ރިޕޯޓް ގޮނޑިގަންނަ ނިޒާމް

ގޮނޑިގަންނަ ނިޒާމް

ގޮނޑިގަންނަ ނިޒާމް

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހީމް ނާޒިމް

ގޮނޑިތައް ގަނެވިއްކާ ނިޒާމްގައި ކޮންމެ ޤައުމެއްގެ ވެސް ރައްޔިތުންގެ މަޖްލިސްގެ ގޮނޑިތަކަށް މިހޮވެނީ ގިނަ ވޯޓް ގަންނަ ފަރާތްތަކެވެ. ގިނަ ވޯޓް ގަނެގެން ގޮނޑި ކާމިޔާބުކުރެވެން އަންނަނީ އެމީހަކު ގޮނޑި ހޯދަން ކުރިމަތިލާ ދާއިރާއެއްގެ މީހުން ރުއްސުމަށްޓަކައި ގޮނޑި ގަންނާނެ ފައިސާ ހުރެގެންނެވެ. މިގޮތުން ކެނޑިޑޭޓުން ގޮނޑި ގަތުމަށްޓަކައި ކުރާ ކެމްޕޭންގެ ތެރޭގައި އެ ދާއިރާއެއްގެ މީހުންނަށް ޚަރަދުކުރާ ފައިސާ އަކީ ދެވޭ ރިޝްވަތެއް ކަމުގައި ނުބެލެވެ އެވެ. ގޮނޑި ގަތުމަށް ހޭދަކުރާ ފައިސާގެ ދިހަގުނަ ބޮޑުކޮށް ފަހުން އެ ގޮނޑި ވިއްކާލެވެ އެވެ. މިގޮތުން ވިއްކުމަށްފަހު ވެސް 5 އަހަރު ވަންދެން އެ ގޮނޑީގައި އިށީންދެ އިންނަން ލިބެ އެވެ. މިހެން ގޮނޑީގައި އިނދެގެން މަހުން މަހަށް އެ ގޮނޑީގައި އިނދެދިނުމުގެ ކުލި ދައުލަތުން އަތުލަ އެވެ. އަދިވެސް ބަޔާންވެދިޔަ މުއްދަތުގެ ތެރޭގައި ބޭނުންނަމަ ކުރިން ގޮނޑި ގަތް ފަރާތުގެ އަތުން ގޮނޑި އަތުލާ އެހެން ފަރާތަކަށް ހަމަ އެ ގޮނޑި ކުރިން ގަތް ފަރާތުން ދިން އަގަށްވުރެ ދެތިންގުނަ ބޮޑުކޮށް ވިއްކާލެވިދާނެ އެވެ. ދުލުން ބުނާ ބަހާ އިދިކޮޅަށް އަމަލުކުރުމަކީ ދޮގުހެދުން ކަމުގައި ނުބެލެވެ އެވެ. ހީލަތްހަދާ އޮޅުވާލުން ކަމުގައި ވެސް ނުބެލެވެ އެވެ. އަދި ކީއްހެއްޔެވެ! އެއީ މުޅިންވެސް ސިޔާސީ އުކުޅުތަކެވެ. ވިސްނުން ތޫނުކަމާއި ކަންކަން ކުރުމުގެ ޤާބިލުކަން ހުރިކަން އަންގާދޭ އަލާމާތެކެވެ. ތެދުވެރިކަމާ އިޚްލާސްތެރިކަން ބޮލަށްލައިގެން ގޮނޑި ހޫނުކުރާ މީހުންނަނީ ވެހޭތާ ފެންނަގަން ނުދަންނަ މޮޔައިންނެވެ. 'ގޮނޑިދަމާ މާލަމަށް' ވަނުމަށްފަހު ޤައުމާއި ރައްޔިތުން ގޮނޑިދަށަށް ކޮއްޕާލަ އެވެ.

