ރިޕޯޓް މުޒާހަރާ އާއި ކުޑަ ކުދިން؟

މުޒާހަރާ އާއި ކުޑަ ކުދިން؟

މުޒާހަރާ އާއި ކުޑަ ކުދިން؟

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އިސްލާމްދީން ޙިމާޔަތް ކުރުމުގެ ގޮތުން 23 ޑިސެމްބަރ 2011 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި މުޒާހަރާ(ސުލްހަވެރިކަމާއި އެކު އަޑުއުފުލުމަށް އެއްވި އެއްވުން) އަކީ މިހާތަނަށް ރާއްޖޭގައި  ބޭއްވި އެންމެ ބޮޑު އެއްވުން ކަމަށް މިހަބަރު ތައް ގެނެސްދިން މީޑިޔާގެ ގިނަ ފަރާތް ތަކުން އެއްބަސްވެއެވެ. ކުޑަކުދިންނާއ ޒުވާނުންނާއި އުމުރުން ދުވަސްވީ ގިނަ ބަޔަކު  އިސްލާމްދީނަށްޓަކައި މި ބޮޑު މުޒާހަރާގައި ޢަމަލީގޮތުން ބައިވެރިވަމުން ދިޔައެވެ. މިއީ އަޅުގަނޑުމެންގެ ލޯތަކަށް ފެނުނު މަންޒަރެވެ. ހިތް ތަކަށް ފިނިކަން ގެނެސްދިން މަންޒަރު ތަކެކެވެ. ޚާއްސަ ކޮށް ވެރިރަށް މާލޭގައި  ސުނާމީ ސަރަޙައްދުގައި ފޯރިއާއި ޖޯޝުގައި ، 8 ގަޑި އިރުގެ ދިގުމުއްދަތަށް ދެމިގެން ދިޔަ މުޒާހަރާ ނުވަތަ އެއްވުމުގައި ކުދިބޮޑު އެތައްބަޔަކު ތިބިތަން ފެނުމުން އަދިވެސް ދިވެހިންގެ ގިނަ ހިތްތަކެއްގައި އިސްލާމީ ޢަޤީދާ ބިންވަޅު ނެގިފައިވާ ވަރު ކަށަވަރުވަމުން ދިޔައެވެ.  މި ދީބުގެ އެއްވެސް ދިވެއްސެއްގެ އިސްލާމީ ޢަޤީދާ އަށް ލޮޅުމެއް އަރާތަން ދެކެން ބޭނުން ނުވާކަން އެ އެންމެންގެ އެއްވުމުން ދޭހަވެގެން ދިޔަ އެވެ.

       މިމަންޒަރު ފެނި އުންމީދުގެ ހުޅުކޮޅު ހިތުގައި ނަށަމުން ދަނިކޮށް ފެނުނީ "ބޭފުޅަކު" ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. ކުޑަކުދިންނާއި މެދު ސަމާލުވެ "ސިޔާސީ މުޒާހަރާ" ތަކުގައި ކުޑަކުދިން ބައިވެރިނުކުރުމަށާއި އެކުދިން  މުޒާހަރާ އާއި ތަޅާފޮޅުން ތަކާއި ދުރުގައި ތަރުބިއްޔަތު ކުރުމަށާއި ސިޔާސީ ކަންކަމާއި ކުޑަކުދިން ގުޅުވުމަކީ މައްސަލައެއްކަމުގައި ބަޔާންކޮށް ލިޔުއްވާފައިވެއެވެ. "ޅަފުރާގައި ކުރާ ކަންތައްތަކާއި ސްކޫލް ދައުރުގައި ލިބެން ޖެހޭ ތަރުބިއްޔަތަކީ މުޒާހަރާގެ ތަރުބިއްޔަތެއް ނޫން ކަމަށާއި އުފާވެރިކަމާއި ހަމަޖެހުމުގެ ތަރުބިއްޔަތު" ކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.

