވާކަމަށް އަލީ ސަލީމް ވިދާޅުވެއްޖެ. އަދި ސަރުކާރުން ގާނޫނީ އިމުގެ ތެރެއަށް ނުވަންނަނީސް މިކަން ހުއްޓާނުލާނެކަމަށްވެސް އޭނާވަނީ ވިދާޅުވެފަ

23:59 މާލޭގެ މަގުތަކުގައި އަމާން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން ވަނީ އިންޒާރު ދީފައި.

23:59 މުޒާހަރާގެ ބައިވެރިން ޕިކަޕާއެކު ކޮންމެވެސް ދިމާއަކަށް ނައްޓާލައިފި. ބައިވެރިން ދަނީ މަސް މާރުކޭޓާ ދިމާއިންލާފައި. ސީދާ ކޮންތަނަކަށް ކަމެއް އިއުލާނެއް ނުކުރޭ.

23:57 މުޒާހަރާ އަދި ކިރިޔާ ފެށުނީ ކަމަށާއި ދާންޖެހޭ މަންޒިލަކަށް ދާން ތައްޔާރުވުމަށް މާޒް ސަލީމް ގޮވާލައްވައިފި.

23:50 އެއްވެސް ޝަރުތަކާ ނުލައި ޢަބްދުﷲ ގާޒީ މިނިވަންކުރުމަށް ސިފައިންނާއި ފުލުހުންނަށް ގާސިމް ގޮވާލައްވައިފި. ޤާނޫނު ނެގެހެއްޓުމަށް ފުލުސް ކޮމިޝަނަރަށާއި، ޗީފް އޮފް ޑިފެންސް ފޯސް އަށް ގާސިމް ގޮވާލެއްވި.  ބޭރުގެ ފަނޑިޔާރުން ރާއްޖެ ގެންނަން ކުރަމުންދާ މަސައްކަތްތައްކަށް އެފުރުސަތު ނުދެއްވާނެކަމަށްވެސް ގާސިމް ވިދާޅުވި. އަދި ރާއްޖޭގައި ތިބި ގާބިލު މީޙުންނަށް ނޫނީ އެފުރުސަތު ނުލިބޭނެކަމަށްވެސް ގާސިމް ވިދާޅުވި

23:50 ގާސިމް ވާހަކަދައްކަވަނީ.

23:47 ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ޕާލަމެންޓް މެންބަރު ގާސިމް އިބްރާހީމް މުޒާހަރާގެ އިސްސަފާ ގުޅިވަޑައިގެންފި. ވަރަށް ގިނަ ބަޔަކު ގާސިމަށް ތަރުހީބު ދެމުން އެބަދޭ.

23:42 މިހާރު ވާހަކަދައްކަވަނީ ޕީޕީއެމްގެ ޤާނޫނީ ވަކީލު މުޙައްމަދު ވަހީދު (ވައްޑޭ)

23:40 ފުލުހުން މާޒް ސަލީމް ހައްޔަރުކުރީ ޤާނޫނާ ޚިލާފަށް ކަމަށާއި، ލާއިންސާނީ ގޮތަކަށް ކަމަށް އޭނާ ވިދާޅުވޭ. އަދި ކަރުނަ ގޭސް ޖަހާފައިވާ ފުލުހުންގެ ވެހިކަލަކަށް މާޒް ސަލީމް އެރުވި ކަމަށް އޭނާ ވިދާޅުވި.

މާޒް ސަލީމް ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައީ ރައީސް ނަޝީދު ކަމަށް ދައުވާ ނުކުރެވޭނެ ކަމަށާއި، ރައީސް ނަޝީދު މިތަނަށް ގެނައީ އިޖުތިމާއީ ހަމަނުޖެހުން ކަމަށް.

23:37 މިހާރު ވާހަކަދައްކަވަނީ ޕީޕީއެމްގެ މާޒް ސަލީމް. ޑީއާރުޕީގެ އީގަލް ޝަރީފްވެސް މުޒާހަރާއާ ގުޅިއްޖެ. އެދެބުފުޅުން ރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ފަހުން ވަނީ ދޫކޮށްލާފައި.

