ފޭސްބުކްގައި ލިޔުނު އެއްޗެއްގެ ސަބަބުން އިނގިރޭސިވިލާތުގެ ދެ ރައްޔިތަކު ހަތަރު އަހަރަށް ޖަލަށް ލުމަށް އެޤައުމުގެ ހައިކޯޓުން ހުކުމް ކޮށްފިއެވެ.
ހައިކޯޓުން ޙުކުމް އިއްވާފައި ވަނީ އުމުރުން 21 އަހަރުގެ ޖޯޑަން ބްލެކްޝާ އާއި އުމުރުން 22 އަހަރުގެ ޕެރީ ސަޓްކްލިފް ގެ މައްޗަށެވެ. މިފަދައިން ޙުކުމްކޮށްފައި ވަނީ މިދިޔަ އޯގަސްޓު މަހު އެގައުމުގައި ކުރިއަށް ދިޔަ މުޒާހަރާތަކާއި ގުޅޭ ގޮތުން މަޝްހޫރު ސޯޝަލް ނެޓްވޯކް ފޭސްބުކް ގައި މި ދެ މީހުން ލިޔެފައިވާ ލިޔުންތަކުގެ ސަބަބުން ނުރައްކާތެރި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ކަމަށް ބުނެއެވެ.
މި ހުކުމް އިއްވަމުން ގާޒީ ބުނެފައި ވަނީ ޒަމާނީ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި އެމީހުން ބޭނުންކޮށްފައިވާ ކަމަށާއި އާއްމު ފަރުދުންނަށް ނުރައްކާތެރި ކުށްތަކަށް އަރައިގަތުމަށް ހިތްވަރުދީފައި ވާކަމަށެވެ.
އެގައުމުގެ ލޯޔަރުންނާއި އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ސަރުކާރާއި އިދިކޮޅު ކަމެއްކޮށްގެން މި އިއްވެވި ހުކުމަކީ އޭގެ ޒާތުގައި މާ ހަރުކަށި އަދަބެކެވެ.
އެހެން ނަމަވެސް އިނގިރޭސި ބޮޑު ވަޒީރު ވަނީ ކޯޓު ގެ ހުކުމަށް ތައުރީފް ކޮށްފައެވެ. އޭނާ ބުނާ ގޮތުގައި ކޯޓުން އެވަނީ އެގައުމުގައި އޯގަސްޓު މަހު ހިނގާ ދިޔަ މުޒާހަރާ ތަކަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަން ވަރަށް ސާފު ކޮށް ބަޔާން ކޮށްދީފައެވެ. އަދި އެފަދަ ނުކިޔަމަންތެރި އަމަލުތައް ރާވާ ހިންގާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރު އެގައުމުގެ ޝަރުއީ އިދާރާއަށް ތައުރީފް ކުރުން އެއީ އެގައުމުގެ ދެފުށް ދެގޮތް ސިޔާސަތު އިތުރަށް ބޭޒާރުވި ކަމެއް ކަމަށް މުރާސިލުން ބުނެއެވެ.
އިނގިރޭސިވިލާތަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހާއްސަކޮށް މުސްލިމް ގައުމުތަކުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ދެމެދު ހިނގާ މިފަދަ ހަމަނުޖެހުންތަކުގައި އެގައުމުތަކުގެ ސަރުކާރުން އަޅާ ފިޔަވަޅުތަށް މާ ހަރުކަށި ކަމަށް ބުނެ ފާޑު ކިޔަމުންދާ ގައުމެކެވެ. ނަމަވެސް އަމިއްލަ ގައުމުގައި މިފަދަ ކަމެއް ހިނގުމުން އެއީ ސަރުކާރަށް ނުކިޔަމަންތެރިކަން އަދާކުރުން ކަމަށް ބުނެ ހަރުކަށި އަދަބުދިނުން އެއީ އެގައުމުގެ އަސްލު ސިފަ ދުނިޔެއަށް ހާމަވެގެންދާ ކަމެއް ކަމަށްވެސް މުރާސިލުން ބުނެއެވެ.
މީގެ އިތުރުން މިނިވަން ކަމާއެކީ އަމިއްލަ ހިޔާލު ސޯޝަލް ނެޓްވޯކެއްގައި ބޭނުން ކުރުމުން މި ފަދަ ހަރުކަށި އަދަބެއް "ޑިމޮކްރަސީ" ފައްކާވެފައިވާ ގައުމުގެއްގައި ލިބުމުން ގިނަބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.
___
މަސްދަރު : ޕްރެސް ޓީވީ

ކޮމެންޓް (0)
ލޯޑް ކުރަމުން...