އިންޑިޔާގެ އިސްލާމިކް ރިސާޗް ފައުންޑޭޝަންގެ ފަރާތުން މިމަހުގެ 18 އިން 27 ށް އިންޑިއާގެ "މުމްބާއީ" ގައި ކުރިޔަށް ގެންދިޔަ 5 ވަނަ އިންޓަނޭޝަނަލް ޕީސް ކޮންފަރެންސް ނިމިއްޖެއެވެ.
ކުރިން އިނގިރޭސި ބަހުން ބޭއްވުމަށް ހަމަޖެހިފައި އޮތް މި ކޮންފަރެންސް ދިމާވި ބައެއް ސަބަބުތަކާ ގުޅިގެން އެންމެ ފަހުން ބާއްވާފައި ވަނީ އުރުދޫ ބަހުންނެވެ. ޖުމްލަ 10 ދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ މި ކޮންފަރެންސް ގައި އައި.އާރު.އެފް ގެ ޗެއާމަން ޑރ. ޒާކިރު ނައިކްގެ އިތުރުން އިންޑިއާގެ ތަފާތު ކަންކޮޅުތަކުން ފުންނާބު އުސް ޢިލްމުވެރިން ބައިވެރިވެވަޑައިގެން ވަނީ ތަޤުރީރު ކުރައްވާފައެވެ.
މި ކޮންފަރެންސްގައި ޑރ. ނައިކް ދެއްވި ތަޤުރީރުތަކަށް ޢާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ވަނީ ލިބިގެން ގޮސްފައެވެ. އަދި ވަކިން ޚާއްޞަކޮށް ޑރ. ނައިކްގެ ތަޤުރީރުތައް އަޑު އެހުމަށްފަހު ވަރަށް ގިނަ ޣައިރު މުސްލިމުން ވަނީ އެތައް ލައްކަ ބަޔެއްގެ ކުރިމަތީގައި އިސްލާމްދީން ޤަބޫލުކޮށް ޝަހާދަތުގެ ދެކަލިމަ ކިޔާފައެވެ. އިސްލާމްވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ހިންދޫ ދީނުގެ މީހުންކަން ފާހަގަކުރެވެއެވެ.
މި ކޮންފަރެންސް ނިމިގެން ދިޔައީ މަސްޖިދުލް ޙަރާމްގެ އިމާމް ފަޟީލަތުއްޝައިޚް ސުޢޫދު އައްޝުރައިމްގެެ ދުޢާ އިންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...