       މިއީ ހައްތާވެސް ރަނގަޅު، އާންމުކޮށް އެންމެން ވެސް އެއްބަސްވާނެ ވާހަކަތަކެކެވެ. އެކަމަކު މިވާހަކަތައް ލިޔުއްވި އިރު ވަރަށްބޮޑެތި ޙަޤީޤަތް ތަކެއްގެ މަތިން ހަނދުމަނެތިގެން ގޮސްފައިވާކަން ގަބޫލު ކުރަށްވަން އެބަޖެހެއެވެ. ކުޑަކުދިންނަށް ލިބެން ޖެހޭ އުފާވެރި ކަމާއި ހަމަޖެހުމުގެ ތަރުބިއްޔަތަކީ އިސްލާމީތަރުބިއްޔަތުކަމެވެ. އިސްލާމީ ވާހަކަ ތަކާއި ދީނުގެ ގޮވާލުން ތަކާއި ﷲ އާއި ރަސޫލާގެ އެންގެވުން ތަކަށް ޢަމަލު ކުރުމުގެ ވާހަކަ ދައްކާ، މި ބިމުގައި އިންސާނާ އުޅޭ ޙަޤީޤީ ބޭނުން އެންމެ ކުޑަ އިރުއްސުރެ އަންގަދޭން ޖެހޭކަމާއި އިސްލާމްދީނުގެ ޢަޤީދާ އާއި ޚިލާފުވާނަމަ ދެން ކުރިމަތިލާން ޖެހޭނެ ކަންތައްތަކާއި މެދު ހޭލުން ތެރިކުރުމަކީ މުސްލިމެއްގެ ގޮތުގައި ކުއްޖާ ބޮޑުވެ އުމުރުގެ ދުވަސްތައް ހޭދަކުރަން އެދޭނަމަ އެ ކުއްޖާގެ ޙައްޤުގައި ކޮންމެހެން ކުރަންޖެހޭކަމެއްކަން މި ލިޔުމުގައި  ހަނދާންކޮށްލެވިފައެއްނެތެވެ. ޓީވީ އާއި ރޭޑިޔޯ ތަކުން ސިޔާސީ ވާހަކަ ތައް، ބޭއަދަބީ ބަސް ތަކުން  މީހުނާއި މުޚާތަބު ކުރުމާއި އެކު މެދުނުކެނޑި ފޮނުވަމުން ދާއިރު އެކަމުން ކުދިންނަށް ކުރާނެ އަސަރު  ތަކާއި ބޮޑެތިވަމުން ދާ  ކުދިން ގެ އަޚްލާޤާއި ޢަޤީދާ އަށް ކުރަމުން މިހާރުވެސް ދާ އަސަރު ތަކަށް ކުޑަކޮށް ވެސް ރިޢާޔަތް ކޮށްލެވިފައެއްނެތެވެ. ދީނީ ޝިޢާރު ތަކާއި ދީނީ ގޮވާލުން ތައް ގޮވާލެވޭ މައިދާން ތަކަށް ކުދިން ގެންދިޔުމަކީ ( މުންކަރާތް ތައް އެއްކުރެވިފައިނުވާނަމަ) ކުއްޖާ ގެ ހިތުގައި ދީނާއި މެދު ޣީރަތްތެރިކަން އުފެދި ލޯބި އިތުރުވެ ޢަޤީދާ ވަރުގަދަ ވެގެން ދާނެ ކަމެކެވެ. އެކަމަކު މި ވާހަކަ ތައް ދައްކާ، މީހުންގެ ސަމާލުކަމަށް ގެންނަން ބައެއް ބޭފުޅުން ހަނދުމަނެތިދެއެވެ.

       މިއީ ހިތާމަ ހުރި ކަމެކެވެ. އަޅުގަނޑުމެން މިދައްކަނީ ކުދިންގެ އަޚްލާޤާއި އަޤީދާ އަށް ކުރަމުން ދާ ނޭދެވޭ އަސަރުތަކުގެ ވާހަކަ އެވެ. ސިޔާސީ ކަންތައްތަކުގެ ވާހަކަ މިގައުމުގައި ދެކެވެނީ ސެންސަރު ކޮށްގެނެއް ނޫނެވެ. 23 ޑިސެމްބަރުގައި ބައެއް މީހުން އެއްވި އެއްވުމެއްގައި  ދީނީ އިލްމުވެރިންނަށް މަލާމަތް ކޮށް ދީނަށް ގޮންޖަހާ ގޮވި ހުރިހާ އެއްޗެއް މީޑިޔާގެ ބައެއް ފަރާތް ތަކުން ސެންސަރު ކުރުމެއްނެތި ގެނައެވެ. ޕާޓީ ތަކުން ބައެއް ޕިކަޕް ތައް ދުއްވަމުން ގޮވަމުން ދާ ވާހަކަ ތައް އަޑު އަހަން ބޭނުން ނުވިއަސް އިއްވަމުން ދެއެވެ. ކޭބަލް ޓީވީ ތަކުންނާއި އިންޓަރނެޓް މެދުވެރިކޮށް ކޮށް ދީނާއި އަޚްލާޤާއި ޚިލާފު މަންޒަރު ތަކާއި ފޮޓޯ ތައް ބަލާއިރު އެކަން ސީރިއަސް މައްސަލަ އަކަށް ނުވަނީބާވަ އެވެ ؟ މިކަންކަމުން ކުޑަކުދިން ސަލާމަތް ކުރަން މީހުން ހޭލުންތެރި ކުރާނެ ލިޔުންތެރިންނާއި ވާހަކަ ދެއްކުންތެރިންނާއި އިތުރު ފަރާތް ތައް ހާދަހާމަދެވެ.