23:28 މުޒާހަރާގެ ފަހަތުން ކޮންމެވެސް ވަރަކަށް ހަމަނުޖެހުމެއް އެބަހިނގާ. މުޒާހަރާއާ ދެކޮޅު ބަޔަކު އެތަނަށް އައުމުން އުފެދިގެން އުޅޭ ކަމެއް ކަމަށް މައުލޫމާތުލިބޭ.

23:27 މަދަނީ އިއްތިހާދުގެ ޢަބްދުﷲ ގެ ވާހަކަފުޅަށް ފަހު މިހާރު ވާހަކަ ދައްކަވަނީ، ގައުމީ ޕާޓީގެ ނައިބް ރައީސް އިމާދު ޞާލިހް.

އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ސަފީރުގެ އޮފީހަށް ޝަރުއީ ނިޒާމް ރަނގަޅުކޮށްދިނުމަށް ފޮރިން މިނިސްޓްރީން ސިޓީ ފޮނުވާފައިވާ ކަމަށް ބުނެފައިވާތީ އެކަމާމެދު ވާހަކަދެއްކެވި. އިމާދު ވިދާޅުވީ އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ސަފީރު ރާއްޖެ އައިސް ރާއްޖޭގެ ގާނޫނު އަސާސީއެއް އޮންނަކަން ގަބޫލުނުކުރާ ކަމަށް ބުނެފައިވާ ކަމަށާއި، ކޯޓުތަކުން ހައްދުޖަހާތީ އެކަން ގަބޫލުނުކުރާ ކަމަށް. ވުމާއެކު ރާއްޖެއިން ބޭރުން ފަނޑިޔާރުން ގެނެސް ރިޝްވަތުދީގެން އިސްލާމީ ޝަރީޢަތް "ފުނޑާލުމަށް" ޖާގަދީގެންނުވާނެ ކަމަށް އިމާދު ވިދާޅުވި.

23:15 ޑރ. ޖަމީލް : ޤާނޫނުގައި ބުނަނީ ބޭނުން އިރަކު ހިތުހުރިހާ ގޮތަކަށް ގޮސް ގެދޮރަށް ނުވަދެވޭނެ ކަމަށާއި ގަޔަށް އަތްނުލެވޭނެ ކަމަށް. ޤާނޫނު އަސާސީގައި ރައީސަށް ޢަދުލު އިންސާފުގެ ދާއިރާއަށް ބާރުފޯރުވޭނެ ޖާގައެއް ނެތް ކަމަށް. ގައުމަށް ކަންތައްތައް ދިމާވާއިރު ތެދުވާން ޖެހޭނެ ކަމަށް.

23:13 ޑރ. ޖަމީލް : ފުލުހުންނާއި ސިފައިންނަކީ ގައުމަށްޓަކައި ލެއާއި ދާ އޮހޮރުވަން ތައްޔާރަށް ތިބި ބައެއް ކަމަށާއި، އެކަމަށް ޝުކުރުކުރަންޖެހޭ ކަމަށް. އިސްލާމްދީނުގެ ޙިމާޔަތުގައި ތެދުވާން ތައްޔާރަށް ތިބެންޖެހޭ ކަމަށް

23:12 މުޒާހަރާގެ ބައިވެރިން ކުރަމުންދާ މަސައްކަތްތަކަށް އައްސަރިބަހާ ސާބަސް ޑރ. ޖަމީލް ދެއްވައިފި.

23:10 ޑރ. ޖަމީލް ވާހަކަދައްކަވަނީ.

23:06 ޑީއާރުޕީގެ ލީޑަރު ތަސްމީން ވާހަކަދައްކަވަނީ. ވިދާޅުވީ މާދަމާ ގައުމީ ދުވަހާ ކުރިމަތިލާއިރު، ފަރުދީ މިނިވަންކަމާމެދު އެއްވެސް ޔަޤީންކަމެއް ނެތް ކަމަށް. މިރޭވެސް ފުލުހުން ނުވަތަ ސިފައިން ޤާނޫނާ ޚިލާފަށް ހައްޔަރުނުކުރާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް މިއަދުގެ މާހައުލުގައި ނެތްކަމަށް.

