މިސްރުގައި މިހާރު ވެރިކަން ކުރަމުންދާ އަސްކަރީ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.
މިސްރުގެ އަސްކަރިއްޔާއިން ވަނީ ފުރިހަމަ ބާރާ އެކީ މުޒާހަރާ ރޫޅާލުމަށް ނުކުމެފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ތަހްރީރް މައިދާނަށް އެއްވި ތިބި މީހުން އެ ސަރަހައްދުން ފޮނުވާލުމަށްޓަކައި ރަބަރު ވަޒަނާއި އަދި ކަރުނަ ގޭސް ވަނީ ބޭނުން ކޮށްފައެވެ.
މިސްރުގެ އިންޓީރިޔަރ މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާގޮތުން މިހާތަނަށް 55 މުޒާހަރާގެ ބައިވެރިން ވަނީ ހައްޔަރުކުރެވިފައިވެއެވެ.
ޚަބަރުތައް ބުނާގޮތުން ހޮނިހިރު ދުވަހުން ފެށިގެން ބާއްވަމުން އަންނަ މުޒާަހަަރާތަކަކީ މުބާރަކްގެ ވެރިކަން ވެއްޓޭތާ 6 މަސްދުވަހުގެ ތެރޭގައި އައު ސަރުކާރެއް އެކުލަވާލާނޭކަމަށް ޢަސްކަރީ ކައުންސިލުން އެއްބަސްވި އެއްބަސްވުމާއި ޚިލާފުވެފައިވާތީ ބޭއްވަމުން އަންނަ މުޒާހަރާތަކެކެވެ. މީގެއިތުރުން ގިނަ ސިޔާސީ ފަރާތްތަކުންނާއި އެކްޓިވިސްޓުން އަދިވެސް ރަސްމީ ސަރުކާރެއް ގާއިމު ކުރެވިފައިނުވާތީ ވަގުތީ ސަރުކާރަށް ދަނީ އެތަށް ފާޑު ކިޔުންތަކެއް އަމާޒުކުރަމުންނެވެ.
މުޒާހަރާގެ ބައިވެރިން ދަނީ ރައްޔިތުންގެ ސަރުކާަރެއް ވީހާވެސް އަވަހަށް ގާއިމުކުރުމަށް ގޮވަމުންނެވެ. ބައެއް ޚަބަރުތައް ބުނާގޮތުން ހޮނިހިރު ދުވަހު ބޭއްވުނު ބޮޑު މުޒާހަރާ އިންތިޒާމުކޮށް ރޭވުމުގައި ޙަރަކާތްތެރިވެފައިވަނީ "އިޚްވާނުލް މުސްލިމީން" އިން ނެވެ.
އަދި މުބާރަކްގެ ވެރިކަމުގައި އެތައް އަނިޔާއެއް ކުރިމަތިވި އިޚްވާނުލް މުސްލިމީން މިހާރުވަނީ އެމީހުންގެ ފުރިހަމަ ބާރާއެކު މައިދާނަށް ނުކުމެފަައި ކަމަށް ޚަބަރުތައް ބުނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...