ފްރާންސްގެ ޕާލަމެންޓުގައި މޫނުބުރުގާ މަނާކުރުމާ ބެހޭ ބިލަކާމެދު ބަހުސް ކުރެވެމުން އެބަދެއެވެ. އިއްޔެ ބަހުސް ފެއްޓެވުމުގެ ކުރިން މި ބިލުގެ ދިފާއުގައި ޕާލަމެންޓުގައި ވާހަކަ ދަށްކަވަމުން ފްރާންސްގެ ޖަސްޓިސް މިނިސްޓާ މިޝޭލް އެލިއޮޓް މެރީ ބުނާގޮތުގައި އަވައްޓެރިޔާގެ މޫނުފޮރުވައިގެން އުޅުމަކީ ފްރާންސްގެ ރައްޔެތުންގެ ގަބޫލުކުރުންތަކާ މުޅިން ދެކޮޅު ކަމެއްކަމަށެވެ.
ފްރާންސްގެ ގިނަ އަދަދެއްގެ މުސްލިމުން މިކަމާ ކަންބޮޑުވި ނަމަވެސް މި ބިލު ފާސްވެގެން ދިޔުމަކީ ވަރަށް ގާތްކަމެކެވެ. ފްރާންސްގެ މުސްލިމުންގެ އިތުރުން ބައެއް ގާނޫނީ ވަކީލުންވެސް ހާމަކުރާ ގޮތުގައި މި ބިލު ފާސްވެއްޖެނަމަ އެ ވެގެންދާނީ ގާނޫނު އަސާސީ އާ ފުށުއަރާ ގާނޫނަކަށެވެ.
މި ބިލު މީހުންގެ މެދުގައި މަޤުބޫލުކުރުމަށް އެ ޤައުމުގެ ސަރުކާރުން ދަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަންހެނުންނާއި ފިރެހެނުން ހަމަހަމަ ކުރުމަށްޓަކައި މި ބިލަކީ މުހިންމު ބިލެއްކަމުގައި ސަރުކާރުން ދަނީ ބުނަމުންނެވެ. މީގެ އިތުރުން ނިކަމެތި ކުރެވިފައިވާ އަންހެނުންތަކެއް ސަލާމްތްކުރުމާއި، އާންމު ތަންތަނުގައި ސަލާމަތީ ކަންކަން ބެލެހެއްޓުން ފަސޭހަކުރުމަކީ މިބިލުގެ މަޤްޞަދެއްކަމުގައި ސަރުކާރުން ދަނީ ހާމަކުރަމުންނެވެ.
ފްރާންސްގެ ސަރުކާރުން މި ބިލަކީ ސީދާ މުސްލިމުންނާ ދެކޮޅަށް ތައްޔާރު ކުރެވިފައިވާ ބިލެއްގެ ގޮތުގައި މީހުން ޤަބޫލު ކޮށްފާނެތީ ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އާންމުގޮތެއްގައި އެ ގައުމުގައި މި ބިލު މަޝްހޫރުވެފައިވަނީ "ބުރުޤާ މަނާކުރާ ބިލު"ގެ ނަމުންނެވެ. ފްރާންސްގައި ބުރުގާއަކީ އާންމު އެއްޗެއް ނަމަވެސް އިންޓީރިއާ މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ފްރާންސްގައި އުޅެނީ މޫނުބުރުގާ އެޅި 1900 އެއްހާ މީހުންނެވެ. ފްރާންސްގައި 5 މިލިއަނަށްވުރެ ގިނަ މުސްލިމުން އުޅެމުންދާއިރު މި ބިލު ވެގެން ދާނީ އެ ގައުމުގެ މުސްލިމުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންނަށް ކަންބޮޑުވާންޖެހޭވަރުގެ މައްސަލައަކަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...