އިސްލާމީ ޝަރީޢަތަކީ، އެޔާ އެއްގޮތަށް ޙުކުމް ކުރާނީތޯ ނުވަތަ ނުކުރާނީތޯ ބަޙުޘްކުރުމަށް މާތް ﷲ ބާވައިލެއްވި ޝަރީޢަތެއް ނޫނެވެ. އެއީ ރުހުނަސް، ނުރުހުނަސް އަޅުތަކުން ބޯލަނބައި ކިޔަމަން ވާންޖެހޭ އިލާހީ ޤާނޫނެވެ. މި މަތިވެރި ޝަރީޢަތާ އެއްގޮތަށް ޙުކުމް ނުކުރާ މީހާއީ ފާސިޤެކެވެ. އަނިޔާވެރިއެކެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ ((وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ)) (المائدة 44) މާނައީ :- "އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ كافر ންނެވެ."
އަދިވެސް ވަޙީކުރައްވާފައިވެއެވެ. ((وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَٰئِكَ هُمُ الظَّالِمُونَ))( المائدة 45) މާނައީ :- "އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ."
ދެންވެސް ވަޙީކުރައްވާފައި ވެއެވެ ((وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَٰئِكَ هُمُ الْفَاسِقُونَ))( المائدة 47) މާނައީ :- "އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ فاسق ންނެވެ."
މުސްލިމް ރައްޔިތުންނޭވެ! ބަޔާންވެދިޔަ އާޔަތްތަކާމެދު ވިސްނާ ފިކުރު ކުރައްވާށެވެ.
ޤައުމުގެ ރައީސެވެ! މަނިކުފާނުގެ ރައްޔިތުން، މަނިކުފާނު އިންތިޚާބު ކުރީ، ދުނިޔޭގެ ކަންކަން އިސްލާޙުގެ މަގުން ހިންގުމަށެވެ. މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމިއްޔަތު ނަގަހައްޓައި ޙިމާޔަތްކުރުމަށެވެ. ފަހަރެއްގައިވެސް އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް އިންކާރުކޮށް، ކަރުން ނާރު ނަގާފައި ﷲ ގެ ޝަރީޢަތަށް ފުރައްސާރަ ކުރާކަށް ނޫނެވެ.
ޢިއްޒަތްތެރި މަނިކުފާނެވެ! މަނިކުފާނުގެ ޢިއްޒަތާއި ޖާހު ކިތަންމެ މަތިވެރިވިޔަސް، ތިޔައީ ﷲ ގެ އަޅެކެވެ. ރައްޔިތުންގެ ޚާދިމެކެވެ. ވުމާއެކު މަނިކުފާނު، މަނިކުފާނުގެ ޙައިސިއްޔަތުގައި ހުންނަވާށެވެ. ރައްޔިތުންގެ ނަމުގައި ބުހުތާނު ދޮގު ނަހައްދަވާށެވެ. ގާތް ދެތިން އެކުވެރިން ބުނީމާ އެއީ ރައްޔިތުން އެދޭގޮތް ކަމުގައި ބުނެ މުރުތައްދު ވާކަހަލަ ވާހަކަ ނުދައްކަވާށެވެ. އެހެނީ އެއީ ޚިޔާނަތެކެވެ. ޣައްދާރު ވުމެވެ.
ދިވެހިރާއްޖޭގެ މުސްލިމް ރައްޔިތުންނޭވެ! ތިޔަ ލޮބުވެތި ރައްޔިތުންގެ ކިބައިން، އިސްލާމީ ޝަރީޢަތަށް ނިޔާ ކުރުމާ ބެހޭގޮތުން ރައީސް ނަޝީދު ސުވާލު ކުރެއްވިތޯއެވެ؟ އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް، މިރާއްޖޭގައި ޤާއިމް ކުރަން ބޭނުން ނުވާ ކަމަށް، އެމަނިކުފާނުންގެ އަރިހު ދެންނެވީމުތޯއެވެ؟ ދެންނެވި ކަމުގައި ވާނަމަ، ތިޔަ ޚިޔާރު ކުރި މަގެއްގެ ނުބައިކަމާއެވެ! ނުދަންނަވާ ކަމުގައިވާނަމަ ހަނު ތިޔަ ތިއްބެވީ ކީއްވެތޯއެވެ؟ އެމަނިކުފާނު ބޭނުން ބުހުތާނެއް ހެދުމަށް ދޫކޮށްލައްވަނީތޯއެވެ؟ އެމަނިކުފާނު އެ ދައްކަވާ ވާކަޔަށް ރުހި ޤަބޫލުވެގެން ތިބީތޯއެވެ؟ އެމަނިކުފާނު ބޭނުން ގޮތެއް ހެދުމަށް އަޅުގަނޑުމެންނީ އެމަނިކުފާނުގެ އަޅުންހެއްޔެވެ؟ އެމަނިކުފާނު އެ ދައްކަވާ ވާހަކަޔަށް ރުހި ޤަބޫލުވަނީ، އުޚްރަވީ ޙަޔާތުގެ ފަލާޙާއި ކާމިޔާބު ބޭނުން ނުވާތީތޯއެވެ؟
ދިވެހި ރައްޔިތުންނޭވެ! އެއްވެ އުޅުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޙައްޤެކެވެ. ދައުލަތުގެ އެންމެ މަތީވެރިޔާ އިސްލާމީ ޝަރީޢަތުގެ ޙައްދުތައް ޤާއިމް ކުރުމާމެދު އިންކާރު ކުރައްވަމުން ދާއިރު އެކަމާ ރުހިގެން ނުތިއްބަވާށެވެ. އެމަނިކުފާނެއްކަމަކު އެކުރައްވަނީ ގޯސްކަމެއްކަން ހާމަ ކުރައްވާށެވެ. 27 ވަނަ މާއްދާއިން ލިބިދޭ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިއްޕަވާށެވެ! ދިވެހި ރައްޔިތުން ބޭނުމީ ސުލްހަ މަސަލަސްކަމުގެ މަގު، އާދެ އިސްލާމީ ޝަރީޢާކަން ހާމަކުރައްވާށެވެ! ޑިސެމްބަރު 23 ވަނަ ދުވަހަށް ކަމަރު ބަންނަވާށެވެ! ސުލްޙަވެރި އެއްވުމަކަށް ޙާޒިރުވެލައްވާށެވެ!
ކޮމެންޓް (0)
ލޯޑް ކުރަމުން...