ކޮންމެ ޕާޓީއަކުން ވެސް ބޭނުންވެގެން އުޅެނީ ވީހާވެސް ގިނަ ގޮނޑި ހޯދައިގެން ޤާނޫނު ހަދާ މަޖްލިސްގެ ކޮންޓްރޯލް އަތުލައިގަނެވޭތޯ އެވެ. މިގޮތުން އެބަޔަކަށް ފައިދާހުރި ބަދަލުތައް ޤާނޫނު އަސާސީ އަށް ގެނައުމަށެވެ. މުޅި ޤައުމަކީ ވަކި ޕާޓީއެއްގެ މިލްކެއް ނޫނެވެ. ނަމަވެސް އެބަޔަކު ޕާލިމެންޓްގައި ތިބޭ ދުވަސްކޮޅު ޚިޔާނަތާއި، ރިޝްވަތާއި، މަކަރުން ނެގުނުހާ ފައިދާ އެއް ނަގަމުންދަނީ މާދަމާވެސް ގޮނޑި އެހެންފަރާތަކަށް ފުރޮޅިގެން ހިނގައިދާނެތީ ވޭހޭތާ ފެންނަގާ އުޞޫލުންނެވެ. ޕާޓީ ސިސްޓަމް ހިނގަމުންދާ ޤައުމުތަކުގައި އެބަޔެއްގެ ދާޚިލިއްޔަތުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން އަތްބާނާހަދަން ދާދި ފަސޭހަވާނެ އެވެ. ސަބަބަކީ ޕާޓީ ހިންގުމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާކަމެވެ. މިގޮތުން އެންމެހާ ޕާޓީތައް ތިބެނީ ބޭރުގެ ކޮންމެވެސް ފަރާތެއްގެ ދަންތުރައިގައި ޖެހިފަ އެވެ. އެފަދަ ޕާޓީއަކަށް ވެރިކަން ލިބިއްޖެނަމަ އެބައިމީހުންނަށް ފައިސާ އޮއްސަމުންދިޔަ ބޭރުގެ ފަރާތްތައް ރުހޭނޭފަދަ ސިޔާސަތުތަކެއް ހިންގަން މަޖުބޫރުވެދެ އެވެ. ގޮނޑި ގަންނަ ނިޒާމުގައި އޮންނަގޮތުން ފައިސާވެރިން ނޫން މީހުންނަށް ޤައުމުގެ މަތީ މަޤާމްތަކަށް އައުމުގެ ފުރުޞަތު ބަންދުވެދެ އެވެ. މިހެންކަމުން މުއްސަދިންގެ ވިޔަފާރިތައް އިތުރަށް ފުޅާކުރެވޭނެ ގޮތަކަށް މެނުވީ ޤާނޫނުތައް ހެދޭކަމުގައި ނުވެ އެވެ. މަހުޖަނުން ޤާނޫނަށްވުރެ މަތިން އޮޕަރޭޓްކުރަމުން ދިޔުމުގެ ސަބަބުން މުއްސަދިން އިތުރަށް މުއްސަނދިވެ ފަޤީރުން އިތުރަށް ފަޤީރުވަމުންދެ އެވެ.