23:05 ޤައުމީ ޕާޓީގެ ނައިބް ރައީސް ޑރ. ޖަމީލް ވެސް މުޒާހަރާގެ އިސްސަފާ ގުޅިއްޖެ.

23:04 މިހާރު ވާހަކަދައްކަވަނީ މަޖްލީސް މެންބަރު އިލްހާމް.

23:03 މުޒާހަރާކުރާ މީހުންގެ ޢަދަދު އިތުރުވެއްޖެ. 3000 ވަރަކަށް މީހުން ސަރަހައްދަށް ވަނީ އެއްވެފައި.

23:02 މިހާރު ވާހަކަ ދައްކަވަނީ ޢަދާލަތުގެ ނައިބް ރައީސް ޑރ. މައުރޫފް ޙުސައިން.

22:55 މުޒާހަރާކުރާ ގޮތް ބަދަލުކުރަން ވެއްޖެ ކަމަށް ވިދާޅުވެ، ހަރަކާތްތެރި ފޯރިގަދަ މުޒާހަރާއަކަށް މިމުޒާހަރާ ހެދުމަށް އުމަރު ގޮވާލެއްވި.

22:48 އުމަރު ނަސީރު ވިދާޅުވަނީ ޢަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ސަރުކާރުން އުޅޭހާ ހިނދަކު ސަރުކާރާމެދު ބައިނަލްއަގްވާމީ ދުނިޔޭގައި ދުވަހެއް ދުވަހަކަށް އިތުބާރު ކުޑަވަމުންދާނެ ކަމަށް.

22:45 ޕީޕީއެމްގެ އިންތީޤާލީ ނައިބް ރައީސް އުމަރު ނަސީރު ވާހަކަދައްކަވަނީ.

22:39 ޝައިޚް އިމްރާން ވަނީ ފުލުހުންނަށް ޤާނޫނާ ޚިލާފު އަމުރުތަކަށް ކިޔަމަންނުވުމަށް ތަކުރާރުކޮށް ގޮވާލައްވާފައި.

22:35 މިހާރު ވާހަކަދައްކަވަނީ ޢަދާލަތުގެ ރައީސް ޝައިޚް އިމްރާން. ޕީޕީއެމްގެ އުމަރު ނަސީރުވެސް މުޒާހަރާގެ އިސްސަފާ ގުޅިއްޖެ.

22:31 ފުލުހުންގެ 3 ރޯޑް ބްލޮކް މޫދަށް އުކާލައިފި. ފުލުހުން ދަނީ ކުރިއަށް ޖެހެމުން.

22:28 ފުލުހުން މުޒާހަރާ ރޫޅާލާނެ ކަމަށް އިންޒާރުދޭން ފަށައިފި. ފުލުހުން މުޒާހަރާކުރާ މީހުންނާ ދިމާއަށް ކުރިއަށް ޖެހިއްޖެ.

22:26 މެންބަރު ނިހާން ގޮވާލަމުންދަނީ އެމްއެމްއޭ ކަންމައްޗާ ހަމައަށް ދާން ނައްޓާލުމަށް.

22:20 ސަންދާނު އަހައްމައިދީ ވާހަކަދައްކަވަނީ. ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހަޅާފައިވާ ކަމަށް.

22:18 މަވޯޓާ ޝަރީފް ފުލުހުންނަށް ގޮވާލަމުންދަނީ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޙައްޤުތަކަށް ހުރަސްނޭޅުމަށް

22:12 މަހްލޫފް ވިދާޅުވަނީ ޢަބްދުﷲ ގާޒީ މިނިވަންކުރަންދެން، މާދަމާރޭ ފިޔަވައި ކޮންމެރެއަކު އެމްއެމްއޭ ސަރަހައްދުގައި މުޒާހަރާ ކުރާނެ ކަމަށް.

22:10 ގައުމީ ދުވަހުގެ މުނާސަބަތުގައި، މާދަމާރޭ 21:00 ގައި އާޓިފިޝަލް ބީޗުގައި އިދިކޮޅު ހުރިހާ ޕާޓީއާއި 23 ޑިސެމްބަރު އިއްތިހާދު ގުޅިގެން ޚާއްޞަ އެއްވުމެއް އޮންނާނެ ކަމަށް މަހްލޫފް އަނެއްކާވެސް އިއުލާންކޮށްފި.

