މިއަދު މުޅި ދުނިޔޭގައި އެއްއަޑަކުން ގޮވަމުންދަނީ ޙައްޤުތަކުގެ ވާހަކަޔާއި ހަމަހަމަކަމުގެ ވާހަކައެވެ. އަންހެނުންގެ ޙައްޤުތަކާއި، ކުޑަކުދިންގެ ޙައްޤުތަކުގެ ތަކާއި، ކުށްވެރިންނާއި ޤައިދީންގެ ޙައްޤުތަކުގެ ވާހަކަޔާއި ސިޔާސީ ކުއްވެރިންނާއި ހަނގުރާމައިގައި ހިފެވޭ އަސީރުންގެ ޙައްޤުތަކުގެ ވާހަކަވެސް ވަރަށް ބާރަށް ދެކެވެމުންދެއެވެ. އަދި ނުވިތާކަށް ޖަނަވާރުންގެ ޙައްޤުތަކުގެ ވާހަކަވެސް ދެކެވެއެވެ. މިއެންމެންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ތަފާތު ކޮމިޝަންތަކާއި ޖަމްޢިއްޔާ ޖަމާއަތްތައް ވަނީ އުފައްދާފައެވެ. އަދި މިއެންމެންގެ ޙައްޤުތަކުގައި ކޮންމެ އަހަރަކު ޚާއްޞަދުވަސްތަކެއް ދަނީ ފާހަގަކުރެވެމުންނެވެ. ވޯރލްޑް ވިމެންސްޑޭގެ ނަމުގަޔާއި، ވޯރލްޑް ޗިލްޑްރަންސް ޑޭ ނަމުގައި ކޮންމެ އަހަރަކު ޚާއްޞަ ދުވަހެއް ފާހަގަކުރަމުން ދާއިރު، ޙައްޤުތަކުގެ ނަމުގައި ވާހަކަ ދައްކަމުންދާ ފަރާތްތަކުން ވަނީ ފިރިހެނުންގެ ޙައްޤުތަކާއިމެދު އިޙްމާލްވެފައެވެ. ނުވަތަ އެބައިމީހުންނަށް ހީވެފައި އޮންނަނީ ފިރިހެނުންނަކީ ހުރިހާ ޙައްޤުތަކެއް ފުރިހަމަވެފައިވާ ބައެއްގެ ގޮތުގައެވެ.
ނަމަވެސް ޚަޤީގަތަކީ ވަރަށް ގިނަ ފިރިހެނުންގެ ޙައްޤުތައްވެސް ވަނީ ގެއްލިފައެވެ. ބައެއްފަހަރު އަބިންގެ ފަރާތުންނެވެ. އަދި ދަރިންނާއި އާއިލާގެ ފަރާތުންނާއި މުޖުތަމައުގައި އުޅޭ އެހެން ފަރާތްތަކުގެ ސަބަބުންނެވެ. ނަމަވެސް ޙައްޤުތަކުގެ ނަމުގައި ވާހަކަދައްކާ ފަރާތްތަކުން އެހެންމީހުންގެ ފުށުން، ފިރިހެނުންގެ ޙައްޤުތައް ގެއްލިގެން، މިޙައްޤުތައް ހޯދުމަށް ވާހަކަދައްކާ ތަނެއް ނުފެނެއެވެ.
ފިރިހެނުންގެ ޙައްޤުތަކުގެ ވާހަކަތައް ނުދެއްކުމަކީ ހަމަހަމަ ކަމުގެ މިންގަނޑުތަކާއި ޑިމޮކުރަސީގެ ޢާއްމު އުޞޫލާއި، ޢަދުލްއިންސާފުގެ އުޞޫލުތަކާވެސް ތަޢާރުޒުވާކަމެކެވެ. ޙައްޤުތަކުގެ ނަމުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ޕާޓީތަކުންވެސް އަދި ރައްޔިތުންގެ މަޖިލީހާއި ޤާނޫނު ހަދާމަޖިލިސްތަކުގައި، ފާސްކުރެވޭ ޤަރާރުތަކާއި، ޤާނޫނުތައްވެސް ތަންފީޒުކުރެވެނީ އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށެވެ. ހައިރާންވާން ޖެހޭ ކަމަކީ ރައްޔިތުންގެ މަޖިލީހާއި ޤާނޫނު ހަދާ މަޖިލިސްތަކުގައި ޙައްޤުތައް ގެއްލިފައިވާ ފިރިހެނުން ތިބިއިރުވެސް އެބައިމީހުންވެސް، ޙައްޤުތަކުގެ ވާހަކަ ދެކެވޭ ދަނޑިވަޅެއްގައި ފިރިހެނުންގެ ޙައްޤުތަކުގެ ވާހަކަ ދެކެވޭތަނެއް ނާދެއެވެ. އެބައިމީހުންވެސް ނިޒާމީ ނުކުތާގެ ބޭނުންކޮށްގެން އެފަދަ ދަނޑިވަޅެއްގައި ދައްކަނީ ޙައްޤުގެއްލިފައިވާ އަންހެނުންގެ ޙައްޤުތަކުގެ ވާހަކައެވެ.
ފިރިހެނުންނަކީ އެބައިމީހުން ދިރިއުޅުން ތަހަންމަލު ކުރަން ޖެހޭގޮތުން ވަރަށް ގިނަ ޙައްޤުތައް ގެއްލޭ ބަޔެކެވެ. ބުރަ މަސައްކަތްތަކުގައި އުޅެންޖެހުމާއި، ރެއާދުވާލު ކަނޑުމަތިގަޔާއި، ކޮންކުރީޓް ގަށާ މެށިންތަކުގެ ދަށުގައިވެސް ބުރަކޮށް ހަރަކާތްތެރިވާން ޖެހުމާއި، 50 ކިލޯގެ ބަރުދަން ހުންނަ ސިންމެތި ބަސަތާޔާއި ހިލަ، ހިލަވެލި ބަސްތާތައް ކޮނޑުންނާއި ބުރަށިން އުފުލަން ޖެހުމުން، ޖިސްމާނީ ގޮތުން ފިރިހެނުންގެ ޙައްޤުތައް ގެއްލިގެން ދެއެވެ.
ފިރިހެނުންގެ ޙައްޤުތައްވެސް ގެއްލިފައިވުމުން، އެޙައްޤުތައް ހޯދައިދިނިމަށްޓަކައި، ޚާއްޞަދުވަހެއް ފާހަގަކުރުމަކީ ވަރަށްވެސް މުޙިއްމު ބޭނުންތެރިކަމެކެވެ. އެހެންކަމުން ވޯރލްޑްސް މޭންސް ޑޭގެ ގޮތުގައި އަހަރީ ކަލަންޑަރުގައި ރަންއަކުރުން ދުވަހެއް ފާހަގަކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...