01:00 މާދަމާ ރޭވެސް މުޒާހަރާ ބާއްވާނެކަން އިއުލާން ކުރުމަށްފަހު މުޒާހަރާ ނިންމާލިކަން އިއުލާންކޮށްފި.
00:58 ސްޓާރ ފޯސް ފުލުހެއްގެ ފަޔަށް ގެއްލުމެއް ވެގެން ނަގައިގެން އެބަގެންދޭ. އާންމުންގެ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް އެބަގެންދޭ.
00:55 މުޒާހަރާ ވަނީ ގާތްގަނޑަކަށް އެއްކޮށް ރޫޅާލާފައި. ނަމަވެސް، މަސްމާރުކޭޓަށް ވުރެ ފަހަތުގައާއި އެހިސާބުގެ ގޯޅިތަކުގައި ކޮންމެވެސް ވަރަކަށް މީހުން އެބައުޅޭ.
00:45 ސަރަހައްދު ދޫކޮށްދިއުމަށް ފުލުހުން އިންޒާރުދޭން ފަށައިފި. މާޒް ސަލީމްގެ އިތުރުން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.
00:44 މަސްމާރުކޭޓާ ހަމައަށް އާންމުން ފަހަތަށް ޖައްސައިފި. އެހިސާބުގައި ރަޔަޓު ގިޔަރު ފުލުހުން އެބައުޅޭ.
00:41 މުޒާހަރާ ރޫޅާލަނީ. މާޒް ސަލީމް ހިފަހައްޓައިފި. މިފަހަރު ފުލުހުން ޗާޖުކުރީ އިންޒާރު ދިނުމަކާނުލާ.
00:33 އަނެއްކާވެސް އެމްއެމްއޭ ސަރަހައްދަށް އެއްވެއްޖެ. ލީޑުކުރުމުގައި މަހްލޫފް، މާޒް ސަލީމް އަދި މާލޭ ސިޓީ ކައުންސިލްގެ މެންބަރ މުޙައްމަދު ހަމީދު (ފުލައި) އެބަތިބި.
00:28 އެމްއެމްއޭ ސަރަހައްދުގައި އަދިވެސް ބައެއް މީހުން އެބައުޅޭ. މާލޭ ސިޓީ ކައުންސިލްގެ މެންބަރ މުޙައްމަދު ހަމީދު (ފުލައި) ވެސް އެތަނުގައި އެބަހުންނެވި.
00:18 ފުލުހުން ހުރަސްއެޅުމުން މުޒާހަރާ ކުރާ މީހުން އެނބުރި އަނެއްކާ ވެސް ޗާންދަނީ މައިދާނަށް ދިއުމަށްފަހު މާފަންނަށް މިސްރާބު ޖަހައިފި.
00:10 މުޒާހަރާކުރާ މީހުން މިހާރު ތިބީ އަލިކިލެގެފާނު މަގުގައި. މިސްރާބުހުރީ މުލިއާގެއާ ދިމާއަށް ކަމަށް ބުނޭ. ލީޑްކުރުމަގައި މާޒް ސަލީމް އަދި މަޖްލިސް މެންބަރު އލިހާމް އެބައުޅުއްވާ.
މުޒާހަރާގެ ބައިވެރިންގެ ފަހަތުން ފުލުހުންގެ ވެހިކަލްތައްވެސް އެބަދޭ.
00:04 މުޒާހަރާ ކުރާ މީހުން ޗާންދަނީ މައިދާނުގައި ތިބެފައި މަޖީދީ މަގުން ހެންވޭރާވީ ކޮޅަށް މިސްރާބު ޖަހައިފި.
23:54 މުޒާހަރާކުރާ މީހުން ޗާންދަނީ މައިދާނަށް އެއްވެއްޖެ.
23:50 މުޒާހަރާ ކުރާ މީހުން މިހާރު ވަނީ ޗާންދަނީ މައިދާނަށް މިސްރާބު ޖަހާފައި. ފުލުހުންގެ ވެހިކަލްވެސް މުޒާހަރާ ކުރާ މީހުންގެ ފަހަތުން އެބަދޭ.
