އިޒްރޭލާއި ދެކޮޅަށް ޖަރުމަނުގެ 2.8 މިލިއަން މީހުން މުޒާހަރާކޮށްފިއެވެ.
ޖަރުމަނުގެ ގިނަ އަދަދަކަށް މީހުން މަގުމައްޗަށް ނުކުމެ މުޒާހަރާކޮށްފައިވަނީ ދާދިފަހުން އެހީދޭ އުޅަނދެއް ގާޒާއަށް މިސްރާބުޖަހާފައިވަނިކޮން އިޒްރޭލުގެ ސިފައިން ވަރަށް ލާއިންސާނީ ގޮތެއްގައި އެބޯޓަށް އަރާ އެތައް ބަޔަކު މަރާލުމާއި ގުޅިގެންކަމަށް ހަބަރު ލިބެއެވެ. މިމައްސަލާގައި އިޒްރޭލާއި ދެކޮޅަށް ޔޫރަޕާއި މުސްލިމު ޤައުމުތަކުގައިވެސް ދަނީ ބޮޑެތި މުޒާހަރާތައް ބާއްވަމުންނެވެ.
އައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި ބޯޓަށް އިޒްރޭލުން އަރައި ހިންގި ޤަތުލުއާންމާއި ދެކޮޅު ހެދުމުގެ ގޮތުން ޖަރުމަނުގެ މަގުތަކުގައި އެމީހުންވަނީ ބޯޑުތަކާއި ބެނާތައް ހިފައިގެން އިޒްރޭލާއި ދެކޮޅަށް ޝުއޫރުތައް ފާޅުކޮށްފައެވެ. އަދި ފަލަސްތީނުގެ ދިފާއުގައި އެމީހުންވަނީ ތަފާތު މެސެޖްތައް ދީފައެވެ.
އިޒްރޭލުގެ ޤަތުލް އާންމުގެ ސަބަބުން އިޒްރޭލަށް އެމެރިކާ ފިޔަވާ ހުރިހާ ގައުމަކުން ދަނީ އެތައް ފާޑުކިޔުންތައް ރައްދުކުރަމުންނެވެ. އޭގެތެރޭގައި ތުރުކީ އޮތީ ވަރަށް ކުރީގައިކަން ފާހަގަ ކުރެވެއެވެ. އެހީ ހިފައިގެން ދިޔަ ބޯޓުގައި ތުރުކީގެ ޕާލަމެންޓް މެމްބަރެއްވެސް ހިމެނެއެވެ. އަދި އެބޯޓުގައި ހިންގި އުދުވާނުގައި ޝަހީދުވީވެސް ތުރުކީގެ މީހުންނެވެ. އެގޮތުން ތުރުކީއަށް އިޒްރޭލުގެ މީހުން އައުން މިހާރު ވަނީ މަނާކޮށްފައެވެ. އަދި ބައެއް ގައުމުތަކުގެ ބަނދަރުތަކަށް އިޒްރޭލުގެ ބޯޓުތައް މުދާބޭލުމަށްވަނީ ހުރަސްއަޅާފައެވެ.
އިޒްރޭލުން ހަމަލާ ދިން ބޯޓުގައި ހުރީ 55 ޓަނުގެ ސިމެންތިއާއި ތައުލީމީ ދާއިރާއަށް ބޭނުންވާ ސާމާނާއި ކުޅޭއެއްޗިއްސާއި ސިއްހީ އާލާތްތައް ފަދަ ސާމާނުތަކެވެ. އަދި އިޒްރޭލުގެ ހެލިކޮޕްޓަރާއި ލޯންޗްތައް އެބޯޓަށް ކައިރި ކުރުމުން އެބޯޓުންވަނީ 'ހުދުދިދަ'ވެސް ނަގާފައެވެ. އެހެނަސް މިއެއްވެސް ކަމަކަށް ފަރުވާލެއް ނެތި އިޒްރޭލުން ވަނީ ވަރުގަދަ ޤަތުލްއާންމެއް ބޯޓުގައި ހިންގުމަށް ފަހު ހަށިފޮޅާލާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...