ޓެރަރިޒަމްގެ ތުހުމަތުގައި ކަމަށް ބުނެ އެމެރިކާއިން ހައްޔަރުކުރާ މީހުން ބަންދުކުރުމަށް އެމެރިކާ އިން ކިއުބާގެ ގުއަންޓަނާމޯބޭ ގައި ހިންގާ ޖަލުގައި ގައިދީން ބޭތިއްބުމަށް އަހަރަކު އެތައް މިލިއަން ޑޮލަރެއް ޚަރަދުވާކަމަށް ގުއަންޓަނާމޯ އިން މިދިޔަ ހަފްތާ ހާމަކޮށްފިއެވެ.
ގުއަންޓަނާމޯ އިން ހާމަކޮށްފައިވާގޮތުން މިދިޔަ އަހަރު އެކަނިވެސް އެ ޖަލަށް މުޅި އެކު 139 މިލިއަން އެމެރިކާ ޑޮލަރު ކޮންގްރެސް އިން ކަނޑައަޅައިފައިވެއެވެ. އެއީ ނިސްބަތުން ކޮންމެ ގައިދީއަކަށް 812,865.00 ޔޫއެސް ޑޮލަރެވެ. މިއީ ފެޑެރަލް ބިއުރޯ އޮފް ޕްރިޒަންސް ފެސިލިޓީ ގައި ގައިދީން ބެލެހެއްޓުމަށް ކުރާ ޚަރަދުގެ 30 ގުނައެވެ.
މީގެއިތުރުން 2008 ވަނަ އަހަރު ގުއަންޓަނާމޯ ޖަލުގެ ޑެޕިއުޓީ ކޮމާންޑަރ ގްރެގް ޒެނެޓީ ވަނީ ގުއަންޓަނާމޯ ގެ ޖަލުގެ ޚަރަދު ތައް އިންތިހާއަށް ގޮސްފައިވާކަމާ އަދި އެ ޖަލުގައި ގެންގުޅޭ ސިޔާސަތުތައް ކަމުނުދާތީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.
ގުއަންޓަނާމޯ ބޭގައި ހުންނަ ޖަލުގައި މިހާރުވެސް 171 ގައިދީއަކު ވަނީ ބަންދުކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...