ދާދިފަހުން އިޒްރޭލުގެ ޖަލުން ދޫކޮށްލި ފަލަސްޠީނުގެ 477 މީހުންނަށް މިއަހަރުގެ ޙައްޖުގެ އަޅުކަން ރަސްގެފާނުގެ އަމިއްލަފުޅު ޚަރަދުގައި އަދާކުރެވޭނެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުމަށް ކަމާބެހޭ އޮފިޝަލުންނަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒު އަންގަވައިފިއެވެ.
މީގެކުރިން ރަސްގެފާނު ޢަބްދުﷲ ވަނީ މިއަހަރު ފަލަސްޠީނުގެ 2000 މީހުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އެހީވެދެއްވާނެކަމަށް އިޢުލާނުކުރައްވާފައެވެ. ފަލަސްޠީނުގެ މިނިސްޓަރ އޮފް އައުޤާފް އެންޑް ރިލިޖަސްއެފެއާޒް މަޙްމޫދު ހަބަޝް ވިދާޅުވިގޮތުގައި [މިއީ ފަލަސްޠީނުގެ ފަޤީރު ނިކަމެތި ރައްޔަތުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގައި ރަސްގެފާނު ޢަބްދުﷲ އެހީވެވަޑައިގަންނަވާތާ ތިންވަނަ އަހަރެވެ.]
މީގެ އިތުރުންވެސް މިއަހަރު ދުނިޔޭގެ އެކި ޤައުމުތަކުގެ 1400 ޙައްޖުވެރިއެއްގެ ޚަރަދުތައް ރަސްގެފާނު ވަނީ ދެއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑޮނޭޝިއާ، އިންޑިއާ، ބަނގްލަދޭޝް، ޕާކިސްތާން، ތުރުކީ، ތައިލޭންޑް، ފިލިޕީންސް، ކެންބޯޑިއާ، ކަޒަކިސްތާން، ތަޖިކިސްތާން، ސްރީލަންކާ، ނޭޕާލް، އަފްޣާނިސްތަން، ވިއެޓްނާމް، މެލޭޝިއާ، ރަޝިޔާ، ހޮންގްކޮންގް، ސިންގަޕޯރ، މޮންގޯލިއާ އަދި މިޔަންމާގެ ޙައްޖުވެރިންނެވެ.
މިހާތަނަށް ދުނިޔޭގެ އެކިކަންކޮޅުތަކުން 18000 މީހުން، ޢަބްދުﷲ ރަސްގެފާނުގެ އެހީފުޅުގައި ޙައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ.
މަޞްދަރު: ޢަރަބް ނިއުސް

ކޮމެންޓް (0)
ލޯޑް ކުރަމުން...