22:07 އެސަރަހައްދަށް 1000 ވަރަކަށް މީހުން އެއްވެފައިވޭ. އާންމުން ފުލުހުންގެ ކިބައިން އެދެނީ އެމްއެމްއޭ ކަންމައްޗާ ހަމައަށް ދާން ފުރުސަތު ދިނުމަށް.

22:01 މުޒާހަރާކުރާ މީހުން ދަނީ ޢަބްދުﷲ ގާޒީ މިނިވަންކުރުމަށާއި، ރައީސް ނަޝީދާއި، ޑިފެންސް މިނިސްޓަރާއި، ހޯމް މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލަމުން.

22:00 ޕިކަޕުގައި ސައުންޑް ސިސްޓަމް ހަރުކޮށްފި. މިހާރު ވާހަކަދައްކަވަނީ މަހްލޫފް.

21:55 މިހާރު ވާހަކަދައްކަވަނީ ޑީއާރުޕީގެ ނައިބް ލީޑަރު މަވޯޓާ ޝަރީފް. އޭނާ ވިދާޅުވީ ސަރުކާރުން ވަނީ ޤާނޫނު އަސާސީ "ރޭޕްކޮށްފައި" ކަމަށް. އަދި ޤާނޫނު އަސާސީ "ހައިޖެކްކޮށްގެން" ސަރުކާރުން އުޅޭހާ ހިނދަކު، މުޒާހަރާކުރުން ހުއްޓާނުލާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި. އަދި ސަރުކާރުގެ ލާދީނީ ސިޔާސަތުތައް ކުށްވެރިކޮށް ޝަރީފް ވާހަކަދެއްކެވި.

ހޮނިހިރު ދުވަހުގެރޭގެ މުޒާހަރާގެ ތެރެއިން – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

21:46 މުޒާހަރާކުރާ މީހުން ތިބީ ހުދުކުލައިގެ ހެޑް ބޭންޑް އަޅައިގެން. ލީޑުކުރުމުގައި މަޖިލީސް މެންބަރު ނިހާނާއި، ޑީއާރުޕީގެ ނައިބް ލީޑަރު މަވޯޓާ ޝަރީފާއި، މަދަނީ އިއްތިހާދުގެ ނައިބް ރައީސް ޢަބްދުﷲ މުޙައްމަދާއި އަދިވެސް ބައެއް އެހެން ބޭފުޅުން އެބައުޅުއްވާ.

21:40 މާދަމާރޭ 21:00 ގައި އާޓިފިޝަލް ބީޗުގައި އިދިކޮޅު ހުރިހާ ޕާޓީއަކާއި  ތޭވީސް ޑިސެމްބަރު އިއްތިހާދު ގުޅިގެން ބާއްވާ ބައްދަލުވުމެއް އޮންނާނެ ކަމަށް މަހްލޫފް އިއުލާންކޮށްފި.

21:39 މަޖިލީސް މެންބަރު މަހްލޫފް މުޒާހަރާއާ ގުޅިއްޖެ. މަހްލޫފް ވިދާޅުވި ގޮތުގައި، ލަސްވީ މުޒާހަރާކުރާ މީހުންގެ ޕިކަޕް އަދިވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވުމުގެ ސަބަބުން.

21:34 އާންމުން ދަނީ އެސަރަހައްދަށް އެއްވަމުން. މިރޭ ފުލުހުން ވަނީ އެމްއެމްއޭ ކުރިމަތި ހިފާފައި. ފުލުހުންގެ ބްލޮކް ބަހައްޓާފައި ވަނީ އެމްޓީސީސީ ބިލްޑިންގާ ހިސާބުގައި.

21:27 ސަރުކާރު ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި އިދިކޮޅު 8 ޕާޓީއާއި ތޭވީސް ޑިސެމްބަރު އިއްތިހާދު ގުޅިގެން ސިލްސިލާކޮށް ބާއްވާ މުޒާހަރާ މިރޭވެސް އެމްއެމްއޭ ސަރަހައްދުގައި ފަށައިގެން ކުރިއަށް އެބަދޭ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.