       އަޅުގަނޑުމެންނަށް ދީނަށް ނަސްރު ދިނުމަށްޓަކައި ގޮވާލެވޭގޮވާލުން ތަކުގައި ކުދިން ބައިވެރި ކުރުމަކީ ބައެއްފަރާތް ތަކުން ސިފަ ކުރާފަދަ ސިޔާސީ ކަންތައް ތަކުގައި ކުޑަކުދިން ބައިވެރި ކުރުމެއްނޫނެވެ. ދީނާއި އެއްގޮތަށް ﷲ ގެ އެންގެވުންތަކާއި އެއްގޮތަށް ކަންކަން ތަންފީޒު ކުރުމަށް ގޮވާލެވޭ އަޑު އިވުމަކީ އެކުދިންނަށް،  ﷲ ގެ ބިމުގައި ކަންކަން ކުރެވެން ޖެހޭނީ އެކަލާނގެ ޤާނޫނަށް ކަން އެނގިކަށަވަރުވާނެ ކަމެކެވެ. ސިޔާސަތަކީ އިސްލާމްދީންކަންވެސް އެނގެން ޖެހެއެވެ. އެ ކުދިންނަކީ މާދަމާގެ މުސްތަޤްބަލެވެ. ފްރީމޭސަނުން އުފެއްދި ދީނާސިޔާސަތު ވަކި ކުރުމުގެ ނުރައްކާތެރި ފިކުރު މިހާރު ގެ ބައެއްޒުވާނުން ގަބޫލު ކުރަން ފެށީ މިކަހަލަ ދީނީ ގޮވާލެވުންތަކާއި ދީނީ ޢަޤީދާ އާއި ބީރައްޓެހިކަމުންނެވެ. ޤުރުޢާން ގެ އާޔަތް ތަކާއި ދީނީ ނަސޭހަތް ތައް އިވިގެންގޮސް ﷲ ގެ ނަންފުޅުމަތިވެރިކޮށް ޖަމާޢަތުގައި އެތައް ހާސް ބަޔަކު ނަމާދުކޮށް ހަދާތަން ފެނުނީމާ ކުދިންނަށް ކުރާނީ، ލޭ އޮހޮރުވާ، ތަންތަން ހަލާކު ކޮށް ސިޔާސީ މީހުން ހައްޔަރު ކުރަމުން ގޮވާއެއްވާ އެއްވުންތަކުން ކުރާކަހަލަ އަސަރެއް ނޫންކަން ދެނެތިއްބަވާށެވެ. 23ޑިސެމްބަރު ގައި ދީނަށް ނަސްރު ދިނުމަށް ނިޔަތް ގަނެގެން އެއްވި އެއްވުމަކީ ސުލްޙަވެރިކަމާއި އެކު ނިމިގެންދިޔަ އެއްވުމެކެވެ. "ކަމެއްދިމާވެއްޖެނަމަ" ކުރާނެކަމެއްނޯންނާނެ ވާހަކަ ދެއްކެވީމަ ދަންނަވަމެވެ. ނުރައްކަލަކީ ދިރިއުޅުމުގެ ހުރިހާ ދިމާއަކުންވެސް އައިސްފާނެ ކަންތަކެވެ. އެއެއްވުމުގައި ދެކެވި ދިޔައީވެސް އަންނަން އޮތް ނުރައްކަލެއްގެ ވާހަކައެވެ. ﷲ ގެ ރައްކާތެރިކަމަށް އެދި ސަބަބު ތަކުގައި ހިފުމުން އެކަލާނގެ ޙިމާޔަތް ދެއްވާނެއެވެ. ﷲ ރައްކާތެރިކުރައްވާނީ އެކަލާނގެ އަށް ފުރިހަމަ އަށް އިތުބާރު ކުރާ އަޅުތަކުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.