ދާދިފަހުން އިޒްރޭލުގެ ޖަލުން ދޫކޮށްލި ފަލަސްޠީނުގެ އަސީރުންގެ ތެރެއިން ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށްޓަކައި މައްކާއަށް ދަތުރުކުރަމުން ދިޔަ ބަޔަކަށް އިޒްރޭލުގެ އިސްތިޢުމާރީ ސިފައިން ހުރަސްއަޅައި ހުއްޓުވައިފިއެވެ.
މިނިވަންވި އަސީރުން ބުނި ގޮތުގައި އެމީހުން ބަހުގައި ދަތުރުކުރަމުން ދިޔައީ ކިންގް ހުސައިން ބްރިޖް އިން ބޯޑަރު ހުރަސްކޮށް އުރުދުންއަށް ވަނުމަށެވެ. ނަމަވެސް އެމީހުންނަށް އަރީޙާއަށް ވަދެވުމުގެ ކުރިން އިޒްރޭލުގެ މިލިޓަރީ ޗެކްޕޮއިންޓަކުން އެމީހުން ދަތުރުކުރަމުން ގެންދިޔަ ބަސްހުއްޓުވިއެވެ. އަދި އެބަހުގައި ތިބި ދެ އަންހެނުންކަމުގައިވާ ސަނާ ޝަހާދާ އާއި ޢަލްޔާ އަލްޖަޢުބަރީ ފިޔަވައި އެހެން އެއްވެސް މީހަކަށް ދަތުރުކުރުމުގެ ހުއްދަނުދެވޭނެކަމަށް ބުނެ އެމީހުން ވަނީ އަނބުރާ ފޮނުވައިލާފައެވެ.
އެމީހުން އިތުރަށް ބުނިގޮތުގައި ޗެކް ޕޮއިންޓްގައި ތިބި ސިފައިންގެ އަތުގައި އެމީހުންގެ ނަންތައް ހުރި ލިސްޓެއް އޮތެވެ. އަދި އެމީހުންގެ ނަންތައް ގޮވުމަށްފަހު އިޒްރޭލު ސިފައިންވަނީ އެމީހުންނަށް ދަތުރުކުރުން މަނާކަމަށް ބުނެފައެވެ.
ބުދަ ދުވަހު ހެނދުނުގެ ވަގުތެއްގައި ފަލަސްޠީނުގެ އައުޤާފް މިނިސްޓްރީން ވަނީ ރާމަﷲ އަށް ގޮސް އެމީހުންގެ ޕާސްޕޯޓް ހޯދައިގެން އެންމެފަހު ވަގުތު ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް މިނިވަންވި އަސީރުންނަށް އަންގާފައެވެ. މީގެކުރިން އަސީރުންގެ ޙައްޖުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވާނެކަމަށް ސުޢޫދީ ޢަރަބިޔާގެ ރަސްގެފާނު ޢަބްދުﷲ ވަނީ އިޢުލާނުކުރައްވާފައެވެ.
__________
މަޞްދަރު: ދި ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

ކޮމެންޓް (0)
ލޯޑް ކުރަމުން...