ގޮނޑިގަންނަ ދިމާކުރާތީއެއްގަ ވިއްޔާ ޕާޓީ ސިސްޓަމް ހިންގަންޖެހެ އެވެ. އެހެނީ ޕާޓީތަކެއް ނެތި ގޮނޑިގަންނަ ނިޒާމް (ޑިމޮކްރަސީ) ހަރުދަނާ ނުވާތީ ޔޯލަ އެވެ. ޕާޓީ ސިޔާސަތުގެ ނިޒާމަކީ ޤައުމުގައި ފިތުނަ ފަސާދަ އާއި ބައިބައިވުން އިތުރުކުރާ ނިޒާމެކެވެ. ސިޔާސީ ޕާޓީތަކުގެ ކޯޅުންގަނޑުގައި ޖެހި މައިންބަފައިންނާއި ދަރީން ހަތުރުންނަށް ބަދަލުވެދެއެވެ. ގޮނޑިގަންނަ ނިޒާމްގެ ތެރޭގައި އެންމެ ނަގާކިޔާ މީހުންނަކީ 'ޕޮލިޓީޝަނުންނެވެ.' މިބައިމީހުންނަކީ ފިތުނަ އުފައްދަން ފޫގަޅައިގެން އުޅޭ ލޭބޯފަނިތަކެއް ފަދަ ބައެކެވެ. ފައިސާ އަށް ގަނެވިއްކޭ މިބައިގަނޑަކީ އިސްލާމީ އުޞޫލުން ޤައުމު ހިންގަން ފެށިއްޖެނަމަ ބޭނުމެއް ނެތް ބައެކެވެ. ދޮގުހެދުމުގައި ހައްދުފަހަނާއަޅާފައިވާ މި ގްރޫޕްގެ މީހުންނަކީ އެކިފަހަރު އެކި ޕާޓީ އިން ފެނިގެންދާ ބައެކެވެ. ހެދުން ބަދަލުކުރާހެން ޕާޓީ ބަދަލުކުރެ އެވެ. އެއްވެސް ކެތްތެރިކަމެއް ނެތް، އެއްގޮތެއްގެ މަތީގައި ހިތްސާބިތުކޮށް ނުހިފެހެއްޓޭ އަދި ރިޝްވަތަށް ހެއްލުމުގައި ލާމަސީލު ނަމޫނާތަކެއް ފަދަ ވިޔާނުދާ ބައެކެވެ. ލަދުގަތުމަކީ މިބައިމީހުން ދަންނަކަމެއް ނޫނެވެ. އަމިއްލަ އެދުމަކާ ޖެހުނީމާ ހަމައެއްލަމައެއް ނޯވެ އެވެ. މި ބައިމީހުންކުރެ ކޮންމެ މީހެއްގެ އަމާޒަކީ ޤައުމުގެ އެންމެ މަތީ ގޮނޑިއަށް (މަޤާމަށް) ވާސިލުވުމުވެ. އެކަމުގައި ދައުލަތުގެ ސިއްރުތައް ބޭރުގެ ފަރާތްތަކަށް ވިއްކަންޖެހުނަސް އެންމެ ރަނގަޅުކަމުގައި ދެކެ އެވެ. ފަސާދައިގެ މައްޗަށް ފަސާދަކުރުން ނޫންކަމެއް މިބައިމީހުންނަށް ދަސްވެފައެއް ނެތެވެ. މިހެން ކަންތައް ކުރާއިރު މިއީ ބާވަތެއްގެ ހުވައެއްކޮށްގެން ތިބޭ ބައެއްކަން ހަނދާނެއް ނުހުރެ އެވެ. ޚިޔާލުތަފާތުވާ ހިނދު ގަޔަށް އަތްލާ މާރާމާރީ ހިންގުމަކީ މިބައިމީހުންގެ އާދައެކެވެ. ދުނިޔޭގެ ކިތަންމެ ޤައުމެއްގައި ގޮނޑިގަންނަ ނިޒާމްގެ ތެރެއިން އުފެދިފައި ހުރި ބަރުލަމާނުތަކުގައި އިސްވެ ރިޔާސަތުގައި އިންނަ މީހާގެ ގަޔަށް މެންބަރުން ބޫޓާއި ފައިވާން އުކައިގެން އޭނާ ޒަޚަމްވެފައި އެބަހުއްޓެވެ. ގޮނޑި ގަންނަ ނިޒާމް ހިންގަމުންދާ ޤައުމުތަކުގެ ތެރެއިން އިންޑިޔާގެ ޕާލިމެންޓްގައި މެންބަރުން ދެ ބަޔަކަށް ބެހިލައިގެން ތިބެ މައިކްރޮފޯން ބަހައްޓާ ސްޓޭންޑްގެ ދަގަނޑު ހޮޅިއާއި ލަޓިބުރިން މާރާމާރީ ހިންގަމުންދާތަނާއި ލޭއޮހޮރޭތަން ވީޑިއޯކުރެވިފައި އެބަހުއްޓެވެ. އޭރު މުޅިތަން ހީވަނީ 'ހަނގުރާމައިގެ' މައިދާނެއްހެންނެވެ. އެމީހަކު އަތުޖެހުނު އެއްޗަކުން އަނެކަކަށް ހަމަލާދެނީ އެވެ. ގޮނޑިތައް ވެސް ނަގާ ހޫރުވާލާތަން ފެނެ އެވެ. އަގު ނުކުރެވޭހާ އެތަކެއް ބޮޑަތި ގެއްލުން ދައުލަތުގެ މުދަލާ ތަކެއްޗަށް ލިބިގެންދިޔަ އެވެ. މިފަދަ ހާދިސާތައް ހިނގާފައިވާ އެތަކެއް ޤައުމުތަކުގެ ތެރޭގައި ތުރުކީވިލާތާއި، ރަޝިޔާ، ދެކުނު ކޮރެއާ، ޔޫކްރެއިން، ބޮލީވިޔާ، ޓައިވާން، ސްރީލަންކާ... މިހެންގޮސް ގޮނޑިގަންނަ ނިޒާމް ހިންގަމުން އަންނަ އެއްވެސް ޤައުމެއް މިކަމުން އިސްތިސްނާވެފައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ގޮނޑި ގަންނަ ނިޒާމުގައި ވަޒީރުކަމުގެ ގޮނޑި އަކީ ވެސް ވަކިން އަގުކުޑަ ގޮނޑިއެއް ނޫނެވެ. ދުނިޔޭގެ ޤައުމުތަކުގައި ކެބިނެޓް މިނިސްޓަރުން އެތަކެއް ހާސް ނުވަތަ ލައްކަ ޔޫއެސް ޑޮލަރުން ރިޝްވަތުހިފާތަން މޫވީ ކުރެވިފައި (ކެމެރާއަށް ނެގިފައި) އެބަހުއްޓެވެ. މީގެ އިތުރުން އެތަކެއް ތަފާތު 'ޑީލްތަކާއި' 'ކޮމިޝަންތައް' ލިބެ އެވެ. އެންމެ އަގު ބޮޑަތި ގޮނޑިތަކުގެ ތެރޭގައި ރައީސް، ނާއިބް ރައީސް އަދި ބޮޑުވަޒީރުގެ ގޮނޑި ހިމެނެ އެވެ. މި ގޮނޑިތަށް ގަންނަ ކޮންމެ މީހަކަށް އެތަކެއް މިލިޔަން ޑޮލަރުގެ ސިއްރު ހަދިޔާތައް ލިބެންފަށަ އެވެ. މިގޮތުން ލިބޭ ގިނަ ވެދުންތައް ލިބެނީ ޤައުމުން ބޭރުންނެވެ. ގޮނޑި ލިބޭ ފުރަތަމަ ފަހަރު ދެން ކުރިޔަށް އޮންނަ ދައުރަށް ގޮނޑި ގަތުމަށްޓަކައި ފައިސާ ޖަމާކުރަންޖެހެ އެވެ. މިގޮތުން ގޮނޑި ތަހުތަކަށް ބަދަލުކުރުމުގެ ހުވަފެން ދެކެންފަށަ އެވެ. ޤާނޫނު ހަދާ މަޖްލިސްގެ މެންބަރުންނަށް 'ސައިދީގެން' ނަމަވެސް ޤާނޫނު އަސާސީއަށް ބަދަލުގެންނަން ހުށަހަޅަ އެވެ. މިހެން ހަދައިގެން ކިތަންމެ ގިނަ ދައުރަކަށް ވެސް ވެރިކަން ކުރެވޭނެ ގޮތް ހަދާފައި އެބަހުއްޓެވެ.

