ރިޕޯޓް "ސައްދުއްޛަރާއިޢު" ގެ ދަށުން މޫނު ބުރުގާ މަނާ ކުރަން އުޅުން!

"ސައްދުއްޛަރާއިޢު" ގެ ދަށުން މޫނު ބުރުގާ މަނާ ކުރަން އުޅުން!

"ސައްދުއްޛަރާއިޢު" ގެ ދަށުން މޫނު ބުރުގާ މަނާ ކުރަން އުޅުން!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ކުއްލިއްޔާގެ ރެކްޓަރު އެތަނަށް މޫނު ބުރުގާ އަޅައިގެން ކިޔަވަންދާ އަންހެން ދަރިވަރަކަށް މޫނު ބުރުގާ ނަގައިގެން ކިޔަވަން އަންނަ އެންގެވި ޚަބަރަކީ އެންމެން ދަންނަ ޚަބަރެކެވެ. ނޫސް މަޖައްލާތަކުގައި ވަނީ އެ މައްސަލަ ވަރަށް ބޮޑަށް ކަވަރުކޮށްފައެވެ. ދިއިސްލާމުންވެސް ކޮންމެވެސް ވަރަކަށް މި ޚަބަރު ކަވަރުކުރިއެވެ.

ދިއިސްލާމުން ގެނެސްދިން ޚަބަރުތަކަށް ލިބިފައިވާ ޚިޔާލުތައް އަޅުގަނޑު ކޮންމެވެސް ވަރަކަށް ދިރާސާކޮށްލީމެވެ. ޖުމުލަ ގޮތެއްގައި، މޫނު ބުރުގާ މަނާ ކުރުމުގައި ކުއްލިއްޔާގެ ނިންމުމާމެދު، މުޅިންވެސް ހުރީ ނުރުހުމުގެ ޚިޔާލުތަކެވެ. އެ ނިންމުމަށް ގިނަ ބަޔަކު ތަރުހީބެއް ނުދެއެވެ. ނަމަވެސް، މަދު މީހެއް، އެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ކަމަށް ޚިޔާލު ފާޅުކޮށްފައިވެއެވެ. އަދި އެއީ ކުރަންވެއްޖެ ކަމެއް ކަމަށް ބުނެފައިވެއެވެ.

އަޅުގަނޑާ މި މައްސަލާގައި ޚިޔާލު ބަދަލު ކުރެވުނު ބައެއް ފަރާތްތަކުން، "ސައްދުއްޛަރާއިޢު" ގެ ދަށުން މޫނު ބުރުގާ އެޅުން މަނާ ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. ފެންނަ ފެނުމުން، އެގޮތަށް ވަކާލާތުކޮށްފައި ވަނީ ދީނީ ގޮތުން ކޮންމެވެސް ވަރެއް އެނގޭ ބަޔަކު ކަމުގައި ލަފާ ކުރެވިދާނެއެވެ.

ވުމާއެކު، އަޅުގަނޑު ބަލައިލަން ބޭނުންވަނީ "ސައްދުއްޛަރާއިޢު" އާ ބެހޭގޮތުންނެވެ. ޝައްކެއްނެތް ގޮތުގައި "ސައްދުއްޛަރާއިޢު" އަކީ ފިޤްހީ ޤާޢިދާއަކަށް ކިޔާ ނަމެކެވެ. "ސައްދު" އަކީ ކަމެއް ދުރުކުރުމެވެ. ނުވަތަ މަނާ ކުރުމެވެ. "ޛަރާއިޢު" އަކީ ވަޞީލަތްތަކެވެ. އެއީ ޢަރަބި ބަހުގެ ލުޣަވީ މާނައެވެ. ފިޤްހީ އިޞްތިލާހުގައި (މާނައިގައި)، "ސައްދުއްޛަރާއިޢު" މިޤާޢިދާއަކީ، ނުބައި ކަމަކަށް ނުވަތަ ޙަރާމް ކަމަކަށް ނުވަތަ ފަސާދައަކަށް ވާޞިލުކޮށްދޭ ކޮންމެ ކަމެއް މަނާކުރުމެވެ.

ދެން މޫނު ބުރުގާ މައްސަލައަށް ޖެހިލަމާތޯއެވެ. މޫނު ބުރުގާ އަކީ އިސްލާމީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވާ މައްސަލައެކެވެ. މިއީ އަލަށް އިޚްތިލާފު އުފެދިގެން އުޅޭ މައްސަލައެއް ނޫނެވެ. އެއްބަޔަކު އެއީ ވާޖިބެއް ކަމަށް ދެކިލައްވައެވެ. އަނެއް ބަޔަކު، އެއީ ސުންނަތެއް ކަމުގައި ދެކިލައްވައެވެ. މިއީ ޖުމްހޫރުން ކަމުގައި ގިނަ ފިޤްހީ ފޮތްތަކުގައި ވެއެވެ. ނަމަވެސް، ސުންނަތެއް ކަމުގައި ދެކިލައްވާ ބޭކަލުންވެސް، ފިތުނަވެރި ޚާލަތެއް މެދުވެރިވެއްޖެނަމަ، މޫނު ބުރުގާ ވާޖިބުކަމަށް ވިދާޅުވެއެވެ. މިއާ ވިދިގެން، މިފަދަ އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ދަށު ދަރަޖައިގެ ޒަމާނެއްގައި، ސުންނަތެކޭ ވިދާޅުވާ ބޭފުޅުންގެ ރައުޔުގައިވެސް މިހާރު މޫނު ބުރުގާ އެޅުން ވާޖިބު ވާނެތޯ ނުވަތަ ނޫންތޯ މިއީ މުޅިން އެހެން ބަހުސެކެވެ.

