އަޅުގަނޑުމެންގެ ތެރޭގައި މިހާރަކަށް އައިސް މިދެކެވޭ ވާހަކަތަކަށް ބަލާ އިރު އެންމެ ހޫނުކޮށް ދެކެވޭ އެއްވާހަކައަކީ ޝަރުޢީ ނިޒާމާ ބެހޭ ވާހަކައެވެ. ބައެއް ފަރާތްތަކުން މި ނިޒާމަށް ފާޑު ކިޔަމުން ދާއިރު، އަނެއް ބަޔަކު މަސައްކަތް ކުރަމުން ދަނީ މި ނިޒާމަކީ ތަންފީޒު ވެގެން ޥާނެ ނިޒާމެއް ނޫންކަމަށް ވަކާލާތު ކުރަމުންނެވެ. މި ފަދަ ވަގުތެއްގައި، އެބައިމީހުން އެދައްކާ ވާހަކަ ތަކަކީ ކިހާ ބުރަދަނެއް ހުރި ވާހަކަ ތަކެއްތޯ ބަލާލުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ޝަރީޢަތަށް ފާޑު ކިޔާމީހުން މިއީ މުސްކުޅި ޝަރީޢަތެއް ކަމަށް ނުވަތަ ޒަމާނަށް ނުފެތޭ ޝަރީޢަތެއްކަމަށް ދައުވާ ކުރެއެވެ. ނަމަވެސް ފާހަގަކޮށްލަންޖެހޭ ނުކުތާއަކީ މިހެން ބުނާއެއްވެސް ފަރާތަކަށް މިކަން ސާބިތު ކޮށްދެވިފައިނުވާ ކަމެވެ. އަދި ކީއްހެއްޔެވެ. މިއީ ހަމައެކަނި އެބައިމީހުންގެ ދުލުން ބޭރުވާ ބަސްތަކެކެވެ. މި ނުކުތާގެ ތެރެއަށް އިތުރަށް ފީނާލަމާތޯއެވެ. އިސްލާމީ ޝަރީޢަތަކީ މުސްކުޅި ނުވަތަ ޒަމާނަށް ނުފެތޭ ޝަރީޢަތެއްނަމަ، އިސްލާމީ ޝަރީޢަތުގައި ހިމެނޭ ބައިތައް (މިސާލަކަށް މަރުގެ ޙުކުމް) ހުޅަނގުގެ ޤައުމުތަކުގައި ތަންފީޒުވަމުން ދަނީ ކީއްވެގެންތޯއެވެ. އަދި މިކަން އެބައިމީހުން ކުއްވެރި ނުކުރަނީ ކީއްވެގެންތޯއެވެ. ފަހަރުގައި އެއިން ބޭފުޅަކު ވިދާޅުވެދާނެއެވެ. މުސްކުޅި އޭ މިބުނަނީ ތީ މާކުރިން ބާވާ ލެއްވި ޙުކުމަކަށް ވާތީއެވެ. ނުވަތަ މާ ކުރިންސުރެ ތަންފީޒުވަމުން އަންނަ ކަމަކަށް ވާތީއެވެ. މީގެ ރައްދު ޖަބާވަކަށް އަޅުގަނޑުމެންގެ އާންމު ދިރި އުޅުމުން މިސާލެއް ނަގަމާތޯއެވެ. އާދެ! ދަތް އުނގުޅުމަކީވެސް ވަރަށް ކުރިންސުރެ އޮތް އާދައެކެވެ. ނަމަވެސް އޭގެ މާނައަކީ ތިޔައީ މާ މުސްކުޅި އާދައެކޭ ބުނެ ދަތް އުނގުޅުން ދޫކޮށްލުން ތޯއެވެ؟
