އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ހަމަލާދިން ހާދިސާއަށް ނުވަ އަހަރުވުން ފާހަގަކުރުމުގެ ގޮތުން އެދުވަހު ޤުރުއާން އެންދުމަށް އެމެރިކާގެ ފަށްޅިއަކުން މީސްތަކުންނަށް އަންގަމުން އެބަ ދެއެވެ. ފޮލޮރިޑާގައި ހުންނަ ދަ ޑޯވް ވޯލްޑް އައުޓް ރީޗް ސެންޓާ ނަމަކަށް ކިޔާ މި ފައްޅިން އިއްޔެ ވަނީ ފޭސްބުކުގައި އެ ހަރަކާތް ޕްރޮމޯޓުކުރުމުގެ ގޮތުން ޕޭޖެއް ހުޅުވައިފައެވެ. ނަމަވެސް މިހާތަނަށް އަދި މި ޕޭޖަށް ވަނީ މާބޮޑު ތާއީދެއް ނުލިބިފައެވެ.
ފަށްޅީގެ އެންމެ އިސް ފަރާތްކަމުގައިވާ ޓެރީ ޖޯންސް، މީގެ ދުވަސްކޮޅެއްކުރިން ވަނީ "އިސްލާމް އިސް އޮފް ދަ ޑެވިލް"ގެ ނަމުގައި ފޮތެއްވެސް ލިޔެ ޝާއިއު ކޮށްފައެވެ. އަދި ހަމަ އެ ނަން ޖަހާފައިވާ ޓީޝާޓުތަކެއްވެސް އެ ފައްޅީގެ ފަރާތުން ދަނީ ބަހަމުންނެވެ. މީނާ ހާމަކުރާގޮތުގައި 11/ 9ގެ ހާދިސާގެ ޒިންމާވެރިއަކީ އިސްލާމްދީނާއި، އިސްލާމީ ޝަރީއަތެވެ.
"އަހަރުމެން ޤުރުއާން އަންދާނަން. އަހަންނަށް ހީވަނީ މިހާރު މީ ނަޞާރާއިންނާއި، ފައްޅިތަކުންނާއި، ސިޔާސީ މީހުންވެސް އިސްލާމް ދީނާއި އިސްލާމީ ޝަރީއަތާ ދެކޮޅަށް ތެދުވަންވީ ވަގުތުހެން" ޓެރީ ޖޯން ހާމަކުރިއެވެ. އަދި އޭނަ އިތުރަށް ހާމަކުރިގޮތުގައި އެމެރިކާގައި އިސްލާމްދީނަކަށް އެއްވެސް ޖާގައެއް ނެތެވެ. " އަހަރުމެންނަށް އެކި ޖަމާއަތްތަކުން އެތަށް ފަހަރަކު މަރުގެ އިންޒާރުވެސް އަތުވެއްޖެ. އެކަމަކު އަހަރުމެންނަކަށް އެއާ ދެކޮޅަކަށް އެއްވެސް ކަމެއް ނުކުރެވުނު. އަހަންނަށް ހީވަނީ އެމީހުންނާ ދެކޮޅަށް ކޮންމެވެސް މީހަކު ތެދުވަން ވެއްޖެހެން" އޭނަގެ ވާހަކަ ކުރިޔަށް ގެންދަމުން ހާމަކުރެއްވިއެވެ.
ފައްޅިން ކުރުމަށް ރާވައިފާ މިވާ ހަރަކާތްތަކާ ދެކޮޅަށް މިހާރުވެސް ދަނީ ބައެއް ހަރަކާތްތަށް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން ދަ ނޭޝަނަލް އެސޯސިއޭޝަން އޮފް އެވަންޖެލިކަލްސް ކިއާ ޖަމްއިއްޔާއަކުން ވަނީ، އެ ހަރަކާތް ހުއްޓާލުމަށް އަޑު އުފުލާފައެވެ. އަދި އެކަން އަދިވެސް ކުރިޔަށް ގެންދާ ނަމަ އެމެރިކާގެ އެކި ސަރަހަށްދުތަކުގައި މުޒާހަރާތަށް ކުރިޔަށް ގެންދިޔުމަކީވެސް ވަރަށް ގާތް ކަމެކެވެ.
މުސްލިމުންނާ އޮތް ހަސަދަވެރިކަމެއްގެ ސަބަބުން ޤުރުއާން އެންދުމަށް ފަށްޅިތަކުން ނިންމި ނަމަވެސް އިންޖީލުގައިވެސް އޮންނަނީ ބަދަލު ނުހިފުމަށެވެ. އެމީހުން އަތުގައި މިހާރުވާ ބައިބަލްގައިވާ ގޮތުންނަމަ މީހަކު ގޯސްކަމެއްކުރިޔަސް އޭނާއާމެދު ގޯސްކޮށް އޭގެ ބަދަލުގައި އަމަލުކުރުމެއް ނެތެވެ. އޮތީ އެކަކު އަނެކަކަށް އޯގާތެރިވުމެވެ. މިހެންކަމުން ފަށްޅިތަކުންވެސް އެމީހުން އެބުނާ ކަލާންގެ ބަސްފުޅުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާކަން މިދަނީ ވަރަށް ސާފުކޮށް ހާމަވަމުންނެވެ.
މިހާތަނަށް މުސްލިމުންނާ ދެކޮޅަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރާ މިފަދަ ކޮންމެ ކަމެއްގެ ސަބަބުން މުސްލިމުންނަށް ނިކަމެތިކަން ލިބުމުގެ ބަދަލުގައި ކޮންމެ ފަހަރަކުވެސް އަންނަނީ ނަސްރު ލިބެމުންނެވެ. ހައްޤާއި ބާޠިލް ކަނޑައެޅިގެން ސާފުކޮށް އެންމެނަށް ހާމަވެ، އެނގެމުންނެވެ. އަދި ދުވަހަކަށްވުރެއް ދުވަހެއް އިސްލާމް ދީނަށް ވަންނަމުން އަންނަ މީހުންގެ އަދަދުވެސް އިތުރުވަމުންނެވެ. މާތްﷲ ޤުރުއާނުގައި ކީރިތި ޤުރުއާން ރައްކައުތެރިކުރަށްވާނެކަމަށް ވަނީ ވައުދުވެ ވޑައިގެންފައެވެ. އެހެންކަމުން ނަޞޯރާއިނާއި ޔަހޫދީން ކުރާ މިފަދަ އެއްވެސް ކަމަކުން، އިންޝާﷲ މުސްލިމުންނަކަށް އެއްވެސް ނިކަމެތިކަމެއް ލިބިގެންނެއް ނުދާނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...