ލީބިއާގައި ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަމުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުން ގުޅިގެން ސަރުކާރަށް ފިއްތުން ކުރިމަތިކުރުމަށްޓަކައި ހިފެހެއްޓި ލީބިއާގެ މިލްކިއްޔާތުގެ 150 ބިލިއަން ޑޮލަރުގެ ތެރެއިން 20 ބިލިއަން ޑޮލަރު ލީބިއާގެ އާ ސަރުކާރާއި ހަވާލުކޮށްފިއެވެ.
ގައްޒާފީގެ ވެރިކަމުގައި ލީބިއާ ސަރުކާރާ ދެކޮޅަށް ކުރިމަތިކުރި ފިއްތުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ލީބިއާގެ ވަގުތީ ސަރުކާރުގެ ހާރިޖީ ވަޒީރު އާޝޫރު ބިން ހައްޔާލް ވިދާޅުވި ގޮތުގައި ހިފަހައްޓާފައިވާ ފައިސާގެ ތެރެއިން 20 ބިލިއަން ދޫކޮށްފައިވަނީ އެމެރިކާ އާއި ފަރަންސޭސިވިލާތާއި ޔޫރަޕްގެ އެހެން ގައުމުތަކުން ކަމަށެވެ.
މިފައިސާތައް ދޫކޮށްލާފައި މިވަނީ ލީބިއާގެ މުވައްޒަފުންނަށް މުސާރަ ހަމަނުޖެހިގެން އެގައުމުގެ އާ ލީޑަރުން ކަންބޮޑުވެފައި ވަނިކޮށެވެ.
ގައްޒާފީގެ ޒަމާންވީ ވެރިކަމަށްފަހު ލީބިއާ ޑިމޮކްރަސީއާއި ދިމާއަށް އަމާޒުވަމުންދާއިރު ގައްޒާފީގެ ވެރިކަން ވައްޓާލުމުގައި މުހިންމު ދައުރެއް އަދާކުރި ކުރީގެ ހަނގުރާމަވެރިންގެ ހިޔަނި ވަނީ އާ ސަރުކާރަށް އެޅިފައެވެ. އެ ގްރޫޕްތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެފައިވާއިރު ސަރުކާރުގެ 40 ޕަސެންޓް ހޯދަން އެމީހުން ދަނީ ބާރު އަޅަމުންނެވެ.
ލީބިއާގައި ހިނގަމުންދާ މި ހަމަނުޖެހުންތަކާ އެކު އެގައުމު ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ އިންޒާރު ބައެއް ފަރާތްތަކުން ވަނީ ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...