23:47 މާލޭ ސިޓީ ކައުންސިލްގެ މެންބަރ މުޙައްމަދު ހަމީދު (ފުލައި) ވިދާޅުވަނީ ސުލްހަވެރިކަމާއެކު ކުރަމުންދިޔަ މުޒާހަރާ ފުލުހުން ރޫޅާލީ ޤާނޫނާ ޚިލާފަށް އަނިޔާވެރިކަމާއެކު ކަމަށް.
23:40 ޑީއާރުޕީގެ އެކްޓިވިސްޓް އީގަލް ޝަރީފް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި.
23:39 މުޒާހަރާކުރާ މީހުން އެމްއެންބީސީ އާ ދިމާއަށް ދަނީ ކަމަށްބުނެ ނައްޓާލައިފި.
23:37 އެމްއެމްއޭ ސަރަހައްދު ފުލުހުން ސާފުކޮށްލައިފި.
23:34 މުޒާހަރާ ކުރާ މީހުން ފަހަތަށް ޖައްސަމުން ގެންގޮސް މަސް މާރުކޭޓާ ހަމައަށް ފަހަތަށް ޖައްސައިފި.
23:32 މުޒާހަރާ ކުރާ މީހުން ގެންގުޅުނު ޕިކަޕާއި ސްޕީކަރުތައް ފުލުހުން ގެންގޮސްފި. އެހެން ރޭތަކާ ޚިލާފަށް މިރޭ މުޒާހަރާ ރޫޅާލާފައިވަނީ ވަރަށް އަވަހަށް.
ބައެއް މީހުން ހައްޔަރުކޮށްފި. ބައެއް މީހުންނަށް ވަނީ އަނިޔާވެސް ވެފައި.
23:30 ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަރަށް ގިނައިން ކަރުނަ ގޭސް ޖަހައިފި. ކަރުނަ ގޭސް ޖެހީ ފުލުފުލުން ތަކުރާރުކޮށް މުޒާހަރާ ރޫޅާލާނެކަމުގެ އިންޒާރު ދިނުމަށްފަހު.
23:24 މުޒާހަރާ ރޫޅާލާނެ ކަމުގެ ފަހުގެ އިންޒާރު އަނެއްކާ ވެސް ފުލުހުން ދީފި. ނަމަވެސް މުޒާހަރާ ކުރާ މީޙުން އަނެއްކާވެސް ދަނީ ކުރިއަށް ޖެހެމުން. ފުލުހުންގެ ސަފުތައް ކުރިމަތީގައި އިށީންނަން ފަށައިފި.
23:22 މުޒާހަރާ ކުރާ މީހުންގެ ތެރެއަށް ވަނުމަށްފަހު ފުލުހުން ފަހަތަށް ޖެހެން ފަށައިފި. ފުލުހުން ކުރިންވެސް ތިބި ތަނަށް ފަހަތަށް ގޮސްފި.
23:20 ފުލުހުން ދަނީ ތަކުރާރުކޮށް އިންޒާރުދެމުން. ފުލުހުން އަންގަމުންދަނީ އާންމުން އެސަރަހައްދު ދޫކޮށްދިއުމަށް.
23:18 މުޒާހަރާގެ ތެރެއިން ބައެއް މީހުން ފުލުހުން ހައްޔަރުކުރަން ފަށައިފި. ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގަމުންދަނީ.
23:16 މުޒާހަރާ ކުރާ މީޙުން ގެންގުޅޭ ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްޓަކައި ފުލުހުންގެ މީހަކު ޕިކަޕް ދުއްވަން އަރައިފި. ނަމަވެސް ޕިކަޕް ކުރިމަތިގައި މުޒާހަރާ ކުރާ މީހުން އެބަތިބި.
23:14 މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެގަންފި.