ފަހަރުގައި ވިދާޅުވެދާނެއެވެ. ޝަރުޢީ ނިޒާމު ތަންފީޒު ކުރަން ތިއްބެވި ފަނޑިޔާރުންނަކީ އިންސާފުވެރި ފަނޑިޔާރުންނެއް ނޫނެވެ. ރިޝްވަތު ހިފާ، ބޭއިންސާފުވެރީންނެވެ. މިވާހަކައަށް ދަންނަވާލަން ޖެހެނީ ޝަރުއީ ނިޒާމު ތަންފީޒު ކުރަން ތިބި މީހުންގެ މައްސަލައަކީ ޝަރީޢަތުގެ މައްސަލައެއްނޫން ކަމެވެ. އެފަދަ ކަންކަންޖެހޭނީ ޝަރުޢީ ދާއިރާގެ ތެރެއިން ރަނގަޅު ކުރާށެވެ. ގާޒީންނަކީ ވަކި ފަރާތަކަށް ޖެހިފައިވާ ބައެކޭ ދަންނަވާއިރު، ކޯޓު ތަކުގައި ކަންހިނގާފައިވާ ގޮތް ދިރާސާ ކުރެވިފައި އޮތުން މުހިންމު ކަމަށް ފެނެއެވެ. އެހެނީ އިސްލާމީ ޝަރީޢަތް މިތާ ކުރިން ޤާއިމް ކުރެވިފައި ނެތުމުގެ ސަބަބުން، ކުއްވެރިންނަކީ ވެރީން ކަމުގައި ވެއްޖެއެވެ. މިހެން ދިމާވާން މެދުވެރިވި މައިގަނޑު ސަބަބަކީ އެ މީހުންނަށް އެކަށިގެންވާ އަދަބެއް ނުދެވުމާއި، މާފު ކުރުމުގެ ބާރު އޮންނަންވީ ފަރާތްނޫން އެހެން ފަރާތެއްގެ އަތުގައި އޮތުމުންނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މި ބައިމީހުން މަގުތައް މަތީގައި އަތްގަދަކޮށް، ދައުވާ ކުރި ފަރާތަށް ހަމަލާތައް އަމާޒުކުރުމެވެ. އަދި އެމީހުންނާ ދެކޮޅަށް ހެކިބަސް ދިން މީހުންނާވެސް ދިމާ ކުރުމެވެ. ނަތީޖާއަކަށް ވެގެން ދިޔަކީ ހެކިބަސް ދޭނޭ މީހުން މަދުވުމެވެ. ނުވަތަ ތިމާ އަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ވުމަށްޓަކައި ހެކިބަސް ދިނުމުން އެއްކިބާ ވުމެވެ. މިހުރިހާ މައްސަލަތަކެއްގެ އަސްލަކީ އިސްލާމީ ޝަރީއަތް އިހުގައި ޤާއިމް ކުރެވިފައި ނުވުމެވެ.
ފަހަރުގައި ވިދާޅުވެދާނެއެވެ. ދޮގު ހެކި ދީފާނެތީ އިސްލާމީ ޝަރީއަތް ޤާއިމް ކުރާކަށް ނުވާނެއެވެ. މިބައިމީހުންގެ މިސާލަކީ ހަނގަޑުން ތަންކޮޅެއް ކަފާލާފާނެތީ އޮޕަރޭޝަން އެއް ނުކުރާން ހުރި ބައެއް ގެ މިސާލެވެ. އެންމެ ފަހުން އެ އޮޕަރޭޝަން ނުކުރުމުގެ ސަބަބުން އެބައިމީހުންގެ ހާލު ބޮޑުވެދެއެވެ. ދޮގު ހެކި ދިނުމުގެ މައްސަލައާމެދު އަޅުގަނޑު ދަންނަވަން އޮތީ، ދޮގު ހެކި ދިންކަން ސާބިތު ވެއްޖެނަމަ، ޙާކިމަށް ތައުޒީރު ކުރުމުގެ އިޚްތިޔާރު ލިބިގެން ވާކަމެވެ. އޭރުން ދޮގުހެކި ދިނުން ﷲ ގެ އިރާދަފުޅާއެކު ހުއްޓިދާނެއެވެ.
