މިދިޔަ އޮކްޓޯބަރ މަހު އެކަނިވެސް ޔަހޫދީ ވަޒަންވެރިން، ފަލަސްޠީނުގެ ދަނޑުބިންތަކުން ދެހާސް ހަސަތޭކަ ޒައިތޫނިގަސް އަންދާލާފައިވާކަމަށް ފަލަސްޠީނުގެ ދަނޑުވެރިކަމަށް އެހީދޭ ޖަމްޢިއްޔާއަކުން ހާމަކޮށްފިއެވެ.
ޕެލަސްޓީނިއަން އެގްރިކަލްޗަރަލް ރިލީފް ކޮމިޓީ (ޕާކް) އިން މިދިޔަ ހޯމަދުވަހު ނެރުނު ރިޕޯޓްގައިވާގޮތުން އަންދާލެވުނު ޒައިތޫނިގަސްތަކުގެ އަގު އެއްލައްކަ ފަންސާސް ހަހާސް ޑޮލަރަށް އަރައެވެ. އެރިޕޯޓްގައިވާގޮތުން އޮކްޓޯބަރު މަހު އެވްރެޖްގޮތެއްގައި ކޮންމެ ގަޑިއިރަކު 3.5 ޒައިތޫނިގަސް ވަނީ ހަލާކުކޮށް ނުވަތަ އަންދާލެވިފައެވެ.
މީގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ދީފައިވަނީ ނަބްލްސް އާއި ސަލްފިތު ގައިވާ ޒައިތޫނީ ދަނޑުތަކަށެވެ. ނަބްލްސްއިން އެކަނިވެސް އެއްހާސް ހަތަރުސަތޭކަ އަށްޑިހަ ދެ ގަސްވަނީ އަންދާލާފައެވެ. އެރިޕޯޓްގައިވާ ގޮތުން ޒައިތޫނި ގަސްތަކަށް ހަމަލާދިނުމުގައި އާއްމުގޮތެއްގައި ހަރަކާތްތެރިވެފައިވަނީ ޔަހޫދީ ވަޒަންވެރިންނެވެ. އަދި އިޒްރޭލުގެ ސިފައިންވެސް މިކަމުގައި ބައިވެރިވެފައިވާކަމަށް އެރިޕޯޓުގައިވެއެވެ.
މިހަމަލާތަކުގައި އަންދާލެވިފައިވާ ސަރަހައްދުގެ ބޮޑުމިނުގައި ދެހާސް ހަތަރުސަތޭކަ ސާޅީސް ކިލޯމީޓަރު ހަމަވާނެ ކަމަށް ޕާކްގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އަދި މިހަމަލާތަކުގައި ދަނޑުތައް ދިފާޢުކުރަން މަސައްކަތްކުރި ފަލަސްޠީނުގެ ތޭރަ ދަނޑުވެރިއަކުވެސް ވަނީ ޒަޚަމްވެފައެވެ.
މަޞްދަރު: ދި ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

ކޮމެންޓް (0)
ލޯޑް ކުރަމުން...