ކާބުލްގެ ދެކުނުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގައި އޮންނަ ލޮގާ ޕްރޮވިންސްގައި އެމެރިކާ ސިފައިންގެ ދެ މީހަކު ރަހީނުކޮށްފައިވާކަމަށް ރަސްމީ އިދާރާތަކުން އިއްޔެ ހާމަކޮށްފިއެވެ.
ރަސްމީ އިދާރާތަކުން ހާމަކުރާ ގޮތުގައި އެދެމީހުން ރަހީނުކޮށްފައިވަނީ ހުކުރުދުވަހުގެ ވަގުތެއްގައެވެ. އިންޓާނޭޝަނަލް ސެކިޔުރިޓީ އެސިސްޓެންސް ފޯސުންވެސް(އީސަފް) ވަނީ މިކަން ޔަޤީންކޮށްދީފައެވެ. އީސަފުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވަނީ އީސަފްގެ ދެ ސާވިސް މެންބަރަކު ހުކުރު ދުވަހު ކާބުލްއިން ދިޔަކަމަށާއި، އަދި އެމީހުން އެނބުރި ނާންނަކަމަށެވެ.
ތާލިބާނުންގެ ފަރާތުން މީޑިޔާއާ ފޯނުން ވާހަކަ ދައްކަވަމުން، ޒަބީހުﷲ މުޖާހިދު ވިދާޅުވެފައިވަނީ އެ ދެމީހުން ރަހީނުކޮށްފައިވަނީ ތާލިބާނުންކަމަށެވެ. އަފްގާން ހަނގުރާމައިގާ މިހާތަނަށް، ރަހީނުކޮށްފައިވަނީ އެމެރިކާގެ އެންމެ 3 މީހުންނެވެ. އަނެކަކު ރަހީނުކޮށްފައިވަނީ 2009 ވަނަ އަހަރު އިރުމަތީ ޕްރޮވިންސެއްކަމުގައިވާ ޕަކްޓިއާ ޕްރޮވިންސުންނެވެ. ހުކުރު ދުވަހު ގެއްލުނު ދެމީހުންނާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 20000$ ގެ ފައިސާގެ އިނާމެއް، އެމެރިކާއިން ވަނީ މިހާރު ހުށައަޅައިފައެވެ.
މިދިޔަ ބުދަ ދުވަހު އީސަފްގެ ސްޕޯކްސް މަނަކު ހާމަކުރަށްވާފައިވަނީ މި ދުވަސްވަރަކީ އަފްގާން ހަނގުރާމައިގެ އެންމެ ދަތި އެންމެ ގެއްލުންބޮޑު ދުވަސްވަރު ކަމަށެވެ. މިއަހަރުގެ މިހާތަނަށް އައި އިރު އަފްގާނިސްތާނުގައި ބޭރު ފައުޖުތަކުގެ 398 މީހުން މަރުވެފައިވާއިރު އޭގެތެރެއިން 259 މީހުންނަކީ އެމެރިކާގެ ސިފައިންނެވެ. އަދި މި މަހުގެ މިހާތަނަށް އައި އިރު އެމެރިކާގެ 57 ސިފައިން ވަނީ މަރުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...