ރަޝިއާގެ ދާޚިލީ ކަންތަކުގެ ތެރެއަށް ނުވަނުމަށާއި އެއްވެސް ބާވަތެއްގެ އިންޤިލާބެއް ގެންނަން މަސައްކަތް ނުކުރުމަށް ބޮޑުވަޒީރު ލަޑީމިއަރ ޕޫޓިން ގޮވާލައްވައިފިއެވެ.
ކުރިޔަށްއޮތް ރަޝިއާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެޤައުމުގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު ޕޫޓީން، އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި ގަދަބާރުން ޑިމޮކްރަސީ އެކްސްޕޯޓްކޮށްގެން ބައެއްޤައުމުތައް ހަލާކުކުރުމަށް ބޭރުގެ ފަރާތްތަކަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިކަން މިހާތަނަށް ތަޖްރިބާކޮށްފައިވާ ޤައުމުތައްވަނީ ހަލާކުގެ ތެރޭގައި ކަމަށާއި ރަޝިއާގައި އެކަން އެގޮތަށް ކުރުމުގެ ފުރްސަތު ދެވިގެންނުވާނެ ކަމަށް ޕޫޓިން ލިޔުއްވާފައިވެއެވެ.
ޕޫޓިން ވިދާޅުވިގޮތުގައި ރަޝިއާގައިހުރި މައްސަލަތައް ޙައްލުކުރަންޖެހޭނީ ވާހަކަދައްކައިގެން ސުލްޙަވެރިގޮތުގައެވެ. އެނޫންގޮތަކަށް ޑިމޮކްރަސީގެ ނުވަތަ އިންސާނީ ޙައްޤުތަކުގެ ނަމުގައި ސިޔާސީ ގަޑުބަޑުތައް ރަޝިއާގައި އުފެއްދުމުގެ ފުރްސަތު ރަޝިއާގެ ރައްޔިތުން ނުދޭނެކަމަށް ޕޫޓިން ވިދާޅުވެފައިވެއެވެ.
ޕޫޓިންގެ އަމިއްލަ ބްލޮގްގައި މިމޭރުމުން އޭނާގެ ލިޔުއްވާފައިވަނީ ރަޝިއާގެ ރިޔާސީ އިންތިޚާބު ގާތްވަމުން އަންނައިރު އޭނާއަށް ތާއީދުކުރާ ފަރާތްތަކާއި އިދިކޮޅުފަރާތްތަކާ ދެމެދު ބަހުގެ ޙަމަލާތައް ބަދަލުކުރަމުން ގެންދާ ވަގުތެއްގައެވެ.
ޕޫޓިން ޚުދުމުޚްތާރު ގޮތެއްގައި ނުފޫޒު ބޭނުންކުރައްވާ ކަމަށް އިދިކޮޅުފަރާތްތަކުން ތުހުމަތުކުރާއިރު ބޭރުގެ ބައެއްޤައުމުތަކާ ބައިވެރިވެގެން ރަޝިއާގެ އެތެރޭގައި ގަޑުބަޑު އުފައްދައި ހަމަނުޖެހުން ހިންގަން މަސައްކަތްކުރާ ކަމަށް ޕޫޓިންގެ ސަޕޯޓަރުން އިދިކޮޅުފަރާތްތަކުގެ މައްޗަށް ކުރަމުންގެންދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...