ގޮނޑިގަންނަ ނިޒާމްގައި ވެރިކަން ހިންގަނީ ފައިސާގެ ބާރުގައިކަމުން، ވެރިކަން ދެމިއޮންނަނީ ފައިސާވެރިންގެ އަތްމަތީގަ އެވެ. ގިނަ ޤައުމުތަކުގައި އެ ޤައުމެއްގެ އެތެރޭގައި އެނބުރެމުންދާ ފައިސާތައް ކޮންޓްރޯލްކޮށްގެން އުޅޭ ބަޔަކީ ޔަހޫދީންނެވެ. ގޮނޑިގަންނަ ނިޒާމަކީ ޔަހޫދީން އެ ޤައުމެއްގެ މާލިއްޔަތުގެ ތެރެއަށް ފޭދިގަނެގެން އަތްގަދަކުރަން ޤައުމުތަކަށް ފައްތަމުންދާ ނިޒާމެކެވެ. އޭރުން ކޮންމެ ޤައުމެއްގެ ވެރިކަން ހިންގަންޖެހޭނީ ޔަހޫދީން ބުނާގޮތަށެވެ. ފައިސާގެ ބާރުގައި ޤާނޫނުތަކަށްވުރެ މަތިން އޮޕަރޭޓްކުރުމުގެ ބާރު ޔަހޫދީން ބޭނުން ބަޔަކަށް ލިބިދެ އެވެ. ޔަހޫދީއެއް ކަމުގައިވާ މޭޔަރ އެމްސްޗެލް ރޮތްސްޗައިލްޑް ބުނެފައި ވަނީ، "ޤައުމެއްގެ ނޫޓުތައް ޗާޕްޖަހާ އެ ފައިސާތައް ކޮންޓްރޯލްކުރުމުގެ ބާރު އަހުރެންނަށް ލިބިދީބަލާށެވެ. އޭރުން ދެން ޤާނޫނު ހަދަނީ ކޮންބައެއްތޯ ބަލާކަށް އަހުރެން ބޭނުމެއް ނޫނެވެ." މާނައަކީ ޤާނޫނުގައި އޮތީ ކޮން އެއްޗެއްތޯ ވެސް އޭނާ ބަލާކަށް ބޭނުމެއް ނުވެ އެވެ. ގޮނޑިގަންނަ ނިޒާމްގައި ވެރިކަންކުރަނީ ޤައުމުގެ އެންމެ މަތީ މަޤާމުގައި ރައްޔިތުންނަށް ފެންނަން ހުންނަ މޫނެއް ނޫނެވެ. ޤައުމުގެ ފައިސާތައް ކޮންޓްރޯލްކުރާ ފަރާތްތަކެވެ. މިގޮތުން ފައިސާތައް ކޮންޓްރޯލްކުރަނީ ވަކި އާއިލާއަކުން ކަމުގައި ވާނަމަ އެބައިމީހުންގެ ރުހުމާއި އެއްގޮތަށް ވެރިކަންހިންގަމުން ނުދާ މީހާ އެ މަޤާމުން ވަކިކުރެވެ އެވެ. ނުވަތަ އިސްތިޢުފާދޭން މަޖުބޫރުކުރުވަ އެވެ.