23:10 ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންވެސް މުޒާހަރާގެ އިސްސަފާ ގުޅިވަޑައިގެންފި.
23:10 މުޒާހަރާ ކުރާ މީހުންނާ ފޫޓެއްހާ ކައިރީގައި މަޑުކޮށްލައިގެން ފުލުހުން އެބަތިބި. މިހާރު މުޒާހަރާގައި ވާހަކަ ދައްކަވަމުން ގެންދަވަނީ ވިލިމަފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން. އޭނާ ވަނީ ފުލުހުން މުޒާހަރާ ރޫޅާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ އެހެން ނުހެދުމަށް ގޮވާލައްވައިފައި. ފުލުހުން ދަނީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަމުން.
23:08 ފުލުހުން ދަނީ އެސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރުދެމުން. މުޒާހަރާއާ ސިޔާސީ އިސްބޭފުޅުންނާއި އާންމުންވެސް ދަނީ އިތުރަށް ގުޅެމުން.
23:04 ސްޓާރ ފޯސް ފުލުހުން ސަންދާނު އަޙައްމައިދީ ހައްޔަރުކޮށްގެން ފުލުހުންގެ މަރުކަޒަށް ގެންދަނީ.
23:02 ސަންދާނު އަހައްމައިދީ ދަނީ ފުލުހުންނަށް ޤާނޫނު އަސާސީ ވިދާޅުވެދެއްވަމުން. އޭނާ ވިދާޅުވަމުންދަނީ ގާނޫނާ ޚިލާފް އަމަލުތައް ނުކުރުމަށާޢި ފުލުހުން މިހާރު އަމަލު ކުރަމުންދަނީ ގާނޫނާއި ޚިލާފަށް ކަމަށް.
22:50 މުޒާހަރާގައި މިހާރު ވާހަކަ ދައްކަވަމުން ގެންދަވަނީ މަޖިލީސް މެންބަރު އަޙްމަދު މަހުލޫފް. މަހުލޫފް ވިދާޅުވަނީ 2013 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް. އަދި
ފުލުސްކޮމިޝަނަރު ފަސީހުގެ ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަން ނުވުމަށް މަހްލޫފު ވަނީ ދިވެހި ފުލުހުންނަށް ގޮވާލާފަ.
22:46 ފުލުހުން އިންޒާރު ދޭން ފަށައިފި. ފުލުހުން އިންޒާރު ދެމުންގެންދަނީ ކުރިން މަޑު ކޮށްގެން ތިބި ހިސާބަށް ފަހަތަށް ޖެހުމަށް.
22:40 ފުލުހުންގެ ސަފުތައް ރޫޅާލުމަށްފަހު މުޒާހަރާ ކުރާ މީހުން ކުރިއަށްދާން ފަށައިފި. މުޒާހަރާކުރާ މީހުންވަނީ އެމްއެމްއޭ ކަންމައްޗާއި ހަމައަށް ގޮސްފައި. އެމްއެމްއޭ ކަންމައްޗާ ހަމައަށް ދެވޭގޮތް ހެދުމަށް މީގެ ކުރިން ވަނީ ޑިމާންޑުވެސް ކޮށްފައި.
22:35 މިރޭގެ މުޒާހަރާގައި މައިގަނޑު 3 ކަމަކަށް ދަނީ ޑިމާންޑުކުރަމުން. އެއީ އެމްއެމްއޭ ކަންމައްޗާ ހަމައަށް މުޒާހަރާގެ ބައިވެރިންނަށް ދެވޭގޮތް ހެދުން، ފުލުސް ކޮމިޝަނަރ ފަސީހާ ބައްދަލުކުރުން އަދި ސިފައިން ލައްވާ ޤާނޫނާ ޚިލާފަށް ސަރުކާރުން ހައްޔަރުކުރުވާފައިވާ ޢަބްދުﷲ ގާޒީ މިނިވަންކުރުން
22:33 މިހާރު ވާހަކަ ދައްކަވަނީ ވިލިމާފަންނު ދާއިރާގެ މެންބަރު ނިހާން
22:10 މިހާރު ވާހަކަދައްކަވަނީ ޑީއާރުޕީގެ ނައިބް ލީޑަރު ޝަރީފް
22:06 އެމްޓީސީސީ ބިލްޑިންގ ކައިރީގައި މުޒާހަރާ ކުރާ ފަރާތްތަކުން ތިބިއިރު ފުލުހުންގެ ސްޓާ ފޯސް ޖުމްހޫރީ މައިދާނުގައި އިށީނދެލައިގެން އެބަތިބި. އަދި މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ.