އެހެންކަމުން، ބޮޑެތި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައި ވުމާއެކު، އިސްލާމީ އުއްމަތް އަބަދުވެސް މި ދެ ރައުޔުގައި އަންނަނީ ހިފަމުންނެވެ. އެގޮތުން، މޫނު ބުރުގާ އެއީ ވާޖިބު ކަމެއްކަމުގައި ދެކިލައްވާ ރައުޔަށް ބުރަވާ އުޚުތުން އަޅުގަނޑުމެންގެ ތެރޭގައިވެސް ދަނީ ގިނަވަމުންނެވެ. މިއީ އެ އުޚުތުންނަށް ދީނުގައި ލިބިދީފައިވާ ޙައްޤެކެވެ. މިއީ މިކަމަށް، މުއައްސަސާތަކުންނާއި ޤާނޫނު ހައްދަވާ ބޭފުޅުން އިޚްތިރާމުކުރަން ޖެހޭނެ މަވްޤިފެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

މޫނު ބުރުގާ އެޅުމަކީ ޙަރާމްކަމެއް ނޫނެވެ. އަދި ޙަރާމްކަމަކަށް ވާޞިލުކުރާ ކަމެއްވެސް ނޫނެވެ. އަދި ފިތުނަ ފަސާދަ އުފައްދާ ކަމެއްވެސް ނޫނެވެ. އެހެންކަމުން، "ސައްދުއްޛަރާއިޢު" ޤާޢިދާގެ ދަށުން ކަމަށް ބުނެ މޫނު ބުރުގާ މަނާކުރަން ގޮވާލުމަކީ، ފިޤްހީ ޤާޢިދާތަކުގެ ނަން ކިޔަން އެނގުނަސް، ފިޤްހީ ޤާޢިދާތައް ރަނގަޅަށް ނުދަންނަ މީހަކު ކުރާނެ ކަމެކެވެ.

މިއާ ޚިލާފަށް "ސައްދުއްޛަރާއިޢު" ގެ ދަށުން ބާރު ލިބެނީ މޫނު ބުރުގާ އަޅަން ބޭނުންވާ އުޚުތުންނަށް އެއީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލުމަށެވެ. އެއީ އެކަން މަނާ ކުރުމަކީ މުޖުތަމަޢުގެ ހަމަޖެހުން ގެއްލިގެންދާ ކަމެއްކަން އަޅުގަނޑުމެންނަށް ވަނީ ކުއްލިއްޔާގެ މި ނިންމުމާ ގުޅިގެން ފެނި ކަށަވަރުވެފައެވެ. ކުއްލިއްޔާގެ އެ ނިންމުމުގެ ސަބަބުންވަނީ ބޮޑު ހަމަނުޖެހުމަކަށް ވެފައެވެ. ކުއްލިއްޔާ މާހައުލުގައްޔާއި ބޭރުގާވެސް މެއެވެ. އެހެންކަމުން، ސައްދުއްޛަރާއިޢު ދަށުންވެސް މިކަން އިޚްތިޔާރަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެވެ.

ދެން އޮތީ، މޫނު ބުރުގާ އަޅައިގެން ދާނެ ކުދިންގެ ސަބަބުން ނުރައްކާތެރިކަމެއް ދިމާވެދާނެ ކަމުގެ ތުހުމަތެވެ. ނުވަތަ އެކުދިންނަކީ ކޮން ބައެއްކަން ދަނެގަތުމުގެ އުދަނގުލެވެ. ނުވަތަ ޓެސްޓް ހަދަން ކިޔަވާ ކުއްޖާ ނޫން އެހެން މީހަކު މޫނު ބުރުގާ އަޅައިގެން އައިސްދާނެ ކަމުގެ ހާސްކަމެވެ.

މިއީ މުޅިންވެސް ތާކުން ތާކު ނުޖެހޭ އުޒުރުތަކެވެ. މިއީ މަފްސަދާއެއްކަމުގައި ބެލެވޭކަށްވެސް ނެތެވެ. ސަބަބަކީ، ދެތިން އަންހެން ގާރޑުން، ދެ ދަންފަޅިއަށް ބަހައިގެން، ތިބޭ ގޮތަށް ހެދީމައި މައްސަލަ ހައްލުވީއެވެ. މޫނު ބުރުގާ މަނާކުރަން ނުޖެހި ފަރު ޖެހުނީއެވެ. އަދި ބައެއް އުޚުތުން ތަޢުލީމީ ޙަޔާތާ އަލްވަދާޢު ކިޔާކަށްވެސް ނުޖެހޭނެއެވެ. އަދި މުޖުތަމަޢުގެ ހަމަޖެހުމަށް ބުރުލެއްވެސް ނާރާނެއެވެ. ނަމަވެސް، މޫނު ބުރުގާ މަނާ ކުރުމުގެ ސަބަބުން ނުކުންނަ މަފްސަދާ ބޮޑުކަން މާޒީން ކަށަވަރުވެއްޖެއެވެ. އެހެންވުމުން، ސައްދުއްޛަރާޢިއަކީ މި ޚާލަތުގައި މޫނު ބުރުގާއަކީ އިޚްތިޔާރެއްގެ ގޮތުގައި ދޫކޮށްލުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.