ބައެއް ފަރާތްތަކުން ތަކުން ވިދާޅުވެދާނެއެވެ. އިސްލާމީ ޝަރީޢަތަކީ އަނިޔާވެރި، ޝަރީޢަތެކެވެ އެއީ އިންސާނީ ޙައްޤުތަކަށް އަރާގަންނަ ޝަރީޢަތެކެވެ. ޖަވާބުގައި ދަންނަވަމެވެ. އިސްލާމީ ޝަރީއަތަކީ، އަނިޔާވެރި ޝަރީޢަތެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ. އެއީ އިންސާނީ ޙައްޤުތައް ސަލާމަތްކުރާ ޝަރީޢަތެކެވެ. އަޑު އައްސަވާށެވެ. މިސާލަކަށް ޑޮކްޓަރަކު މީހެއްގެ ފުރާނަ ސަލާމަތްކުރަން އޮޕަރޭޝަނެއް ކޮށްގެން ތަނެއް ކަފާލަން ޖެހިއްޖެ ނަމަ، އެކަން ކުރައްވާނެއެވެ. ބަލާ މީހަކަށް ހީވެދާނެއެވެ. ޑޮކްޓަރަކީ ހާދަ އަނިޔާވެރިއެކެވެ. ނަމަވެސް މިކަމުގެ ތެރެއަށް އިތުރަށް ފީނާލުމުން އޭނާ އަށް އިޙްސާސް ވެގެންދާނީ ޑޮކްޓަރު އެކުރީ ރަނގަޅު ކަމެއްގޮތުގައެވެ. ސަބަބަކީ އެކަން އެހެން ނުކުރި ނަމަ، ބަލިމީހާ މި ދުނިޔެ ދޫކޮށް ހިނގައިދާނެތީއެވެ. ހަމަ މިބީދައިން، މިސާލަކަށް މީހުން ފޮރުވާފައިވާ މުދާ ވަގަށް ނަގާ މީހެއްގެ އަތް ކެނޑުމަކީ، މި ވައްކަމުގެ ބަލި މުޖްތަމައުން ނައްތާލެވޭނެ އޮޕަރޭޝަނެވެ. މަޤްތޫލުގެ ވާރިޘުން އެދިއްޖެ ޙާލެއްގައި ޤާތިލު މަރާލުމަކީ، ގަސްދުގައި މީހުން މަރާ ބަލިން މުޖްތަމައުން ސަލާމަތް ވެވޭނެ ސަބަބެވެ. މީހުންނާ އިނދެ އެކަމުގެ ތަޖުރިބާ ކުރުމަށްފަހު، ޒިނޭ ކުރާމީހުން ރަޖަމު ކުރުމަކީ، މުޖްތަމުގައި ދަރިފަސްކޮޅު އޮޅުމާއި، އެއިޑްސް ފަދަ ބަލިތަކުން މުޖްތަމައު އަމާންވެގެންދާނެ ކަމެކެވެ. ދަންނަވަންތޯއެވެ. އިސްލާމީ ޝަރީޢަތް ޤާއިމް ކުރުމުން، އެންމެހާ ފާޙިޝް ކަންކަން ދާނީ ދުވަހަކުން ދުވަހެއް މަދު ވަމުންނެވެ. މިއީ ޚުއްދް އަޅުގަނޑުމެންގެ ޤައުމު ތަޖުރިބާކޮށްފައިވާ ކަމެކެވެ. ނިކަން ބައްލަވާށެވެ. އަމީން ދީދީ ގެ ދައުރުގައި ވައްކަން ކުރިމީހެއްގެ އަތް ކެނޑުމަށްފަހު، ބިންމައްޗަށް ވެއްޓިފައިވާ ކާށި ނުނަގާ ދުވަސްވުމުގެ ސަބަބުން ރުއް ފަޅާގެން ދިޔަވާހަކަ އަކީވެސް އަޑު އަހާފައިވާ ވާހަކައެކެވެ. އެހެންނާ އެޒަމާނަކީ ރުއް ދަށަށް ވެއްޓިފައިވާ ކާށި ނެގުން ގިނަ ޒަމާނެކެވެ. ނިކަން ބައްލަވާށެވެ. އަދި އިޙްސާސް ކުރައްވާށެވެ. ހަމަކަށަވަރުން އިސްލާމީ ޝަރީޢަތް ޤާއިމް ކުރުމުމަކީ މުޖްތަމައުގައި އާންމުންނަށް ލިބުނު ރައްކާތެރިކަމެއް ކަމުގައި ނޫނީ ނުވެއެވެ.
ވުމާއެކު، އަޅުގަނޑު އެދެނީ، މި ބިލް މަޖްލީހުން ފާސްވެ، އިސްލާމީ ޝަރީޢަތް ވީ އެންމެ އަވަހަކަށް މި ޤައުމުގައި ޤާއިމް ވުމެވެ.
މިއީ މި ލިންކްގައިވާ ލިޔުމަށް ރައްދެއްގެ ގޮތުން ލިޔެވިފައިވާ ލިޔުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...