އިޒްރޭލު ސިފައިންގެ މީހަކު ހައްޔަރުކުރާ މީހަކަށް 900,000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ދެއްވާނެ ކަމަށް ސައޫދީ ޕްރިންސް ޚާލިދު އަލް ސައުދު ވިދާޅުވެއްޖެ އެވެ.
ދަލީލް ޓީވީ ޗެނަލް މެދުވެރިކޮށް ޕްރިންސް ވިދާޅުވީ އިޒްރޭލު ސިފައިންގެ މީހަކު ހައްޔަރު ކުރުމުގެ ބޭނުމަކީ ފަލަސްތީނުގެ ކުށެއްނެތް އާއްމުން އިޒްރޭލުން ހައްޔަރުކޮށްފައި ވުމާއެކު އެމީހުން މިނިވަންކުރުން ކަމަށެވެ. ޕްރިންސް ވިދާޅުވި ގޮތުގައި، މި އިނާމު ހުށަހެޅީ އިޒްރޭލު ސިފައިންގެ މީހަކު ހައްޔަރުކުރާ މީހަކަށް އެގައުމުގެ އިލްމުވެރިއެއް ކަމުގައިވާ ޑރ.ޢަވަޟު އަލްޤަރްނީ 100,000 އެމެރިކާ ޑޮލަރު ދާދި ފަހުން ހުށަހެޅުމުން، އެބޭފުޅާ އަށް އިޒްރޭލުން މަރުގެ އިންޒާރު ދީފައިވާތީ އެކަމަށް ދޭ ރައްދެއްގެ ގޮތުގަވެ.
"ޑރ.ޢަވަޟު އަލްޤަރްނީ ހުށަހެޅުއްވީ 100,000 އެމެރިކާ ޑޮލަރު. ހުށަހެޅުމާއެކު އިޒްރޭލުން ވަނީ ޑރ. ޤަރްނީ އަވަހާރަކޮށްލި މީހަކަށް 1 މިލިއަން ދޭނެކަމަށް ބުނެފައި. އަޅުގަނޑު ޑރ. ޤަރްނީ އަށް ދަންނަވާނީ އަޅުގަނޑު މިހުރީ ތިބޭފުޅާއާ އެކުގައޭ، އަދި {އިޒްރޭލު ސިފައިންގެ މީހަކު ހައްޔަރު ކުރާ މީހަކަށް} އަޅުގަނޑު ދޭނަމޭ 900,000 އެމެރިކާ ޑޮލަރު. އެގޮތުން އިޒްރޭލު ސިފައިންގެ މީހަކު ހައްޔަރު ކުރާ މީހަކަށް ޖުމްލަ 1 މިލިއަން އެމެރިކާ ޑޮލަރު އިނާމެއްގެ ގޮތުގައި ދެވޭނެ. އެއީ ފަލަސްތީނުގެ ރަހީނުން ސަލާމަތްކުރުމަށްޓަކައި." ޕްރިންސް ވިދާޅުވިއެވެ.
އިޒްރޭލު ސިފައިންގެ މީހަކު ހައްޔަރު ކުރާ މީހަކަށް އިނާމެއްގެ ގޮތުގައި ދާދި ފަހުން 100,000 އެމެރިކާ ޑޮލަރު ދެއްވާނެ ކަމަށް ދާދިފަހުން ޑރ.ޢަވަޟު އަލްޤަރްނީ އިޢުލާންކުރެއްވުމުން، ޔަހޫދީ ޓެރަރިސްޓު ފަރާތްތަކުން ވަނީ ޑރ. ޤަރްނީ އަށް މަރުގެ އިންޒާރު ދީފައެވެ. ނަމަވެސް، ޑރ. ޤަރްނީ މި އިނާމު އިއުލާންކުރެއްވީ ފަލަސްޠީނުގެ ދޫވެފައިވާ 2 އަސީރުންގެ މީހަކު މަރާލި ކޮންމެ މީހަކަށް 100,000 ޑޮލަރު ދޭނެކަމަށް އިޒްރޭލުން އިއުލާން ކުރުމާ ގުޅިގެން އެކަމަށް ރައްދެއްގެ ގޮތުންނެވެ.
ޑރ. ޤަރްނީގެ ފޭސްބުކް ޕޭޖްގައި މި އިޢުލާން ކުރެއްވުމުގެ ސަބަބުން އެތައް ގަޑިއިރަކަށް ފޭސްބުކުން މި ޕޭޖް ބްލޮކް ކޮށްލާފައި ވެއެވެ. އަދި ފޭސްބުކުން ވަނީ ޑރ. ޤަރްނީ މި އިޢުލާން ވެސް ފުހެލައިފައެވެ. ފޭސްބުކްގެ އިދާރީ ފަރާތްތަކުން ޑރ. ޤަރްނީ އަށް އެކަމާ ބެހޭގޮތުން ފޮނުވި މެސެޖުގައި ބުނެފައި ވަނީ އެއީ ބައެއްގެ ދިރިހުރުމަށް ނުރައްކާވާކަމެއް ކަމަށެވެ. އެހެންނަމަވެސް ޑރ. ޤަރްނީ އަށް މަރުގެ އިންޒާރު ދީފައިވާ ޔަހޫދީ ގްރޫޕުތަކާ ދެކޮޅަށް ފޭސްބުކްގެ އިދާރީ ފަރާތްތަކުން އެއްވެސް ކަމެއް ކޮށްފައި ނުވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...