މި މަހު 24 ވަނަ ދުވަހު ހއ. ފިއްލަދޫ ގިނަ ރައްޔިތުންތަކެއް އެ ރަށުގެ ފާލަން ދޮށަށް ޖަމާވިއެވެ. އެރި އިރާއެކު ހެނދު ހެނދުނާއެވެ. މުޒާހަރާއަކަށް ވާން ޖެހޭ ފުރިހަމަ ތައްޔާރީއާއެކު އެވެ. އެއީ ބޮޑު ދުވަހެއް ކަމަށް ބަލާފައެވެ. އިޒްރޭލުގެ ދަނޑުވެރިކަން ކުރާ ކުންފުންޏަކުން އެ ރަށުގައި ކުރެވޭނެ ދަނޑުވެރިކަމެއް އޮތްތޯ ބަލައި ދިރާސާ ކުރަން އަންނަން ހަމަޖެހިފައިވާ ދުވަހެވެ.
ނަމަވެސް ފިއްލަދޫ ރައްޔިތުން މިކަމާ ދެކޮޅު ޝުޢޫރުތައް ފާޅުކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ސަރުކާރަށް މި ރަށު ރައްޔިތުން ކުރަމުން ދިޔަ އިޙްތިޖާޖުތަކުގެ ޚަބަރު ބަރާބަރަށް ލިބެމުން ދިޔައެވެ. އަދި ނޫސް މަޖައްލާތަކުގައިވެސް އެވާހަކަތައް ލިޔެވެމުން ދިޔައެވެ. ނަތީޖާއަކީ، ސަރުކާރުން ސިހުމެވެ. ސަރުކާރުން އެދަތުރު ކެންސަލްކޮށްލީއެވެ.
މިއީ ސަރުކާރުން ރައްޔިތުންގެ ޝުޢޫރުތަކާ ދެކޮޅަށް އިޒްރޭލާ ގުޅުން ޤާއިމުކުރަމުންދާ ދިއުމަށް ކުރިމަތިވި ގޮންޖެހުމެކެވެ. ފިއްލަދޫ ރައްޔިތުން އެ ވަނީ ރައްޔިތުންގެ ބާރު ސަރުކާރަށް ދައްކާފައެވެ. އަޅުގަނޑު ޤަބޫލުކުރާ ހިތް އޮތީ މިއީ ފިއްލަދޫ ރައްޔިތުންގެ އެކަނި ޝުޢޫރުތަކެއް ނޫންކަމުގައެވެ. ދިވެހި ފަސްގަނޑުގައި ހިމެނޭ ކޮންމެ ރަށެއްގެ ރައްޔިތުންގެ ޝުޢޫރުތައްވެސް ހުރީ މިގޮތަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ސަބަބު ވަރަށް ސާފެވެ.
އަނިޔާވެރި އިޒްރޭލުން އެދަނީ ލާ އިންސާނީ އެތަކެއް ލޭ އޮހޮރުވުމެއް އޮހޮރަމުންނެވެ. އެތަކެއް ޤަތުލު ޢާންމެއް ހިންގަމުންނެވެ. އެތަކެއް ކުޑަ ކުދިންނެއް ފަނާ ކުރަމުންނެވެ. އެތަކެއް ގެތަކެއް ބިމާ ހަމަކުރަމުންނެވެ. އެތަކެއް އަންހެނުންނެއްގެ ޢިއްފަތް ފޭރެމުންނެވެ. މިއީ އިންސާނިއްޔަތާ ޚިލާފަށް ހިންގޭ ޖަރީމާއެކެވެ. އިންސާނީ ކުލުނު ހިނގާ އެއްވެސް އިންސާނެއް މި އަނިޔާވެރިކަމަށް ތަރުހީބެއް ނުދޭނެއެވެ. މި ލާ އިންސާނީ ދަޢުލަތާ މެދު ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ނުރުހުމުގެ ޝުޢޫރުތައް ފާޅުކުރަމުންދަނީ ވަކި ޖިންސެއް ވަކި މިއްލަތެއް ތަފާތުވުމެއް ނެތިއެވެ. ޚުދު ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ގިނަ ޔަހޫދީންވެސް މިކަމާ ދެކޮޅު ހަދައެވެ.
ނަމަވެސް، އިންސާނުންނަށް ވުމުގެ އިތުރުން ފަލަޞްޠީނަކީ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނެވެ. އެއް އުއްމަތެކެވެ. އެއް ގުނަވަނެއްގައި ވޭން އަޅާނަމަ، އެއާ ބައިވެގެން އެހެން ހުރިހައި ގުނަވަނެއް ހުމާ ހޭލައި ހުންނާނެއެވެ. ދެން އަޅުގަނޑުމެންގެ ހިތުގައި ކިހައި ވޭނެއް އަޅާނެތޯއެވެ. ދެން އަޅުގަނޑުމެންގެ ލޮލުން ކިހައި ކަރުނައެއް ހިލޭނެތޯއެވެ. ދެން އަޅުގަނޑުމެންގެ ލަގޮނޑިއަށް ކިހައި އަސަރެއް ކުރާނެތޯއެވެ.
އަޅުގަނޑުމެން ދިވެހިން އިޒްރޭލަށް ނުރުހެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ސަބަބު މުޅި ދުނިޔެއަށް ސާފެވެ. މިސާލަކަށް އ.ދ ގެ ޢާންމު މަޖިލީހުގައި އެމެރިކާއާއި އިޒްރޭލުން ދެއްކި ވާހަތައް ވެސް މިކަމަށް ފުދެއެވެ. ބޮޑު މަންޒަރު ސާފެވެ. ފަލަޞްޠީނުގައި ފަލަޞްޠީނު ރައްޔިތުންނަށް ދައުލަތެއް ޤާއިމު ވިޔަ ނުދޭން އެ އޮތީ އެމެރިކާއާއި އިޒްރޭލުން ކަމަރު ބަދެފައެވެ.
ފިއްލަދޫ އަކީ ނަމޫނާ ރަށެކެވެ. ފިއްލަދޫ ރައްޔިތުންނަކީ ދިވެހި ހުރިހައި ރައްޔިތުންނަށް ނަމޫނާއެކެވެ. ފިއްލަދޫ ރައްޔިތުން އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް އެ ދެއްވީ ނަޞްރެކެވެ. އެބައިމީހުންގެ ފެންވަރުންނެވެ. މިއީ އުއްމަތުގެ ޙައްޤުގައި ފިއްލަދޫ ރައްޔިތުން ކުރެއްވި ޖިހާދެކެވެ. ރައްޔިތުންގެ ނުރުހުމުގައި ސަރުކާރުން އިޒްރޭލާ ބާއްވާ ގުޅުމަށް ރައްޔިތުންނަށް ދެވޭނެ އެންމެ ފުރިހަމަ ރައްދަކީ މިއީ ކަމަށް ޤަބޫލުކުރެވެއެވެ. މިކަމުން ދިވެހި ހުރިހައި ރައްޔިތުން ޢިބްރަތް ލިބިގަތުމަކީ މިއަދު ދިވެހިންގެ ބޮލުގައި އެޅިފައިވާ ދަރަންޏެކެވެ.
ފިއްލަދޫ ރައްޔިތުންނަށް އައްސަރި ބަހާއި ސާބަހެވެ. ތިޔައީ ނަމޫނާ ރައްޔިތުންތެކެކެވެ.
ޚިޔާލު