މިއަދުގެ ދުނިޔޭގައި ގޮނޑިގަނެގެން ޤައުމުހިންގާ ވެރިކަމުގެ ނިޒާމަކީ ދައުލަތް ހިންގުމަށް ބޭނުންކުރާ ސިޔާސީ އުޞޫލުތަކަކަށް ވުރެ ބޮޑަށް ހުޅަނގުގެ މީހުން އަލަށް ހަދައިގެންއުޅޭ ބާވަތެއްގެ ދީނެކެވެ. ގޮނޑިގަންނަ ނިޒާމް ހުޅަނގުގައި ވެސް ކަމުދާއެއްޗަކަށް ނުވެގެން ކުނިގޮނޑަށް އެއްލާލަންޖެހިފައި ވަނިކޮށް އެ ނަގާ ދަމަހަށްޓަން މަރުދަންޖެހޭ އެހެން ބަޔަކު ވަކި ކުރިއަރާނެ ހެއްޔެވެ؟ ގޮނޑިގަންނަ ނިޒާމް އެންމެ ފޯރީގައި ހިންގަމުންދާ ދެ ޤައުމަކީ އިނގިރޭސިވިލާތާއި އެމެރިކާ ކަމުގައި ބުނެއުޅެ އެވެ. މިހެންކަމުން އެ ދެޤައުމުގެ ވެރިކަން މިއަދު އޮތީ ޔަހޫދީންގެ މުށުތެރޭގަ އެވެ. ޔަހޫދީން ބޭނުން އަދަދަކުން އެ ދެޤައުމު ދަރުވާލުމުގެ ބާރު، ނުވަތަ މުޅި އިޤްތިޞާދު ބަނގުރޫޓްކޮށްލުމުގެ ބާރު އެމީހުންނަށް އެބަ އޮތެވެ. މިކަމާހެދި އެ ދެ ޤައުމުގެ ރައްޔިތުން ތިބީ ފިކުރުބޮޑުވެފަ އެވެ. ޔަހޫދީންނާ ޤައުމެއްގެ ވެރިކަން ހަވާލުކުރަން ބޭނުންނަމަ އެ ޤައުމެއްގައި ގޮނޑިގަންނަ ނިޒާމް ހިންގަންވީ އެވެ. ޑިމޮކްރަސީ އަކީ ދައުލަތްހިންގަން އެކަށައަޅާލެވޭ ނިޒާމަކަށްވުރެ ބޮޑަށް އެއްޤައުމެއްގައި ތިންހަތަރު ސަރުކާރު އެއްފަހަރާ ހިންގައިގެން ގޮނޑިތަކުގައި ތިބޭ މީހުން ދެކޮޅުންކާން އުފައްދާފައި އޮތް ފިތުނަގަނޑެކެވެ.

ޓެގް

ޑިމޮކްރަސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.