22:01 ޤައުމުގެ ޙާލަތު މީޑިއާއިން ފެންނަންޖެހޭނެ ކަމަށް މީޑިއާ ކައުންސިލްގެ ރައީސް ނަޒީފް ވިދާޅުވެއްޖެ. ނަޒީފް ވިދާޅުވީ ގައުމު ހަމައަކަށް އެޅި މީޑިއާވެސް ހަމައަކަށް އެޅެންޖެހޭ ކަމަށް. (ވީޓީވީގައި)
22:00 މުޒާހަރާގެ ބައެއް ބައިވެރިން ތިބީ އެކި ޝުއޫރުތައް ހިމެނޭ ބޯޑުތައް ހިފައިގެން. އެގޮތން "ޖުޑީޝަރީއަށް ބިރުދެއްކުން ހުއްޓާލާ" ، "ޑިކްޓޭޓަރޝިޕަށް ނޫނޭ" "ހިޓްލަރަށް ނޫނޭ، މުގާބޭއަށް ނޫނޭ، އަންނިއަށް ނޫނޭ" ފަދަ ޝުއޫރުތައް ހިމެނޭ.
21:53 މިސަރުކާރަކީ ބަޔަކު ބިރުގަންނަވަރުގެ ސަރުކާރެއް ނޫން ކަމަށާއި، މިސަރުކާރަކީ ގާބިލުކަމެއް ނެތް، ބަލިކަށި ސަރުކާރެއް ކަމަށް ޤައުމީ ޕާޓީގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވެއްޖެ.
ޖަމީލް ވިދާޅުވީ، ރައީސް ނަޝީދަކީ ޑިމޮކްރެސީއަށް ލޯބި ކުރާ ބޭކަލެއް ނޫން ކަމަށާއި އެބޭފުޅާއަކީ އަމިއްލަ ފައިދާއަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށް. އަދި ވިދާޅުވީ ކުރިއާއި ޚިލާފަށް މިހާރު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެބައޮތް ކަމަށާއި އެހެންކަމުން އެފުރުސަތު ހުރިހާ ފަރާތްތަކަށްވެސް ލިބިދޭންޖެހޭނެކަމަށް. އަދި ރާއްޖޭގެ ހާލަތު މިހާރު އޮތީ އަމީން ދީދީގެ ދައުރުގައި ކަންތައްތައް އޮތް ގޮތަށްކަމަށްވެސް ޖަމީލް ވިދާޅުވި.
(ދިޓީވީގައ)
21:48 މިހާރު ވާހަކަ ދައްކަވަނީ ޕީޕީއެމްގެ ކައުންސިލް މެންބަރު ޞިއްދީޤް
21:45 ސަރުކާރު ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި އިދިކޮޅު 8 ޕާޓީއާއި ތޭވީސް ޑިސެމްބަރު އިއްތިހާދު ގުޅިގެން ސިލްސިލާކޮށް ބާއްވާ މުޒާހަރާ މިރޭވެސް އެމްއެމްއޭ ސަރަހައްދުގައި ފަށައިގެން ކުރިއަށް އެބަދޭ.
މިހާރު ވާހަކަ ދައްކަވަނީ ޕީޕީއެމްގެ މާޒް ސަލީމް

ކޮމެންޓް (0)
ލޯޑް ކުރަމުން...