އ.ދ ގެ ތަޢުލީމާ ސައެންސާ އަދި ޘަޤާފަތާ ބެހޭ ޖަމްޢިއްޔާ "ޔުނެސްކޯ" ގެ ފުރިހަމަ މެންބަރުކަން ފަލަޞްޠީނަށް ލިބިއްޖެއެވެ.
ފަލަސްތީނުގެ އޮތޯރިޓީން ފުރިހަމަ މެންބަރުކަމަށް އެދި ހުށައަޅާފައިވާ ހުށައެޅުމަށް ގޮތެއް ނިންމުމަށްޓަކައި ޕެރިހުގައި ހުންނަ ޔުނެސްކޯގެ މައި އިދާރާގައި އިއްޔެ ބޭއްވި ޖަލްސާގައި 107 ގައުމަކުން ވަނީ ފަލަސްޠީނަށް ޔުނެސްކޯގެ ފުރިހަމަ މެންބަރެއްގެ ދަރަޖަ ދިނުމަށް ތާއީދުކޮށް ވޯޓުދީފައެވެ. މިކަމާ ދެކޮޅަށް ވޯޓުދީފައިވަނީ އެންމެ 14 ގައުމަކުންނެވެ. އޭގެ ތެރޭގައި އިޒްރޭލް، އެމެރިކާ، ޖަރުމަން، ސްވިޑްން، އަދި ނެދަލޭންޑްސް ހިމެނެއެވެ. 52 ގައުމަކުން މިވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. އަދި 20 ގައުމެއްގެ ސަރުކާރުން މި ވޯޓަށް ޙާޟިރުވެފައި ނުވެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.
ޢަރަބި ލީގްގެ ހުރިހާ ޤައުމަކާއި އެފްރިކާ އާއި ލެޓިން އެމެރިކާގެ ގާތްގަނޑަކަށް ހުރިހާ ޤައުމެއްހެން ވަނީ ފަލަސްޠީނާ އެއްކޮޅަށް ވޯޓުދީފައެވެ. އެންމެ ފުރަތަމަ މަރުޙަލާގައި ފަލަސްޠީނަށް ފުރިހަމަ މެންބަރުކަން ދިނުމާމެދު ކަންބޮޑުވުން ފާޅުކުރި ފަރަންސޭސިވިލާތުންވެސް ވަނީ އެންމެ ފަހު ވަގުތު ފަލަސްޠީނާ އެއްކޮޅަށް ވޯޓުދީފައެވެ.
އަނެއްކޮޅުން ޔުނެސްކޯގެ ފުރިހަމަ މެންބަރުކަން ފަލަސްޠިނަށް ދިނުމަށް ދެކޮޅުހަދަމަން ދިޔަ އެމެރިކާއިން ވަނީ މިއީ ވަގުތު ޖެހުމުގެ ކުރިން ނެގި، ބޭކާރު ވޯޓެއްގެ ގޮތުގައި ސިފަކޮށްފައެވެ.އަދި އެމެރިކާއިން ވަނީ ޔުނެސްކޯއަށް ދެމުން އަންނަ މާލީ އެހީވެސް ހިފަހައްޓާނެކަމުގެ އިންޒާރު ދީފައެވެ.
ސްރީލަންކާގައި ހުންނެވި ރާއްޖޭގެ ހައިކޮމިޝަނަރ އަލީ ޙުސައިން ދީދީ އާއެކު އެމެރިކާގެ އެމްބަސީގެ އޮފިޝަލުން ބޭއްވެވި ބައްދަލުކުރެއްވުމެއްގައި، އިޒްރޭލާ ދެކޮޅަށް އދ. އިން ފާސް ކުރަން އުޅުނު ޤަރާރަކަށް ރާއްޖެއިން ތާޢީދު ނުކުރުމަށް އެމެރިކާ އިން އެދިފައިވާ ކަމަށް ބުނާ ލިޔުމެއް ވިކިލީކްސްގެ އިން މީގެ ކުރިން ލީކުކޮށްލާފައި ވެއެވެ. އެ ލިޔުމުގައި ވާގޮތުގައި އަލީ ޙުސައިން ދީދީ ވިދާޅުވެފައި ވަނީ ޤަރާރަށް ވޯޓް ދިނުމާ މެދު ސަރުކާރުން ވަރަށް ފުންކޮށް ވިސްނަމުންގެންދާ ކަމަށެވެ. އަދި މި ޤަރާރާ މެދު ދިވެހިރާއްޖެ އިން ޢަމަލުކުރާނެ ގޮތެއް ކަނޑައެޅިގެން ވިދާޅުނުވި ނަމަވެސް، ވަކި ކޮޅަކަށް ވޯޓް ނުދިނުން، ނުވަތަ ވޯޓުގައި ބައިވެރިނުވުން ކުރެ އެއްގޮތަކަށް ޢަމަލުކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށެވެ. ރާއްޖެއާ އިޒްރޭލާ ދެމެދު އަލުން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާކަން ފާހަގަކޮށް ޢަލީ ޙުސައިން ވިދާޅުވި ކަމަށް އެލިޔުމުގައި ވަނީ "ރަނގަޅު ގޮތެއް ވާނެ" ކަމަށެވެ.
_________
މަޞްދަރު: ދި ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

ކޮމެންޓް (0)
ލޯޑް ކުރަމުން...